ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު އަފީފު ހުސައިން
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު އަފީފު ހުސައިން
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނަވަނިކޮށް އިއްޔެ މަޤާމުން ވަކިކުރެއްވި މުހައްމަދު އަފީފު ހުސައިން، މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަމަންޓް އެންޑް އެނަޖީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހަމަޖައްސަވައިފިއެވެ.

އަފީފު ފެނަކައިގެ އެމްޑީގެ މަގާމުން ވަކިކުރަށްވާފައި މިވަނީ، ދައުލަތުގެ ކުންފުނިތައް ހިންގުން ހަރުދަނާ ކުރުމުގެ ސިޔާސަތުގެ ދަށުން ފެނަކަ އުވާލައި، އެ ކުންފުނީގެ އެންމެހައި މަސައްކަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމަށް ސަރުކާރުން ނިންމުމާ ގުޅިގެންނެވެ. ސަރުކާރުން ފެނަކަ އުވާލުމަށް ނިންމިކަން ރަސްމީކޮށް އިއުލާންކުރީ މިދިޔަ ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހުއެވެ.

އެނަރޖީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމަށް އައްޔަން ކުރެއްވި މުހައްމަދު އަފީފަކީ ޝަރީއާގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. މީގެއިތުރުން އޭނާއަކީ ދައުލަތުގެ ތަފާތު އެކި މަގާމުތަކުގައި 40 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތްތަކެއް ކުރަށްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ ގިނަ އަދަދަކަށް މުވައްޒަފުން ތިބި ފެނަކައިގައި 8،000 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތްކުރަމުންދާކަން މީގެކުރިން އަފީފު ވަނީ ހާމަކުރަށްވާފައެވެ. އެ ކުންފުނީގެ ޚަރަދުތައް ކުޑަކޮށް، މުވައްޒަފުންގެ އަދަދު މަދުކުރުމަށްޓަކައި ހަތަރު މަހުގެ މުސާރައާއެކު އަމިއްލައަށް ވަޒީފާއިން ވަކިވުމަށް މިދިޔަ ޖޫން މަހު ހުޅުވާލި ފުރުސަތުގެ ދަށުން، ޕެކޭޖާއެކު ޖުމުލަ 107 މުވައްޒަފަކު ވަނީ އަމިއްލައަށް އެދިގެން ކުންފުނިން ވަކިވެފައެވެ.

ފެނަކަ އުވާލައި، އެ ކުންފުނިން ރަށްރަށުގައި ދެމުންދާ ޚިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން ކުރިއަށް ގެންދިޔަ ނަމަވެސް، ބަދަލުކުރުމުގެ މަސައްކަތްތައް އަދި މިހާތަނަށް މުޅިން އެއްކޮށް ނިމިފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް