މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ބާއްވާ އދ. ގެ މޫސުމާ ބެހޭ އެންމެ ބޮޑު ކޮންފަރެންސް (ކޮޕް31) ގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ތުރުކީވިލާތުގެ އަންތާލިޔާއަށް ވަޑައިގެންފިއެވެ.

މި ހިނގާ ނޮވެންބަރު މަހުގެ 10 އިން 14އަށް ކުރިއަށްދާ މި ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ރައީސްގެ ދެ ކަނބަލުން އެ ޤައުމަށް ވަޑައިގެންފައިވަނީ މިރޭގެ ވަގުތެއްގައެވެ.

މި ދަތުރުފުޅާ ގުޅޭގޮތުން ރައީސް އޮފީހުން ބުނީ މި ސަމިޓްގައި ރައީސް މުޢިއްޒު ދިވެހިރާއްޖޭގެ ފަރާތުން ޤައުމީ ބަޔާން އިއްވެވުމަށް ހަމަޖެހިފައިވާ ކަމަށެވެ. މީގެއިތުރުން، މަތީ ފަންތީގެ އެކި ޙަރަކާތްތަކާއި މަޝްވަރާތަކުގައި ބައިވެރިވެވަޑައިގެން، ބައިނަލްއަޤްވާމީ އެކި ޤައުމުތަކުގެ އިސް ވެރިންނާ ބައްދަލުކުރައްވައި މަޝްވަރާކުރެއްވުމަށް ރޭވިފައިވާކަމަށް ރައީސް އޮފީހުން ބުންޏެވެ.

ކޮޕް31 އަކީ މޫސުމީ ބަދަލުތަކާ ދެކޮޅަށް ދުނިޔޭގެ ފެންވަރުގައި ކުރެވޭ މަސައްކަތްތައް ހަލުވިކުރުމަށްޓަކައި، ދުނިޔޭގެ ލީޑަރުންނާއި، ޔޫ.އެން.އެފް.ސީ.ސީ.ސީ ގެ މެންބަރު ޤައުމުތަކުގެ މަންދޫބުންގެ އިތުރުން ވިޔަފާރިވެރިންނާއި، ޒުވާނުންނާއި، ސައިންސްވެރިން އަދި މަދަނީ ޖަމުޢިއްޔާތައް އެއްތަނަކަށް ޖަމާވެ، އެ ފަރާތްތަކުގެ ތަޖުރިބާތަކާއި ހޯދުންތައް ޙިއްސާކުރާ މުހިންމު ސަމިޓެކެވެ.

މި އަހަރުގެ މި ސަމިޓަކީ 1992 ވަނަ އަހަރު ވުޖޫދުކުރެވުނު ތާރީޚީ ޔޫ.އެން.އެފް.ސީ.ސީ.ސީ މުޢާހަދާގެ (ކާމިޔާބު ޕެރިސް އެގްރީމެންޓުގެ އަސްލު ކަމުގައިވާ) ދަށުން ބޭއްވޭ 31 ވަނަ ސެޝަންއެވެ. މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.



ކިޔުންތެރިންގެ ހިޔާލު