ބްރިގޭޑިއާ ޖެނެރަލް ރިޓަޔަރޑް އިބްރާހިމް މުޙައްމަދު ދީދީ (މ.)
ބްރިގޭޑިއާ ޖެނެރަލް ރިޓަޔަރޑް އިބްރާހިމް މުޙައްމަދު ދީދީ (މ.)
އިދިކޮޅު ޕާޓީތަކަށް މިހާރު "އިންޑިއާ އޯކޭ" ވެއްޖެ ކަމަށް ވިދާޅުވެ، އިދިކޮޅުން އިންޑިއާއާމެދު ގެންގުޅޭ ޝިޢާރުތަކަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު ބްރިގޭޑިއާ ޖެނެރަލް ރިޓަޔަރޑް އިބްރާހިމް މުޙައްމަދު ދީދީ ފާޑު ވިދާޅުވެއްޖެއެވެ.

"އިންޑިއާ އައުޓް" ގެ ނަމުގައި ބޮޑު ސިޔާސީ ޙަރަކާތެއް ހިންގަމުން އަންނަ އިދިކޮޅު ޕާޓީތަކުގެ އެންމެ އިސް ވެރިން ވަނީ، ރަސްމީ ދަތުރެއްގައި ރާއްޖެ ވަޑައިގެންނެވި އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ވަރްދަންއާ ބައްދަލުކޮށް މަނީ ލޯންޑަރިންގެ ކުށް ސާބިތުވެގެން ޕީޕީއެމްގެ ރައީސް ޔާމީންޖަލުގައި ހުންނެވުމުން އެކަމުގެ ޝަކުވާ ކޮށްފައެވެ.

އެކަމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި ބްރިގޭޑިއާ ޖެނެރަލް ރިޓަޔަރޑް އިބްރާހިމް މުޙައްމަދު ދީދީ ވިދާޅުވީ އިދިކޮޅުން ކުޅެނީ މުޅިންވެސް ސިޔާސީ ގޭމް ކަމަށާއި، އެފަރާތްތަކުން ދައްކާ ވާހަކަތަކުގައި އިޚްލާޞްތެރިކަމެއް ނެތްކަމަށެވެ. އަދި ސިޔާސީ ގޭމް ކުޅުމަށް ހަތިޔާރަކަށް ބޭނުން ކުރަނީ އަވަށްޓެރި ޤައުމުތައް ކަމަށް ދީދީ ވިދާޅުވިއެވެ.

"ކުރީގައި ދީނާއި ޤައުމު، މިދޭތެރެއިން މިނިވަންކަން. މިހާރު އިންޑިއާ އޯކޭ." އިދިކޮޅުން ގެންގުޅޭ ސިޔާސީ ޝިޢާރުތަކަށް ފާޑު ވިދާޅުވަމުން ޖެނެރަލް ޑީޑީ ވިދާޅުވިއެވެ.

އިންޑިއާ އަކީ ރާއްޖެ ހިފައި މިނިވަންކަން ނަގާލަން އުޅޭ ބައެއް ކަމަށް ޕަބްލިކްގައި ތުހުމަތު ކުރުމަށްފަހު އިދިކޮޅުން މިހާރު މިހެދީ ކިހިނެއްތޯ ޑީޑީ ވަނީ ސުވާލު އުފައްދަވާފައެވެ. އަދި މިކަހަލަ ދެއުޅިއެއްނުވާ ކަންކަމާމެދު ރައްޔިތުން ވިސްނަންޖެހޭ ކަމަށް ޖެނެރަލް ޑީޑީ ވިދާޅުވިއެވެ.

އިދިކޮޅުން އިންޑިއާގެ ފޮރިން ސެކްރެޓަރީއާއެކު ބޭއްވި ބައްދަލުވުމުގެ ތަފްސީލް ދެމުން ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ބުނެފައިވަނީ، އެ ބައްދަލުވުމުގައި އިދިކޮޅު ކޯލިޝަނުން ވަނީ އިންޑިއާއިން އަބަދުވެސް ދިވެހިރާއްޖެއަށް ފޯރުކޮށްދެމުން އަންނަ އެހީ ފާހަގަކޮށްފައި ކަމަށެވެ. އަދި ދެ ޤައުމުގެ މެދުގައިވާ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް އެއްބާރުލުން ދޭނެކަމަށް ބުނެފައިވާ ކަމުގައި ވެސް އިންޑިއާ ސަފީރިގެ އޮފީހުން ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން