ޅަފުރާގެ ޒުވާނުންތަކެއް އެއްވުމެއްގެތެރެއިން:
ޅަފުރާގެ ޒުވާނުންތަކެއް އެއްވުމެއްގެތެރެއިން:
އުމުރުން 18 އަހަރު ފުރުމަކީ ހަމައެކަނި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ބަދަލުވެ، ގާނޫނީ ގޮތުން ބޮޑުމީހެއްގެ ލަގަބު ލިބުމެއް ނޫނެވެ. އެއީ ޅަފަތުގެ ހިޔާވަހިކަމުން ނިކުމެ، އަމިއްލަ މިނިވަންކަމާއެކު ދިރިއުޅުމުގެ އާ ބާބެއް ފެށޭ މުހިންމު ހެއްކެކެވެ. މި މަރުހަލާގައި ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ ތިމާގެ އަމިއްލަ ނިންމުންތަކުގެ ފުރިހަމަ ޒިންމާ އަމިއްލަ ކޮނޑުގައި އުފުލަން ޖެހުމެވެ.

ދުނިޔެއަށް ލޯހުޅުވި، ތަފާތު ގޮންޖެހުންތަކާއި ފުރުސަތުތަކާ ކުރިމަތިލާންޖެހޭ މި ދަނޑިވަޅަކީ މުޅި މުސްތަގުބަލުގެ ބިންގާ އެޅިގެންދާ ވަގުތެވެ. އެހެންކަމުން، މި މަރުހަލާ ހެޔޮގޮތުގައި ގިރާކޮށް، ކާމިޔާބު އަދި އަބުރުވެރި ދިރިއުޅުމެއް ބިނާކުރުމަށްޓަކައި ކޮންމެ ޒުވާނަކުވެސް ސަމާލުކަންދޭންޖެހޭ އަސާސީ މުހިންމު ކަންތައްތަކެއް ވެއެވެ. އެގޮތުން ތިރިގައި މިބާޔާން ކުރާ ކަންތައްތަކަށް ސަމާލުކަންދީ، ގައިގައި އެކަންކަން ހަރުލެއްވުމަކީ ހަރުދަނާ މީހަކަށް ވުމަށް ނުހަނު ބޭނުންތެރި ކަމެކެވެ.

ދީނީ އަގީދާގެ މަތީގައި ސާބިތުވެ ހުރުން

ދިރިއުޅުމުގެ އެންމެ މުހިންމު އަސާސަކީ އިސްލާމްދީނުގެ ސައްހަ އަގީދާއެވެ. ދުނިޔޭގެ ތަފާތު އޮއިވަރުތަކާއި ފިކުރުތަކުގެ ތެރޭގައި ތިމާގެ ދީނީ އުސޫލުތައް ދޫކޮށްނުލާށެވެ. ފަރުޟު ފަސް ނަމާދަށް ރައްކާތެރިވުމާއި، ހަރާމް ކަންކަމުން ދުރުހެލިވުމަކީ ދިރިއުޅުމުގައި ބަރަކާތާއި ހަގީގީ ހިތްހަމަޖެހުން ލިބޭނެ ހަމައެކަނި މަގެވެ. ކޮންމެ ނިންމުމެއް ނިންމުމުގައިވެސް މާތް ﷲ އަށް ބިރުވެތިވެ، އެކަލާނގެ ރުހިވޮޑިގަންނަވާ މަގު އިޚްތިޔާރުކުރާށެވެ.

ރިވެތި އަޚްލާގަކީ ތިމާގެ އަސްލު އައިނާ

ބޭރުފުށުގެ ޒީނަތްތެރިކަމާއި، ޒަމާނީ ފެޝަނާއި، މީސްމީޑިއާގައި ލިބޭ މަގުބޫލުކަމަކީ ވަގުތީ އުފަލެކެވެ. ނަމަވެސް، ތެދުވެރިކަމާއި، އަމާނާތްތެރިކަމަކީ ތިމާ ދިޔަ ކޮންމެ ތަނަކުން ތިމާއަށް އިހުތިރާމު ހޯދައިދޭނެ ސިފަތަކެކެވެ. މުއްސަނދިކަމަށްވުރެ އަބުރުވެރި، އަޚްލާގު ރަނގަޅު ދިރިއުޅުމެއްގެ އަގު މާ މަތިވެރިއެވެ.

ރަހުމަތްތެރިން އިޚްތިޔާރުކުރުމުގައި ހޭލުންތެރިވުން

"ކޮންމެ ހިނިތުންވުމަކީ އިޚްލާސްތެރިކަމެއް ނޫނެވެ." ތިމާގެ އެކުވެރިންނަކީ ތިމާގެ ވިސްނުމާއި، އުޅުމާއި، މިޒާޖަށް އެންމެ ބޮޑު ނުފޫޒެއް ފޯރުވާނެ ފަރާތްތަކެވެ. އެހެންކަމުން، ތިމާގެ ދީނަށާއި އުސޫލުތަކަށް އިހުތިރާމުކުރާ، އަދި ހެޔޮކަންކަމަށް މަގުދައްކައި ނަސޭހަތްތެރިވާ ފަދަ ތެދުވެރި ރަހުމަތްތެރިން އިޚްތިޔާރުކުރާށެވެ.

މާލީ ހޭލުންތެރިކަމާއި ރައްކާތެރިކަން

ފައިސާއަކީ ލިބޭ މިންވަރަށްވުރެ ބޮޑަށް، އެ ބޭނުންކުރާ ގޮތެއްގެ ސަބަބުން ދިރިއުޅުން ބައްޓަންކޮށްދޭ އެއްޗެކެވެ. މީހުންނަށް ދެއްކުމުގެ ބަދަލުގައި، މާލީ މިނިވަންކަން ހޯދުމަށް އިސްކަންދޭށެވެ. ބޭކާރު ޚަރަދުތައް ކޮންޓްރޯލްކޮށް، ކުރިމަގުގެ ރައްކާތެރިކަމަށްޓަކައި ޒުވާން އުމުރުގައި ފައިސާ ރައްކާކުރުމުގެ ރަނގަޅު އާދަ އަށަގަންނުވާށެވެ.

ޖަޒުބާތުގެ މައްޗަށް ބުއްދި އިސްކުރުން

ރުޅިވެރިކަމާއި، ނޭދެވޭ އެދުންތަކާއި، ވަގުތީ މަޖަލުގެ ފަހަތުން ދުވުމަކީ ވިސްނުންތެރިންވެސް މަގުއޮޅުވާލާ ކަންކަމެވެ. ކޮންމެ މުހިންމު ނިންމުމެއް ނިންމުމުގެ ކުރިން ފުންކޮށް ވިސްނާލަން ދަސްކުރާށެވެ. މިއަދު ނިންމާ ކުޑަ ނިންމުމަކީ ތިމާގެ މުޅި މުސްތަގުބަލުގެ މިސްރާބު ބަދަލުކޮށްލަނިވި ކަމެއްކަން ހަނދާނުގައި ބަހައްޓާށެވެ.

އަމިއްލަ ފައިމައްޗަށް ތެދުވުން

މައިންބަފައިންނާއި ބެލެނިވެރިން އަބަދުމެ ތިޔަކުދިންގެ އަތުގައި ހިފައިގެން ނުތިބޭނެއެވެ. އެމީހުންގެ އަގުހުރި ނަސޭހަތަކީ ދިރިއުޅުމުގެ މިސްރާބު ކަނޑައަޅައިދޭ ކަށިކޮޅެވެ. އެހެންނަމަވެސް އެ ދަތުރު ފުރިހަމަކުރަން ޖެހޭނީ އަމިއްލަ ހިތްވަރުންނެވެ. އާ ހުނަރުތައް ދަސްކުރުމާއި، މަސައްކަތްތެރިކަމާއި، އަމިއްލަ ޒިންމާ ފުރިހަމައަށް އުފުލުމަކީ ކޮންމެ ޒުވާނެއްގެ ކިބައިގައި ހުންނަންޖެހޭ ކޮންމެހެން ބޭނުންތެރި ސިފަތަކެކެވެ.

ޒުވާނުންނޭވެ! ދިރިއުޅުމަކީ ވަރަށް ބޮޑު އިމްތިހާނެކެވެ. މި ދަތުރުގައި ކެރުމާއި ހިތްވަރާއެކު ކުރިއަށްދާއިރު، އިސްލާމީ ރިވެތި ތަރުބިއްޔަތާއި ދޮށީ އުމުރުގެ މީހުންގެ ތަޖުރިބާއިން އިބުރަތް ލިބިގަންނާށެވެ. ތިމާއަކީ ބޮޑުވެފައިވާ، ޒިންމާދާރު މީހެއްކަން ސާބިތުކޮށްދޭން ޖެހޭނީ ބަހުންނޫން، އަމަލާއި ބުއްދިވެރިކަމުންނެވެ. ދީނާއި އަޚްލާގުގެ ސީދާ މަގުގައި ސާބިތުވެ ތިބެ ކުރިއަށްދާ ޒުވާނަކަށް ދުވަހަކުވެސް މަގުއޮޅިގެން ނުދާނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް