މުޙައްމަދު އަބޫ ޙައްމާދު ޝަހީދުކޮށްލުން
މުޙައްމަދު އަބޫ ޙައްމާދު ޝަހީދުކޮށްލުން
އިސްރާއީލުގެ އިސްތިއުމާރީ އަނިޔާވެރި ބާރުތަކުން ޣައްޒާގެ ދީރު އަލްބަލަޙަށް މިއަދު ދިން ވަރުގަދަ ހަމަލާއެއްގައި، އުމުރުން އެންމެ 14 އަހަރުގެ މުޙައްމަދު އަބޫ ޙައްމާދު ޝަހީދުކޮށްލައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ކުޑަކުއްޖާއަށް މި ލާއިންސާނީ ހަމަލާ އަމާޒުވީ، ސްކޫލް ނިންމުމަށްފަހު އެނބުރި ގެއަށް ދިޔަ މަގުމަތީގައެވެ. އަދި ހަމަލާ އަމާޒުވި ވަގުތުވެސް އޭނާގެ ކޮނޑުގައި ސްކޫލް ދަބަސް އަޅުވާފައި އޮތްކަމަށް މަންޒަރު ދުށް ފަރާތްތަކުން ބުނެއެވެ. މިއީ އިސްރާއީލުގެ ރަހުމުކުޑަ ހަމަލާތަކުގެ ސަބަބުން، ޣައްޒާގެ މައުސޫމް ކުޑަކުދިންގެ އުނގެނުމުގެ ހައްގާއި ދިރިހުރުމުގެ އަސާސީ ހައްގު ފޭރިގަންނަމުންދާ ކަމުގެ އަނދިރި އަދި ހިތާމަވެރި ހެއްކެކެވެ.

މި ހާދިސާއާ ގުޅިގެން ޝަހީދުވި ކުއްޖާގެ ހަށިގަނޑު ދީރު އަލްބަލަޙުގެ އަލްއަޤްޞާ ހޮސްޕިޓަލަށް ގެންދެވުމާއެކު، އާއިލާއަށާއި އެ ސަރަހައްދުގެ ރައްޔިތުންނަށް ވަނީ ފުން ހިތާމައަކާއި ސިހުން ގެނުވާފައެވެ.

އިސްރާއީލުން ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ މިފަދަ ލާއިންސާނީ ޖަރީމާތަކުގައި މައުސޫމް ކުޑަކުދިންނާއި އާންމުން ޝަހީދުވަމުންދާތީ، ބައިނަލްއަޤްވާމީ މުޖުތަމައުގެ ފާޑުކިޔުންތަކާއި ނުރުހުން ވަނީ އަނެއްކާވެސް އިންތިހާއަށް އިތުރުވެގެން ގޮސްފައެވެ.



ކިޔުންތެރިންގެ ހިޔާލު