ލަނާ ޒާކީ ނުސައިބް-
ލަނާ ޒާކީ ނުސައިބް-
އދ.ގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ޔުނައިޓެޑް ޢަރަބް އެމިރޭޓްސް (ޔޫ.އޭ.އީ) އިން ނޮމިނޭޓްކޮށްފައިވާ ލަނާ ޒާކީ ނުސައިބްގެ ކެންޑިޑެސީއަށް ރާއްޖޭން މަރުޙަބާ ކިޔައިފިއެވެ. މިކަން ހާމަކޮށްފައިވަނީ ދިވެހި ސަރުކާރުން ރޭ ނެރުނު ބަޔާނެއްގައެވެ.

ޚާރިޖީ ވުޒާރާގެ މިބަޔާނުގައި ވަނީ އދ. ގެ އެންމެ އިސް މަޤާމަށް އަންހެން ބޭފުޅެއް ހޮވަންވީ ވަގުތު ޖެހިފައިވާ ކަމަށް ބުނެފައެވެ. އަދި ސަފީރު ނުސައިބްގެ ކެނޑިޑޭސީ އައިސްފައިމިވަނީ، އދ. އަށް ބަދަލުތަކެއް އައުން މުހިންމު ދަނޑިވަޅެއްގައި ކަމަށް ރާއްޖޭން ވަނީ ބުނެފައެވެ. މިފަދަ ދަނޑިވަޅެއްގައި އދ. އިން ކަނޑައަޅާފައިވާ އުސޫލުތަކަށް ބޯލެނބުމާއި، ބުއްދިވެރިކަމާއެކު ނިންމުންތައް ނިންމުމާއި، މެމްބަރު ޤައުމުތަކުގެ މެދުގައި އިތުބާރާއި އެއްބަސްވުން ބިނާކުރުމުގެ ގާބިލުކަން އދ. އަށް ކުރިއަށްވުރެ ބޮޑަށް ބޭނުންވާ ކަމަށް ރާއްޖޭން ބުނެފައިވެއެވެ.

ދިވެހިރާއްޖެއިން ބުނީ، އދ. ގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް އަންނަ މީހަކު ވާންވާނީ އދ. ގެ ޗާޓަރާއި ބައިނަލްއަގްވާމީ ގާނޫނުތައް ސާބިތުކަމާއެކު ހިފަހައްޓަވައި، އިންސާނީ ކަރާމަތާއި، އިންސާފާއި، ބައިނަލްއަގްވާމީ ގާނޫނުތައް ހަމަހަމަ ކަމާއެކު ތަންފީޒު ކުރަށްވާނެ ބޭފުޅަކަށް ކަމަށެވެ. އަދި ސުލްހަ އާއި ސަލާމަތާއި، ދެމެހެއްޓެނިވި ތަރައްގީއާއި، އިންސާނީ ހައްގުތައް ކުރިއެރުވުމަކީ، އދ. ގެ މަސައްކަތްތަކުގެ މައިގަނޑު އަސާސެއްގެ ގޮތުގައި ދެމިއޮންނަން ޖެހޭ ކަމަށް ރާއްޖޭން ވަނީ ބުނެފައެވެ.

ހަމައެއާއެކު ތަރައްގީވަމުން އަންނަ ކުޑަ ދައުލަތެއްގެ ހައިސިއްޔަތުން، ދިވެހިރާއްޖޭން ޤަބޫލުކުރަނީ އދ. ވާންޖެހޭނީ އިތުބާރު ހުރި، އަދި ހުރިހާ ޤައުމުތަކަކަށް ބަސްބުނުމުގެ ފުރުސަތުއޮތް ޖަމާޢަތަކަށް ކަމަށް ޚާރިޖީ ވުޒާރާގެ ބަޔާނުގައިވެއެވެ.

އޭގެއިތުރުން އދ. ގެ ސެކްރެޓަރީ ޖެނެރަލް ހޮވުމުގެ މަސައްކަތަކީ، ހާމަކަންބޮޑު، ހުރިހާ ފަރާތްތަކެއް ހިމެނޭ އަދި ގާބިލުކަމަށް ބިނާވެފައިވާ މަސައްކަތަކަށް ވާންޖެހޭ ކަމަށާއި، އދ. އިތުރަށް ހަރުދަނާ ކުރުމަށާއި، ހުރިހާ އިންސާނުންނަށްޓަކައި އދ. ގެ ހިދުމަތްތައް ރަނގަޅު ކުރުމަށް، މެމްބަރު ޤައުމުތަކާއެކު މަސައްކަތް ކުރުމަށް ރާއްޖޭން ވަނީ ގޮވާލާފައެވެ.



ކިޔުންތެރިންގެ ހިޔާލު