ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފު
ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފު
ކޮމަންވެލްތް ވަރުގަދަ ޖަމާޢަތަކަށް ހެދޭނީ މެންބަރު ޤައުމުތަކުގެ އަމިއްލަ ބާރާއި ޤާބިލުކަމުގެ މައްޗަށް ބިނާވެ ކުރިއެރުމަށް މަގުފަހިކޮށްދީގެން ކަމަށާއި، އެ ޖަމާޢަތުން ވިލުންތެރި ބައިވެރިވުންތަކަށް އިސްކަންދޭންޖެހޭ މުހިންމު ތިން ދާއިރާއެއް އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފު ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ އެންޓީގާ އެންޑް ބާބިޔުޑާގައި މިހާރު ކުރިއަށްދާ ކޮމަންވެލްތު ޤައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމުގެ ތެރެއިން މިއަދު ކުރިއަށްދިޔަ ދެވަނަ އެގްޒެކެޓިވް ސެޝަންގައި ވާހަކަފުޅުދައްކަވަމުންނެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ތިން ކަމަކީ، މުއައްސަސާތަކުގެ ޤާބިލުކަން އިތުރުކޮށް އިސްނަގައިގެން މަސައްކަތްކުރުމަށް މީހުން ބާރުވެރިކުރުވުމާއި، ޤައުމީ ލަނޑުދަނޑިތަކަށް އިޙްތިރާމްކުރުމާއެކު އަމިއްލަ ފައިމައްޗަށް ތެދުވުމުގެ ޤާބިލުކަން އަށަގެންނެވުމެވެ. އަދި ހަމައެއާއެކު ކުރިމަތިވާ ގޮންޖެހުންތައް ޙައްލުކުރުމަށް އެންމެން ގުޅިގެން ޢަމަލީ މަސައްކަތްތަކަކަށް ބަދަލުކުރުމަކީވެސް ކޮމަންވެލްތުން އިސްކަންދޭންޖެހޭ މުހިންމު ދާއިރާއެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ.

ވަގުތީ ބޭނުންތަކުގެ އިތުރުން ދެމެހެއްޓެނިވި ގޮތެއްގައި ޤާބިލުކަން އިތުރުކުރުމާއި އެއްބާރުލުން ދިނުމުގައި ޤައުމީ މަޞްލަޙަތުތަކަށް އިޙްތިރާމްކުރެވެންވާނެ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. އަދި ކޮންމެ މެންބަރު ޤައުމަކަށްވެސް އެ ޤައުމެއްގެ ތަރައްޤީގެ މިސްރާބު އަމިއްލައަށް ކަނޑައެޅުމުގެ ފުރިހަމަ އިޚުތިޔާރު އޮންނަންވާނެކަން ބަޔާންކުރައްވައި، މޫސުމީ ވިލުންތެރިކަމުން ފެށިގެން ޑިޖިޓަލް ޓްރާންސްފޮމޭޝަނާ ހަމައަށް ހުރި ގޮންޖެހުންތަކަށް ޙައްލު ހޯދުމަށްޓަކައި ތަޖުރިބާ ޙިއްޞާކުރުމާއި، ޢަމަލީގޮތުން އެހީތެރިކަން ފޯރުކޮށްދިނުމާއި، ގުޅިގެން ޙައްލުތައް ހޯދުމުގައި އެއްބާރުލުން އިތުރުކުރުމަށް ގޮވާލެއްވިއެވެ.

ރާއްޖޭގެ ތަރައްޤީގެ އަމާޒުތަކަށް އަލިއަޅުއްވާލައްވަމުން، 2040 ވަނަ އަހަރުގެ ނިޔަލަށް ދިވެހިރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމުގެ އަމާޒުތައް ނައިބު ރައީސް ތަކުރާރުކުރެއްވިއެވެ. މީގެއިތުރުން 2030 ވަނަ އަހަރުގެ ނިޔަލަށް ޑިޖިޓަލް އިޤްތިޞާދަކީ ޖީ.ޑީ.ޕީގެ 15 އިންސައްތައަށް ހެދުމަށާއި، 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ހަކަތައިގެ 33 އިންސައްތައަކީ އިޢާދަކުރަނިވި ހަކަތައަށް ހެދުމަށް ސަރުކާރުން ކަނޑައަޅާފައިވާ އަމާޒުތައްވެސް ހިއްސާކުރެއްވިއެވެ.

މި ލަނޑުދަނޑިތަކަކީ އިތުރަށް ވިލުންތެރި ރާއްޖެއެއް ބިނާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރުގެ ބައެއްކަން ފާހަގަކުރައްވައި ނައިބު ރައީސް ވިދާޅުވީ، ޤައުމީ ތަރައްޤީގެ އެންމެ ބޮޑު ބާރަކީ އަދި އޭގެ މަންފާ ޙައްޤުވާ ބަޔަކީ ރައްޔިތުން ކަމަށާއި، ޚާއްޞަކޮށް ޒުވާނުންނަށް ހުނަރާއި، ޢިލްމާއި، ފުރުޞަތުތައް ފަހިކޮށްދިނުމަކީ މި ތަޞައްވުރު ޙަޤީޤަތަކަށް ހެދުމަށް ކުރެވޭ މުހިންމު ވުނަކުރުމެއް ކަމަށެވެ.

ބޭރުން އަންނަ ގޮންޖެހުންތަކުގެ ސަބަބުން، ޚާއްޞަކޮށް ދުނިޔޭގެ ސަޕްލައި ޗޭނަށް އަރާ ބުރޫތަކާއި އިޤްތިޞާދީ ނުރައްކާތަކުގެ ސަބަބުން، ދުރުރާސްތާގެ ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލުކުރުމަށާއި އިންވެސްޓްކުރުމަށް ޤައުމުތަކަށް އޮތް ފުރުޞަތު ހަނިވަމުންދާކަންވެސް ނައިބު ރައީސް ފާހަގަކުރެއްވިއެވެ. އަދި އެފަދަ ހާލަތްތަކުގައި ވިލުންތެރިކަން އިތުރުކުރަނިވި ބައިވެރިވުންތަކުގެ ތެރެއިން، ޤައުމުތަކުގެ މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގައި ކޮމަންވެލްތަށް ވަރަށް މުހިންމު ދައުރެއް އަދާކުރެވޭނެކަމަށް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް