މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)
ދައުލަތުގެ އިދާރާއަކުން އެއްވެސް ފަރާތަކަށް ލިބެންޖެހި ނުލިބިވާ ފައިސާއެއް ވާނަމަ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް އެ ފަރާތަކުން ދައްކަންޖެހޭ ޓެކުހުގެ ފައިސާއާ އެ ފައިސާ އަޅައިކެނޑޭނެ އިންތިޒާމު މިހާރު ހަމަޖައްސާފައިވާ ކަމަށް މިނިސްޓްރީ އޮފް ފިނޭންސުން ހާމަކޮށްފިއެވެ.

މިނިސްޓްރީ އޮފް ފިނޭންސުން ނެރުނު ނޫސްބަޔާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، ދައުލަތުން ލިބެންޖެހޭ ފައިސާ ޓެކުހާ އަޅައިކަނޑަން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި މީރާއަށް ހުށަހެޅުމުން، ސަރުކާރުން އެ ފަރާތަކަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން ޓެކްސް އަޅައިކަނޑައިދޭނެއެވެ.

މި އިންތިޒާމުގެ ތެރެއިން، ޚާއްޞަކޮށް އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ދައުލަތަށް ހުށަހަޅާފައިވާ ބިލްތަކުގެ ތެރެއިން މިހާތަނަށް ފައިސާ ނުދެއްކި ހުރި ބިލްތަކަށް ލުއިތަކެއް ލިބިގެންދާނެ ކަމަށް ފިނޭންސް މިނިސްޓްރީން ފާހަގަކުރެއެވެ.

އެގޮތުން، ވިޔަފާރިއަކުން މީރާއަށް ދައްކަންޖެހޭ ޓެކްސް ފައިސާގެ އަދަދު، ސަރުކާރުން އެ ފަރާތަށް ދައްކަންޖެހޭ ފައިސާއަށްވުރެ ބޮޑުވާ ހާލަތްތަކުގައި، ސަރުކާރުން ދޭންޖެހޭ ފައިސާ އެއްކޮށް އަޅައިކެނޑުމަށްފަހު، ބާކީވާ އަދަދު އެ ވިޔަފާރިއަކުން މީރާއަށް ދައްކަންޖެހޭނެއެވެ. އަދި މީރާއަށް ދައްކަންޖެހޭ ޓެކްސް ފައިސާއަށްވުރެ ސަރުކާރުން އެ ފަރާތަށް ދައްކަންޖެހޭ ފައިސާގެ އަދަދު އިތުރުވާނަމަ، ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ މިންވަރު އަޅައިކެނޑުމަށްފަހު، ބާކީވާ ފައިސާ ސަރުކާރުން އެ ވިޔަފާރިއަކަށް ދައްކައި ޚަލާޞްކުރާނެ ކަމަށްވެސް އެ މިނިސްޓްރީން މަޢުލޫމާތު ދެއެވެ.

މި އުސޫލުގެ ދަށުން މީރާއަށް ދައްކަންޖެހޭ ފައިސާ އަޅައިކެނޑުމަށް އެދި ހުށަހަޅާއިރު، އެ ފައިސާގެ ތަފްސީލުތަކާއެކު، މީރާއިން އެކަމަށް ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ހުށަހެޅުމަށް ފިނޭންސް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ. ސަރުކާރުން މި ފިޔަވަޅު އަޅާފައިވަނީ ވިޔަފާރިތަކަށް ދިމާވެފައިވާ މާލީ ދަތިތަކަށް ލުޔެއް ހޯދައިދިނުމުގެ މަޤްޞަދުގައެވެ.



ކިޔުންތެރިންގެ ހިޔާލު