ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް
ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް
ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ސޮއިނުކުރެއްވުމުން ސަފީރަކު މަގާމުން ވަކިކުރި ކަމަށް ބުނެ ފަތުރަމުންދަނީ ހަގީގަތާ ޚިލާފު ދޮގު ޚަބަރެއް ކަމަށާއި، ޚާރިޖީ ވުޒާރާއާއި އެ ވުޒާރާގެ މުވައްޒަފުންނާ ގުޅުވައިގެން ސާބިތުނުވާ މަޢުލޫމާތު އާންމު ނުކުރުމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން މިއަދު އިލްތިމާސް ކޮށްފިއެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ޕީއެންސީއަށް ސޮއިނުކުރެއްވުމުގެ ސަބަބުން ސަފީރަކު މަގާމުން ވަކިކުރެއްވި ކަމަށް ވިދާޅުވެ، ނޫހެއްގައި ޝާއިޢުކޮށްފައިވާ ޚަބަރެއް އެ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެއީ އެއްވެސް އަސާސެއް ނެތް، ކަނޑައެޅިގެން ހަޤީގަތާ ޚިލާފު ޚަބަރެއް ކަމުގައި ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.

ޚާރިޖީ ވުޒާރާއިން ވަނީ، ސަފީރުން މަގާމަށް އައްޔަނު ކުރުމާއި މަގާމުން ވަކިކުރުމަކީ ދިވެހިރާއްޖޭގެ ފޮރިން ސާރވިސް ޤާނޫނުގެ ދަށުން، ވަކި އުޞޫލުތަކަކާއި ހަމަތަކެއްގެ މަތީން ހިނގަމުންދާ ކަމެއް ކަން ފާހަގަ ކޮށްފައެވެ. އެގޮތުގެ މަތީން، ސަފީރުން މަގާމުން ވަކިކުރުމުގެ ނިންމުންތައް ނިންމަމުން ގެންދަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ޤާނޫނުން ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން ކަމަށް ބަޔާނުގައިވެއެވެ.

މީގެއިތުރުން، އެ ޚަބަރުގައި ފާހަގަކޮށްފައިވާ ސަފީރަކީ 3 ޖެނުއަރީ 2024 އިން ފެށިގެން އެމްބެސެޑަރ އެޓް ލާރޖްގެ ގޮތުގައި، ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގައި ޚާރިޖީ ވުޒާރާގެ ސިޔާސީ މަގާމެއް ފުރުއްވަމުން ގެންދެވި ބޭފުޅެއް ކަމަށް ޚާރިޖީ ވުޒާރާއިން ބުނެފައިވެއެވެ. އަދި އެ ބޭފުޅާ ސަފީރެއްގެ މަގާމަށް އައްޔަނު ކޮށްފައިވަނީ 30 އޮކްޓޯބަރ 2024 ގައި ކަމަށް ޚާރިޖީ ވުޒާރާއިން ބުނެފައިވެއެވެ.

ފޮރިން މިނިސްޓްރީން އިތުރަށް ބުނެފައިވަނީ، ދިވެހިރާއްޖޭގެ ފޮރިން ސާރވިސްގެ ކޯޑް އޮފް ކޮންޑަކްޓްގެ ދަށުން، ފޮރިން ސާރވިސްގެ އެއްވެސް މުވައްޒަފަކަށް ސިޔާސީ ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި ނުހުރެވޭނެ ކަމަށެވެ. އެހެންކަމުން، ފޮރިން ސާރވިސްގެ އެއްވެސް މުވައްޒަފަކަށް ޤާނޫނާއި ޤަވާޢިދާ ޚިލާފަށް ސިޔާސީ ޕާޓީއަކަށް ސޮއިކުރުމަށް ސަރުކާރުން އެއްވެސް އިރެއްގައި މަޖުބޫރު ކޮށްފައި ނުވާނެ ކަމުގެ ޔަގީންކަން އެ ވުޒާރާއިން ވަނީ ދީފައެވެ.

އެހެންކަމުން، މިފަދަ ހަގީގަތާ ޚިލާފު ދޮގު ވާހަކަތައް ނުފެތުރުމަށާއި، ޚާރިޖީ ވުޒާރާއާއި އެ ވުޒާރާގެ މުވައްޒަފުންނާ ގުޅުވައިގެން ސާބިތުނުވާ މަޢުލޫމާތު އާންމު ނުކުރުމަށް ފޮރިން މިނިސްޓްރީން ވަނީ ހުރިހާ ފަރާތްތަކަށް އިލްތިމާސް ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު