ފޮޓޯ: އިމިގްރޭޝަން
ފޮޓޯ: އިމިގްރޭޝަން
މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށުން ރާއްޖެއިން ފުރުވާލަން އުޅުނު ބިދޭސީއަކު، އޭނާގެ ޕާސްޕޯޓު ވީދާލި މައްސަލައެއް ފެންމަތިވެއްޖެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ޝައިހު އެމްޑީ މަސުމް ލަތީފް ނަމަކަށް ކިޔާ ބިދޭސީ ފިރިހެނެކެވެ. ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ދީފައެވެ.

ކްރިމިނަލް ކޯޓުގެ ބަންދު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި، އޭނާއަކީ ރާއްޖޭގައި ގަވާއިދާ އެއްގޮތަށް އުޅެމުންދިޔަ މީހެކެވެ. އޭނާ ޕާސްޕޯޓު ވީދާލާފައިވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށުން ފުރުވާލުމަށްޓަކައި ގެންދިޔަ ވަގުތުގައެވެ. ނަމަވެސް، އޭނާ ފުރުވާލަން ނިންމި ސަބަބެއް އެ އަމުރުގައި ސާފުކޮށް ބަޔާންކޮށްފައެއް ނުވެއެވެ.

މީގެއިތުރުން، އޭނާއަކީ ނަފްސާނީ މައްސަލައެއް ހުރި މީހެއް ކަމަށް ބެލެވޭތީ އެސެސްމަންޓެއް ހަދާފައިވާ ކަމަށާއި، އެހެންނަމަވެސް އޭނާގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގުމަށް ހުރަހެއް ނެތް ކަމަށް ވެސް ކޯޓު އަމުރުގައި ފާހަގަކޮށްފައިވެއެވެ.

ގާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 59 އަދި 60 ވަނަ މާއްދާއަށް ރިއާޔަތްކޮށް އޭނާ ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކުރީ، އޭނާ މުޖުތަމައަށް ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފެންނާތީއެވެ.



ކިޔުންތެރިންގެ ހިޔާލު