ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު (ވ)
ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު (ވ)
ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު، ދިވެހި ލިޔުންތެރިންނާ ބައްދަލު ކުރަށްވައިފިއެވެ.

ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ "އިސްވަރު" ހޯލުގައި އިއްޔެ ބޭއްވި މި ބައްދަލުކުރެއްވުމަކީ ލިޔުންތެރިންނަށް ޚާއްޞަކޮށްގެން ބޭއްވި ބައްދަލުވުމެކެވެ. މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ، ލިޔުންތެރިކަމަކީ މި ވުޒާރާއާ ގުޅުންހުރި ވަރަށް މުހިންމު ދާއިރާއެއްކަމަށްވާތީ، ލިޔުންތެރިކަމުގެ ދާއިރާ މިހާރު އޮތް ހާލަތާއި، ލިޔުންތެރިންނަށް ދިމާވާ މައްސަލަތަކާއި، އެ ކަންކަން ހައްލުކުރުމަށްޓަކައި ބޭނުންވާ ކަންތައްތަކާ ބެހޭގޮތުން މަޝްވަރާ ކުރުމެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ހީނާ ވަލީދު ވިދާޅުވީ، ލިޔުންތެރިންގެ ހުރި ކަންބޮޑުވުންތަކާއި ދަތިތަކާއި ޚިޔާލުތައް އަޑުއައްސަވައި، އެ ދަތިތަކަށް ހައްލު ހޯއްދަވައިދެއްވައި، ލިޔުންތެރިކަމުގެ ދާއިރާގެ މިހާރުގެ ހާލަތު އިތުރަށް ރަނގަޅު ކުރެއްވުމަށް މަސައްކަތްތަކެއް ކުރަށްވާނެ ކަމަށެވެ.

ވަޒީރުގެ ވާހަކަފުޅަށްފަހު، އަލްއުސްތާޛު ޢަބްދުލްމުޢީދު ޙަސަން ލިޔުއްވާފައިވާ ދެ ފޮތްކަމަށްވާ "އިސްލާމީ ސާސްތުރައިގެ ބައެއް މަލަ" މި ފޮތާއި، މަރުޙޫމް އަލްއުސްތާޛު ޢަބްދުﷲ ޙަމީދުގެ ހަނދާނުގައި ލިޔުއްވާފައިވާ "ޙަމީދުގެ ހަނދާނުގައި" މި ދެ ފޮތް ވަޒީރު ހީނާ ވަލީދަށް ވަނީ އަރުވާފައެވެ.

މި ބައްދަލު ކުރެއްވުމުގައި ދިވެހިބަހުގެ އެކެޑެމީގެ ރައީސް ޙަސަން ޝާކިރު މުޙައްމަދާއި، ލިޔުންތެރިން ވަނީ ލިޔުންތެރިކަމުގައި މިހާރު ހުރި ގޮންޖެހުންތަކާއި، ޒުވާން ޖީލު ލިޔުންތެރިކަމަށް ޝައުޤުވެރި ކުރެވޭނެ ބައެއް ކަންކަމާ ގުޅޭގޮތުން ޚިޔާލު ބަދަލުކުރަށްވާފައެވެ. އެގޮތުން ބައެއް ލިޔުންތެރިން ވަނީ އެބޭފުޅުންގެ ކަންބޮޑުވުންތަކާއި، މިހާރަށްވުރެ އިތުރަށް ލިޔުންތެރިކަން ރަނގަޅުކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް