ކަސްޓަމްސްއިން އަތުލައިގަތް މަސްތުވާތަކެތި-
ކަސްޓަމްސްއިން އަތުލައިގަތް މަސްތުވާތަކެތި-
ރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަތުލައިގެންފިއެވެ.

ކަސްޓަމްސްއިން މިއަދު ބުނީ އެތަކެތި އަތުލައިގަނެފައިވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކަމަށެވެ.

މި އޮޕަރޭޝަނުގައި އަތުލައިގަތް މަސްތުވާތަކެތީގެ ތަފްސީލު ހާމަކުރަމުން ކަސްޓަމްސްއިން ބުނީ، އެ ތަކެތި އަތުލައިގަތީ ކަރިއާ މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕެކޭޖެއް ބަލައިފާސްކުރަމުންދިޔައިރު، އޭގެ ތެރޭގައި މަސްތުވާތަކެތި ފޮރުވާފައި ހުރިކަމަށް ކަސްޓަމްސްއަށް ޝައްކުކުރެވިގެން، އިތުރަށް ބަލައިފާސްކުރުމުގެ ތެރޭގައި ކަމަށެވެ.

އަދި އަތުލައިގަނެވުނު މި ތަކެތީގެ ޖުމްލަ ބަރުދަނުގައި 1030 ގްރާމް ހުރިއިރު، އޭގެ ތެރޭގައި ހިމެނެނީ ސިންތެޓިކް ކެތިނޯން ކަމަށްވެސް އެ އިދާރާއިން މައުލޫމާތު ދެއެވެ.

ރާއްޖޭގެ ބޯޑަރު ހުރަސްކޮށް މަސްތުވާތަކެތި އެތެރެވިޔަނުދިނުމަށް ކަސްޓަމްސްއިން އަންނަނީ ފާރަވެރިކަމާއެކު ހާއްސަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ވައިގެ މަގުންނާއި ކަނޑުމަގުން، އެކި އުކުޅުތައް ބޭނުންކޮށްގެންނާއި ހަށިގަނޑުގައި ފޮރުވައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގެ ހުރިހާ މަގުތަކެއް ބަންދުކުރުމަށްޓަކައި ބޯޑަރު ބެލެހެއްޓުމުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، މިފަދަ ނޭދެވޭ އަމަލުތައް ހުއްޓުވުމަށް ވަރުގަދަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު