އަންހެނުން މާލީ ގޮތުން ބާރުވެރިކުރުވުމަށް އެމްއެމްއޭ އިން ދިއްދޫގައި ކުރިއަށް ގެންދިޔަ ބައްދަލުވުން، ފޮޓޯ: އެމްއެމްއޭ
އަންހެނުން މާލީ ގޮތުން ބާރުވެރިކުރުވުމަށް އެމްއެމްއޭ އިން ދިއްދޫގައި ކުރިއަށް ގެންދިޔަ ބައްދަލުވުން، ފޮޓޯ: އެމްއެމްއޭ
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކުރިއަށްގެންދާ "ފިންލިޓް ފެސްޓް" ގެ ތެރެއިން، އަންހެނުން މާލީ ގޮތުން ބާރުވެރިކުރުވުމަށް އަމާޒުކޮށްގެން ހއ. ދިއްދޫގައި ޚާއްޞަ ފޯކަސް ގްރޫޕް މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

އިއްޔެ ހަވީރު ދިއްދޫގައި ބޭއްވި މި ބައްދަލުވުން އިސްވެ ލީޑުކޮށްދެއްވީ އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރު ޢާއިޝަތު އަސްނާ ޙަމްދީއެވެ. މި ސެޝަންގައި ޑެޕިއުޓީ ގަވަރުނަރު ވަނީ އޭނާގެ ތަޖުރިބާތައް ބައިވެރިންނާ ހިއްސާކުރައްވައި، މާލީ ދާއިރާގައި އަންހެނުންނަށް ހުރި ފުރުޞަތުތަކާ ގުޅޭގޮތުން ވާހަކަދައްކަވާފައެވެ.

މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ މާލީ ޚިދުމަތްތައް ހޯދުމުގައި އަންހެނުންނަށް ދިމާވާ ގޮންޖެހުންތަކާއި ހުރަސްތައް ދެނެގަނެ، އެކަންކަމުން އަރައިގަނެވޭނެ ގޮތްތަކާ މެދު މަޝްވަރާކުރުމެވެ. މީގެއިތުރުން، އަންހެނުންގެ މާލީ ދުޅަހެޔޮކަން އިތުރުކުރުމަށްޓަކައި އެޅިދާނެ ފިޔަވަޅުތަކާއި، ޢަމަލީ ގޮތުން މާލީ މިނިވަންކަން ވަރުގަދަކުރެވޭނެ ދޮރުތައް ހޯދުމަށް މި ބައްދަލުވުމުގައި ފުޅާ ދާއިރާއެއްގައި ޚިޔާލު ބަދަލުކުރެވުނެވެ.

އެމްއެމްއޭ އިން މަޢުލޫމާތު ދިން ގޮތުގައި، މި ސެޝަނަކީ ބައިވެރިވި އަންހެނުންނަށް އެމީހުންގެ އަމިއްލަ ތަޖުރިބާތައް ހިއްސާކޮށް، ޚިޔާލު ބަދަލުކުރުމަށް ލިބުނު ވަރަށް އަގުހުރި ފުރުޞަތެކެވެ. އަދި މުޖުތަމަޢުގައި އަންހެނުން މާލީ ގޮތުން ފުދުންތެރި، ބާރުވެރި ބަޔަކަށް ހެދުމަށްޓަކައި ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ބައިވެރިންގެ ފަރާތުން މުހިންމު ޚިޔާލުތަކެއް ވަނީ ލިބިފައެވެ.

އަތޮޅުތެރޭގައި މާލީ ހޭލުންތެރިކަން އިތުރުކުރުމަށް އެމްއެމްއޭ އިން ކުރިއަށްގެންދާ މި ފެސްޓިވަލްގެ ތެރެއިން މުޖުތަމަޢުގެ އެކި ފަންތީގެ މީހުންނަށް އަމާޒުކޮށްގެން މިފަދަ ގިނަ ހަރަކާތްތަކެއް ދަނީ ހިންގަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު