މުޙައްމަދު އަޢުޡަމް   22 ނޮވެމްބަރު 2026 - 21:59
ޒުވާނުންނަށް ހާއްސަކޮށްގެން ބާއްވާ ނެޝަނަލް ޔޫތު މެންޓަލް ހެލްތް ކޮންފަރެންސް މިއަދު ފަށައިފިއެވެ.

މި މަހުގެ 22 އިން 24 އަށް މާލޭގައި ހުންނަ ޔޫތު ހަބްގެ ހޯލްގައި ކުރިއަށްދާ މި ކޮންފަރެންސް ބައިވެރިވަނީ އުމުރުން 18 އަހަރާއި 35 އަހަރާއި ދެމެދުގެ ޒުވާނުންނެވެ.

"ލިވްޑް އެކްސްޕީރިއަންސަސް ހަރޑް: ރިއަލް ވޮއިސަސް، ރިއަލް ޗޭންޖް"ގެ ޝިއާރުގެ ދަށުން ކުރިއަށްދާ މި ކޮންފަރެންސްގެ މައިގަނޑު މަގުސަދަކީ ގައުމީ ފެންވަރުގައި ނަފްސާނީ ދުޅަހެޔޮކަމުގެ ސިޔާސަތުތައް އެކުލަވައިލުމުގައްޔާއި، މުޖުތަމައުގެ ތެރެއިން ހައްލު ހޯދުމުގައި ޒުވާނުންނަކީ މައިގަނޑު ބައިވެރިން ކަމުގައި ހެދުންކަމަށް ޔޫތު މިނިސްޓްރީން ބުންޏެވެ.

މި ކޮންފަރެންސްގެ މަޝްވަރާތަކާއި ހައްލު ހޯދުމުގެ މަސައްކަތްތައް މައިގަނޑު 6 ދާއިރާއަކަށް އަމާޒުކުރާނެއެވެ.

އޭގެ ތެރޭގައި ހިމެނެނީ:

- ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން، އިމޯޝަނަލް ވެލް ބިއިން އަދި ކަންކަމަށް ކެތްތެރިވުން.

- އާއިލާ، ގުޅުންތައް، އިޖުތިމާއީ ޒިންމާ އަދި މުޖުތަމައުގެ ދުޅަހެޔޮކަން.

- އިޖުތިމާއީ އަދި އިގުތިސާދީ ރައްކާތެރިކަމާއި ކުރިމަގުގެ ފުރުސަތުތައް.

- ނަފްސާނީ ބަލިތަކާ މެދު މުޖުތަމައުގައި އޮންނަ ނުބައި ވިސްނުންތައް ދުރުކުރުމާއި، ދެކޭގޮތް ބަދަލުކުރުން.

- ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ޒުވާނުންގެ ބައިވެރިވުމާއި އިސްނެގުންތައް.

- މުޖުތަމައުގެ އަމާންކަމާއި ޒުވާނުންގެ ރައްކާތެރިކަން.

މި ކޮންފަރެންސްގައި ސްޓޭކް ހޯލްޑަރުން ގޮތުގައި ބައިވެރިވާނީ ހެލްތު މިނިސްޓްރީ، ނެޝަނަލް މެންޓަލް ހެލްތް ސެންޓަރ، ނެޝަނަލް ޑުރަގު އެޖެންސީ، އިސްލާމިކް މިނިސްޓްރީ، މޯލްޑިވްސް ޕޮލިސް ސާރވިސް، ހުޅުމާލެ ހޮސްޕިޓަލް، މައިންޑްކޯ އަދި ސެންޓަރ ފޯ މެންޓަލް ހެލްތުއެވެ.

މި ކޮންފަރެންސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މައިގަނޑު 3 ތީމަކަށް ބަހާލައިގެންނެވެ. މީގެ ތެރޭގައި ހިމެނެނީ، ޒުވާނުންގެ ނަފުސާނީ ދުޅަހެޔޮކަން މިހާރު ހުރި މިންވަރު ދެނެގަތުން، ޒުވާނުންނަށް ކުރިމަތިވާ ގޮންޖެހުންތައް އަދި ކޮންފަރެންސްގެ އެންމެ ފަހު ދުވަހު އޮންނާނީ މި މަައްސަލަތަކަށް ޒުވާނުން ހުށަހަޅާ ހައްލުތައް ބަލައިގަތުމެވެ.



ކިޔުންތެރިންގެ ހިޔާލު