ނަފާ ނަސީމް (ކ)
ނަފާ ނަސީމް (ކ)
ޤައުމަކަށް ކުރިމަތިވާނެ އެންމެ ބޮޑު ބަދުނަސީބަކީ އެގައުމެއްގެ ވެރިން ކޯޅުންކަމަށް އެމްޑީޕީގެ ސިޔާސީ ހަރަކާތްތަކުގައި ކުރިން އުޅުއްވި ނަފާ ނަސީމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ އެތެރޭގެ ކޯޅުން ބޮޑުވެ، ބައިބައި ވެފައިވާކަމަށް ބުނެ އަޑުތައް ފެތުރެމުންދާ މިދަނޑިވަޅުގައި ނަފާ ނަސީމު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ގައުމަކަށް ދިމާވާނެ އެންމެ ހިތާމަވެރި މުސީބާތަކީ، ރައްޔިތުންނަށް މަގުދައްކަން އިސްނަގައިގެން ތިއްބަވާ ވެރިންގެ ކޯޅުމާ ދަހިވެތިކަމާއި، ގީދަޅުކަން (މަކަރުވެރިކަން) ކަމަށެވެ.

ސަރުކާރުން 2021 ވަނަ އަހަރަށް އެކުލަވާލާފައިވާ ބަޖެޓަށް އެމްޑީޕީގެ ބައެއް ފަރާތްތަކުން ފާޑުކިޔަމުން ގެންދާތީ އެކަމަށް ރައްދު ދެއްވަމުން ނަސީމް ވިދާޅުވީ، ބަޖެޓަކީ ސިޔާސީ އިގްތިސާދީ އަދި ފަންނީ އެއްޗެއް ކަމަށެވެ. އަދި އެއީ ރައްޔިތުންގެ އުންމީދާއި، ގައުމީ ތަރައްގީ އާއި، ސަރުކާރުގެ ދުރުވިސްނުމުގެ މައްޗަށް އެކުލަވާލާ އެއްޗެއްކަމަށް ނަސީމް ވިދާޅުވިއެވެ.

"ބަޖެޓަށް ބަސްކިޔަންވާނީ މިކަންތައް ބެލެންސް ކޮށްގެން. ދަރަންޏަކީ ބަޖެޓުގެ ހާލަތެއް. އަމާޒެއް ނޫން. ދަސްކުރޭ ދަރިންނޭ.." ރައީސް ނަޝީދުގެ ސަރުކާރުގައި އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމްވެސް އަދާކުރެއްވި ނަސީމް ވިދާޅުވިއެވެ.

ނަސީމް ވިދާޅުވީ، އެންމެ ދެރަ ކަމަކީ، ރަގަޅުކުރަން ކަމަށްބުނެ، އޮޅުވާލައިގެން ފާޑުކިޔުން ކަމަށާއި، ޚާއްސަކޮށް ކަންކަން ނިންމަން ތިބޭ ވެރިންނާ، މަގުދައްކަން ތިބޭ "ކެރިސްމެޓިކް" މީހުންގެ ފަރާތުން މިފަދަ ޢަމަލުތައް ފެނުމަކީ ހިތާމަކުރާ ކަމެއް ކަމަށެވެ.

"ހަލާކު އަންނާނީ އަބަދުވެސް އޭގެތެރެއިންނޭ، ބޭރުން ލިބޭނީ އެހީތެރިކަމޭ ބުނެއުޅޭ." ނަސީމް ވިދާޅުވިއެވެ.

ނަސީމް ވަނީ، އަވަސްއަރައިގަނެގެން، އަރައިގަންނަން ފޯރީގައި، އެހެން މީހުންނަށް ހުކުމް ކުރަން (ރަގަޅު ނުބައި ކިޔަން) ނުހެދުމަށް ގޮވާލައްވާފައެވެ. އޭރުން ރަނގަޅު މީހަކު ގޯސްކުރެވި، ނުބައިމީހަކު ރަގަޅު ކަމަށް ނިންމިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ސަރުކާރުން އަންނަ އަހަރަށް ހުށައަޅާފައިވާ ބަޖެޓާމެދު ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ އެންމެ އިސް ބޭފުޅުންގެ މެދުގައި ވެސް ވަނީ ޚިޔާލު ތަފާތު ވެފައެވެ. އެމްޑީޕީގެ ރައީސް ރައީސް ނަޝީދުވެސް ވިދާޅުވެފައިވަނީ އެމަނިކުފާނު މެންބަރު ކަމުގެ ގޮނޑީގައި އިންނެވި ނަމަ އެ ބަޖެޓަށް ވޯޓު ނުދެއްވާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން