ތިނަދޫ ސިޓީގައި ހިންގި ޑްރަގު އޮޕަރޭޝަންގައި ހައްޔަރުކުރި މީހުން
ތިނަދޫ ސިޓީގައި ހިންގި ޑްރަގު އޮޕަރޭޝަންގައި ހައްޔަރުކުރި މީހުން
ދިވެހި ފުލުހުންގެ ޚިދުމަތުން ގދ. ތިނަދޫ ސިޓީގައި ހިންގި ޚާއްޞަ ޑްރަގް އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ހަތަރު މީހަކު ހައްޔަރުކޮށް، އެ މީހުންގެ ބަންދަށް މުއްދަތު ޖަހައިފިއެވެ.

މަސްތުވާތަކެތީގެ ވަބާއާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މިދިޔަ އޮކްޓޫބަރު މަހުގެ 29 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނަކީ ފުލުހުންގެ މުހިންމު ބައިތަކެއް ގުޅިގެން ހިންގި ހަރަކާތެކެވެ. އެގޮތުން މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ ޑްރަގް އެންފޯސްމަންޓާއި، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި، އަޕަރ ސައުތު ކައުންޓަރ ނާކޮޓިކްސް އޮޕަރޭޝަންސްގެ އިތުރުން ތިނަދޫ ސިޓީ ޕޮލިސް ގުޅިގެންނެވެ.

މި އޮޕަރޭޝަނުގައި ތިނަދޫ ސިޓީގެ ހަތަރު ގެއެއް ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކޮށްފައިވާއިރު، އެ ތަންތަނުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެހި ވަނީ ފެނިފައެވެ. ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މި އޮޕަރޭޝަނުގައި އަތުލައިގަތް މަސްތުވާތަކެތީގެ ވަގުތީ ބަރުދަނަކީ 6.3 ގުރާމެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ތިނަދޫ، މިނިވަންއައްސޭރި، އުމުރުން 36 އަހަރުގެ އަޙްމަދު ހާޝިމްއާއި، އެ ރަށު ވެހަފުލާ، އުމުރުން 25 އަހަރުގެ އަތޫފް އަޙްމަދާއި، ވިލާޑީލައިޓް، އުމުރުން 42 އަހަރުގެ ނާޖިދު ޢަބްދުﷲ އެވެ. މީގެއިތުރުން ގދ. ގައްދޫ، ފުސްފަރާގެ، އުމުރުން 18 އަހަރުގެ މުޙައްމަދު ޝާއިފް ޖަލީލް ވެސް ވަނީ މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައެވެ.

ހައްޔަރުކުރެވުނު ހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ކޯޓަށް ހާޒިރުކުރުމުން، މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދިއުމަށް އެ އެންމެން ވެސް 15 ދުވަހުގެ މުއްދަތަކަށް ބަންދުގައި ބޭތިއްބުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. މި މައްސަލަ ފުލުހުންގެ އިދާރާއިން މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް