އަހްމަދު ޝަފްނީޒް، ފޮޓޯ: މަޖިލިސް
އަހްމަދު ޝަފްނީޒް، ފޮޓޯ: މަޖިލިސް
ރާއްޖޭގެ ޓެކްސޭޝަންގެ ދާއިރާއަށް އިތުރު ބާރެއް ގެނައުމުގެ ގޮތުން، ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މުހިންމު މަގާމަށް، ސ. ހުޅުދޫ ބަގީޗާގޭ އަހްމަދު ޝަފްނީޒް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ޝަފްނީޒް އައްޔަންކުރުމަށް ފާސްކުރީ، ޖަލްސާގައި ތިއްބެވި 56 މެންބަރުންގެ ތެރެއިން 55 މެންބަރުންގެ ވޯޓުންނެވެ. އެއީ މަގާމަށް އޭނާ އައްޔަންކުރެވުމަށް ދެވުނު ވަރަށް ބޮޑު ތާއީދެކެވެ.

މި މަގާމަށް ބޭފުޅަކު އައްޔަންކުރެއްވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ތިން ބޭފުޅެއްގެ ނަން ފޮނުއްވެވިއެވެ. އެއީ ސ. ހުޅުދޫ ބަގީޗާގޭ އަހްމަދު ޝަފްނީޒް، ވ. މިއަރެސް އަހުމަދު މައުސޫމް އަދި ކ. ދިއްފުށި ކަނދުގަސްދޮށުގެ މަރިޔަމް ޖައިދާ އެވެ.

މި މައްސަލަ ދިރާސާކުރުމުގެ ތެރެއިން މަޖިލީހުގެ އިގްތިސާދީ ކޮމިޓީން ވަނީ އެ ތިން ބޭފުޅުންނާ އިންޓަވިއުކޮށް، ކޮމިޓީ މެންބަރުން މާކްސް ދެއްވާފައެވެ. ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ދަށުން، މަޖިލީހުގެ އާއްމު ކޮމިޓީން ފާސްކޮށްފައިވާ މިންގަނޑުގައިވާ ގޮތުގެމަތިން 75 ޕަސެންޓް މަތިން މާކްސް ލިބުނީ 96.20 ޕަސެންޓް މާކްސް ލިބުނު އަހްމަދު ޝަފްނީޒް އަށެވެ.

އެހެންކަމުން، އިގްތިސާދީ ކޮމިޓީން ވަނީ މި މަގާމަށް ޝަފްނީޒް އައްޔަންކުރަން ފާސްކޮށް، މި މައްސަލަ ދިރާސާކުރި ރިޕޯޓް މަޖިލީހުގެ ތަޅަމަށް ފޮނުވާފައެވެ. މިއަދު މަޖިލީހުން އޭނާ މި މަގާމަށް އައްޔަން ކުރަން ފާސްކުރީ، ކޮމިޓީ ރިޕޯޓުގައިވާ ގޮތަށް ވޯޓަށް އަހައިގެންނެވެ.



ކިޔުންތެރިންގެ ހިޔާލު