ފޮޓޯ: ބީއެމްއެލް
ފޮޓޯ: ބީއެމްއެލް
ރަޝިއާއާއެކު ފައިސާގެ މުއާމަލާތްތައް ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް)އިން ހުއްޓާލިކަމަށް ބުނާ ވާހަކަތައް އެ ބޭންކުން ދޮގުކޮށްފިއެވެ.

ރަޝިއާއަށް ފައިސާ ފޮނުވުމަށާއި އެ ގައުމުން ފައިސާ ބަލައިގަތުން ބީއެމްއެލްއިން ހުއްޓާލައިފައިވާކަމަށް ބުނެ ރަޝިއާގެ ނޫހަކުން ވަނީ ރިޕޯޓްކޮށްފައެވެ.

އެ ރިޕޯޓާ ގުޅިގެން ބީއެމްއެލްގެ ތަރުޖަމާނު މުހައްމަދު ސައީދު ވިދާޅުވީ ރަޝިއާއަށް ފައިސާ ފޮނުވުމަށާއި އެ ގައުމުން ފައިސާ ބަލައިގަތުމަށް ބޭންކް އޮފް މޯލްޑިވްސް އިން އެއްވެސް ބަދަލެއް ގެނެސްފައި ނުވާއިރު، އެފަދަ މުއާމަލާތްތައް ހުއްޓާލައިފި ކަމަށް ބުނެ ފަތުރަމުންދަނީ ހަގީގަތާ ހިލާފު ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި މިކަމާ ގުޅޭގޮތުން ބޭންކުގެ ފަރާތުން މީޑިއާއަކަށް އެއްވެސް ބަޔާނެއް ނުވަތަ މައުލޫމާތެއް ވެސް ހިއްސާކޮށްފައެއް ނުވާކަމަށް އޭނާ ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސް އިން ރަޝިޔާއިން ފޮނުވާ ނުވަތަ އެ ގައުމާ ގުޅުންހުރި ފައިސާގެ މުއާމަލާތްތައް ހުއްޓުވުމަށް ވަކި ހާއްސަ ސިޔާސަތެއް ކަނޑައަޅާފައިނުވާ ކަމަށެވެ.

"އެހެން ބޭންކުތަކެކޭ އެއްފަދައިން، ބޭރު ފައިސާގެ މުއާމަލާތްތައް، ހާއްސަކޮށް އެމެރިކާ ޑޮލަރުގެ މުއާމަލާތްތައް ނިންމުމުގައި ބީއެމްއެލްއިން ބަރޯސާވަނީ ބައިނަލްއަގުވާމީ ކޮރެސްޕޮންޑެންޓް ބޭންކުތަކަށެވެ. މި ބޭންކުތަކުން އަމަލުކުރަނީ އެ ފަރާތްތަކުގެ އަމިއްލަ ފިޔަވަޅުތަކާއި ކޮމްޕްލަޔަންސް ސިޔާސަތުތަކަށެވެ. މީގެ ތެރޭގައި މުއާމަލާތްތަކުގައި ބައިވެރިވާ ފަރާތްތަކާއި، އެ މުއާމަލާތްތަކުން ހަގީގީ މަންފާ ލިބޭ ފަރާތްތައް ބަލައި ސްކްރީންކުރުން ހިމެނެއެވެ." ބީއެމްއެލްއިން ބުންޏެވެ.

އެހެންވެ އެފަދަ ސިޔާސަތުތަކުގެ ތެރެއަށް ފެތޭ މުއާމަލާތްތައް ކޮރެސްޕޮންޑެންޓް ބޭންކުތަކުން ބަލައިނުގަތުމަކީ ނުވަތަ އަނބުރާ ފޮނުވާލުމަކީ އެކަށީގެންވާ ކަމެއްކަމަށް ބީއެމްއެލްއިން ބުންޏެވެ. އަދި މިފަދަ ނިންމުންތައް ނިންމުމުގެ ފުރިހަމަ އިހުތިޔާރު އޮންނަނީ ކޮރެސްޕޮންޑެންޓް ބޭންކުތަކަށް ވާތީ ބީއެމްއެލްއިން އެ ނިންމުންތަކަށް އަމަލުކުރަން ޖެހޭކަމަށް ވެސް އެ ބޭންކުން ބުނެއެވެ.

ރަޝިއާއަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ އެއް ގައުމެެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް