ކުއްލި ހާލަތްތަކަށް ތައްޔާރުވުމަށް އެމްއެންޑީއެފުން "އެކްސަސައިޒް ޖައްރާފާ 2026", ފޮޓޯ: އެމްއެންޑީއެފް
ކުއްލި ހާލަތްތަކަށް ތައްޔާރުވުމަށް އެމްއެންޑީއެފުން "އެކްސަސައިޒް ޖައްރާފާ 2026", ފޮޓޯ: އެމްއެންޑީއެފް
ދިމާވެދާނެ ނުރައްކާތެރި އަދި ކުއްލި އަލިފާނުގެ ހާދިސާތަކަށް އިޖާބަދިނުމުގެ ގާބިލުކަން އިތުރުކުރުމުގެ މަގުސަދުގައި، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ކުރިއަށްގެންދާ ޚާއްސަ ތަމްރީނު ޕްރޮގްރާމް "އެކްސަސައިޒް ޖައްރާފާ-2026" ރަސްމީކޮށް ފަށައިފިއެވެ.

މާދަމާގެ ނިޔަލަށް ކުރިއަށްގެންދާ މި އެކްސަސައިޒް ފެށުމުގެ ގޮތުން ކަޅުތުއްކަލާކޮށީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ.

މި އެކްސަސައިޒަކީ ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން މިހާރު އަމަލުކުރަމުންދާ ފަޔަރ އިމަޖެންސީ އޮޕަރޭޝަނަލް ޕްލޭނަށް އަހުލުވެރިވުމަށާއި، ބޮޑެތި އަދި އުނދަގޫ އަލިފާނުގެ ހާދިސާތަކުގައި ފަޔަރ ފައިޓަރުންނަށް ލިބިފައިވާ އިލްމާއި ހުނަރާއި ވަސީލަތްތައް އެންމެ ފުރިހަމަ ގޮތުގައި ބޭނުންކޮށްގެން ހާދިސާތައް މެނޭޖްކުރާ މިންވަރު ދެނެގަތުމަށް ބާއްވާ ތަމްރީނެކެވެ. މީގެއިތުރުން ކުއްލި ހާލަތްތަކުގައި ކަމާގުޅުންހުރި އެކި އިދާރާތައް ގުޅިގެން ހަރަކާތްތެރިވާނެ ގޮތްތައް ފަރިތަކޮށް، ޖުމްލަ ތައްޔާރީ ހާލަތު ވަރުގަދަކުރުމަކީ ވެސް މި ތަމްރީނުގެ މުހިންމު ބޭނުމެކެވެ.

މި ތަމްރީނުތައް މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށި އަދި ކްރޮސް ރޯޑްސް މޯލްޑިވްސްގައި ކުރިއަށްދާއިރު، މިއަދު ހެނދުނު ވަނީ މާލޭގައި މުހިންމު ސިނާރިއޯއެއް ފަރިތަކޮށްފައެވެ. އެގޮތުން، މ. ތުރީ ފްރެންޑްސް ގޭގައި ގޭސް އެކްސްޕްލޯޝަނެއް ހިނގައިގެން އުޅޭކަމުގެ މައުލޫމާތު ހެނދުނު 08:00 ހާއިރު ލިބުމާއެކު، މާލެ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވާނެ ގޮތް ވަނީ އަމަލީ ގޮތުން ދައްކާލާފައެވެ.

މި ސިނާރިއޯގެ ތެރެއިން، ހާދިސާގައި އަނިޔާވި ދެ މީހަކު ފިހިގެން ހޮސްޕިޓަލަށް ގެންގޮސް އަވަސް ފަރުވާ ދިނުމުގެ މަރުހަލާތަކާއި، ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ދިވެހި ފުލުހުންގެ ޚިދުމަތާ ގުޅިގެން ތަހުގީގު ހިންގާނެ ގޮތްތައް ވެސް ވަނީ ފަރިތަކޮށްފައެވެ.

މިފަދަ ތަމްރީނުތަކަކީ ރައްޔިތުންގެ ފުރާނައާއި މުދާ ރައްކާތެރިކުރުމަށްޓަކައި ސިފައިންނާއި ގުޅުންހުރި މުއައްސަސާތަކުގެ ހުނަރާއި ތައްޔާރީ ހާލަތު އެންމެ މަތީ ދަރަޖައިގައި ދެމެހެއްޓުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ.



ކިޔުންތެރިންގެ ހިޔާލު