ވަކީލް ޢަލީ ޝާހް
ވަކީލް ޢަލީ ޝާހް
ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރަށް ދެއަހަރު ވެފައިވާއިރު ސަރުކާރުގެ ބަހާއި ޢަމަލު ދިމާނުވާކަމަށް މަޝްހޫރު ޤާނޫނީ ވަކީލް ޢަލީ ޝާހް ވިދާޅުވެއްޖެއެވެ.

ދައުލަތަށް ބޭނުންވާ ފައިސާ ހޯދުމަށް ބައިނަލްއަގްވާމީ މާލީ ބާޒާރަށް 300 މިލިއަން ޑޮލަރުގެ ސުކޫކެއް ވިއްކުމަށް 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލު ރަހުނުކުރަން ނޫޅޭ ކަމަށް ފިނޭންސް މިނިސްޓްރީން ބުނުމާ ގުޅިގެން އެކަމަށް ރައްދު ދެއްވައި ރައީސް ޔާމީންގެ ދިފާޢީ ވަކީލުންގެ ޓީމުގައިވެސް އިސްކޮށް ޙަރަކާތްތެރިވާ ވަކީލް ޢަލީ ޝާޙް މިއަދު ވިދާޅުވީ ސަރުކާރުން ދައްކާ ވާހަކައާއި ޢަމަލު ދިމާނުވާ ކަމަށެވެ.

ޝާހް އިޝާރާތްކުރެއްވީ ދަރުމަވަންތަ ހޮސްޕިޓަލްގެ މިލްކުވެރިކަން ފިނޭންސް މިނިސްޓްރީގެ މައްޗަށް ބަދަލު ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތް ތަކަށެވެ. ފިނޭންސް މިނިސްޓްރީން ރައީސް އޮފީހަށް ފޮނުވާފައިވާ ސިޓީއެއްގައިވަނީ ދަޢުލަތަށް ބޭނުންވާ ފައިސާ ހޯދުމަށް ބައިނަލްއަޤުވާމީ މާލީ ބާޒާރަށް 300 މިލިއަން ޑޮލަރުގެ ސުކޫކެއް ވިއްކުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ. އަދި މިވަގުތު ދަޢުލަތުގައި ހުރި އެސެޓްތަކަށް ބެލުމުން އެކަމަށް އެންމެ އެކަށީގެންވާ އެސެޓަކީ ދަރުމަވަންތަ ހޮސްޕިޓަލްކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ.

މީގެ އިތުރުން އެޢިމާރާތުގެ އޯނާޝިޕް ފިނޭންސް މިނިސްޓްރީއަށް ބަދަލުކުރުމަށްޓަކައި، އެ ޢިމާރާތުގެ ބިން އަގުކުރުމަށް އެ މިނިސްޓްރީން މިހާރު ވަނީ ޕްލޭނިންގ މިނިސްޓްރީގައިވެސް އެދިފައެވެ.

އެކަމާ ގުޅިގެން ރައްޔިތުންގެ ނުތަނަވަސްކަން އިތުރުވެފައި ވަނިކޮށް ފިނޭންސް މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގައި ވަނީ، 300 މިލިއަން ޑޮލަރުގެ ސުކޫކަކީ ދައުލަތަށް ބޭނުންވާ ފައިސާ ހޯދުމަށް ބަޖެޓްގައި ހިމަނައިގެން ބޭރުދުނިޔޭގައި ފާހަގަކޮށްލެވޭ ފަންނީ މާހިރުންގެ ލަފަޔާ އިރުޝާދުގެ މަތިން އިޝޫކުރުމަށް މަސައްކަތް ކުރަމުންދާ އިސްލާމިކް ފައިނޭންސިން އިންސްޓުރުމަންޓެއް ކަމަށާއި، އެކަމާގުޅިގެން 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލް ރަހުނު ނުކުރާކަމަށާއި، ވިއްކާވެސް ނުލާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން