އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢުގެ ލޯގޯތައް، ފޮޓޯ: ހެރިޓޭޖް މިނިސްޓްރީ
އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢުގެ ލޯގޯތައް، ފޮޓޯ: ހެރިޓޭޖް މިނިސްޓްރީ
ދިވެހި މުޖުތަމަޢުގައި އިޙްތިރާމްކުރުމުގެ ރީތި އާދަ އަލުން ދިރުވައި އާލާކުރުމުގެ މަޤްޞަދުގައި ސަރުކާރުން ފައްޓަވާ "އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު"ގެ ރަސްމީ ލޯގޯ ހޮވުމަށްޓަކައި ޢާންމުންގެ ވޯޓަށް ހުޅުވާލައިފިއެވެ.

ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި، މި މަޝްރޫޢުގެ ލޯގޯ ފަރުމާކުރުމަށް ހުޅުވާލި ފުރުޞަތުގައި ޖުމްލަ 22 ލޯގޯއެއް ވަނީ ހުށަހަޅާފައެވެ. އަދި ފަނޑިޔާރުންގެ ޕެނަލަކުން އެ ހުށަހެޅުންތައް އިވެލުއޭޓްކުރުމަށްފަހު، މިހާރު ވަނީ އެންމެ ފުރިހަމަ 10 ލޯގޯ ޝޯޓްލިސްޓް ކޮށްފައެވެ.

ޝޯޓްލިސްޓް ކުރެވުނު 10 ލޯގޯގެ ތެރެއިން އެންމެ ކަމުދާ ލޯގޯއަކަށް ވޯޓު ދިނުމުގެ ފުރުޞަތު މިހާރު ވަނީ 'ޕީއެސްއެމް އެއަރ' އެޕްލިކޭޝަން މެދުވެރިކޮށް ހުޅުވާލެވިފައެވެ. މި ވޯޓުލުން ކުރިއަށްދާނީ މި ހިނގާ މަހުގެ 29 ވާ ބުރާސްފަތި ދުވަހުގެ ދަންވަރު 00:00 އާ ހަމައަށެވެ. މުބާރާތުން އެއްވަނައަށް ހޮވޭ ލޯގޯއެއް ފަރުމާކުރި ފަރާތަކަށް 60،000 (ފަންސާސް ހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ދިވެހިންގެ މެދުގައި ޒަމާނުއްސުރެ އޮތް އަގުހުރި ސިފައެއް ކަމަށްވާ އެކަކު އަނެކަކަށް އިޙްތިރާމްކުރުމުގެ ރީތި އާދަ މުޖުތަމަޢުން ފަނޑުވަމުންދާތީ، އެކަން ހައްލުކުރެއްވުމަށް މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސްނަންގަވައިގެން ފައްޓަވާ ޚާއްޞަ ޤައުމީ މަޝްރޫޢެކެވެ. ފަސް އަހަރު ދުވަހުގެ މުއްދަތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ މައިގަނޑު ޝިޢާރަކީ "އިޙުތިރާމުގެ އުފާ - މުޖުތަމަޢުގެ ނަފާ" އެވެ.

މި ޤައުމީ މަޝްރޫޢު ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވަނީ ފަންނާއި ސަގާފަތާ ބެހޭ ވުޒާރާގެ އިތުރުން ދައުލަތުގެ މީޑިއާ، ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އެވެ. މި ހަރަކާތްތައް ވިލަރެސްކޮށް ބެލެހެއްޓުމަށްޓަކައި 9 މެންބަރުންގެ ޚާއްޞަ ކޮމިޓީއެއް އެކުލަވާލާފައިވާއިރު، މި ކެމްޕޭން ފުޅާ ދާއިރާއެއްގައި ރައްޔިތުންނާ ހަމައަށް ގެނެސްދިނުމަށްޓަކައި ރާއްޖޭގެ 34 މީޑިއާއަކުން މިހާތަނަށް ވަނީ މި މަޝްރޫޢުގައި ބައިވެރިވެ ސޮއިކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް