ފޮޓޯ: އެމްޕީއެލް
ފޮޓޯ: އެމްޕީއެލް
ތިލަފުށީގައި ގުދަންތައް ހިންގަމުންދާ ވިޔަފާރިތަކަށް ޚާއްޞަކޮށްގެން، ތިލަފުށީ ޕޯޓުން ސީދާ ކޮންޓެއިނަރު ދޫކުރުމުގެ އިންތިޒާމު އަންނަ ނޮވެމްބަރު މަހުގެ ފަހުކޮޅު ފެށިގެންދާނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހާމަކޮށްފިއެވެ.

ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައު މިކަމާ ގުޅޭ ތަފްޞީލު ހާމަކުރައްވަމުން އެމްޕީއެލްގެ ސީއީއޯ ހުސައިން ޝަފީގު ވިދާޅުވީ، ތިލަފުށީގައި ވެއަރހައުސް ހަދައިގެން ވިޔަފާރިކުރާ ފަރާތްތަކަށް އެ ރަށުން ކޮންޓެއިނަރު ކަނޑައި، މުދާ ކްލިއަރ ކުރުމުގެ ޚިދުމަތް އެންމެ ލަސްވެގެންވެސް އަންނަ މަހުގެ ފަހުކޮޅު ފެށޭނެ ކަމަށް އަންދާޒާކުރެވޭ ކަމަށެވެ. އަދި އޭގެ ފަހުން މާ ލަސްތަކެއް ނުވެ، އެލްސީއެލް ކާގޯ ނުވަތަ ކުދި މުދާ އެ ރަށުން ދޫކުރުމުގެ މަސައްކަތްވެސް ތަޢާރަފުކުރާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މިމަހު މަހުގެ 27 ވަނަ ދުވަހު ތިލަފުށީ ޕޯޓުގެ ޚިދުމަތްތައް ފަށާފައިވާއިރު، މިހާރު އެ ބަނދަރުން މައިގަނޑު ގޮތެއްގައި ދެމުން އަންނަނީ މުދަލާއެކު ކޮންޓެއިނަރު ދޯނިފަހަރަށް ބަރުކޮށްދިނުމާއި، ހުސް ކޮންޓެއިނަރުތައް ބޭލުމުގެ ޚިދުމަތެވެ.

ރާއްޖެއަކީ އިމްޕޯޓަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ ޤައުމަކަށް ވުމާއެކު، މުދާ އެތެރެކުރުމުގެ މައި ދޮރާއްޓަކީ މާލޭ ވިޔަފާރި ބަނދަރެވެ. ނަމަވެސް، 1986 ވަނަ އަހަރު ބޭނުންކުރަން ފެށި އެ ބަނދަރުގެ ޖާގައަށް ވުރެ ތިން ގުނަ އިތުރަށް 2015 އިން ފެށިގެން ބުރަބޮޑުވެފައިވުމުން، މުޅި އިޤްތިޞާދީ ދުވެއްޔަށް ވަނީ އޭގެ ނޭދެވޭ އަސަރު ފޯރާފައެވެ. ސަރުކާރުން އިސްނަންގަވައިގެން ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ ބޮޑު މަޝްރޫޢު ހިންގަމުންދަނީ މި ގޮންޖެހުންތަކަށް ދާއިމީ ޙައްލެއް ހޯދުމުގެ ބޭނުމުގައެވެ.

މި މަޝްރޫޢު ނިމުމުން ބަނދަރުގެ ޚިދުމަތް ދިނުމުގެ ޤާބިލުކަން ހަތަރު ގުނައަށް އިތުރުވެގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ. މީގެއިތުރުން، މުދާ ގެނައުމުގައި ވިޔަފާރިވެރިން ކުރަންޖެހޭ ޚަރަދުތައް ކުޑަވެގެން ގޮސް، އޭގެ ހެޔޮ އަސަރު އާންމު ރައްޔިތުންނަށް ފޯރައި، ބާޒާރުގައި ތަކެތީގެ އަގު ހެޔޮވުމަށް މަގުފަހިވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ އަމާޒަކީ ބާރު ސްޕީޑުގައި މި މަސައްކަތް ކުރިއަށް ގެންގޮސް، 2027 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ތިލަފުށީ އައު ޕޯޓުގެ ހުރިހާ މަސައްކަތްތަކެއް އެއްކޮށް ނިންމާލުމެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް