ޓެލެކޮމިއުނިކޭޝަން މިނިސްޓަރ މަލީޙް ޖަމާލް
ޓެލެކޮމިއުނިކޭޝަން މިނިސްޓަރ މަލީޙް ޖަމާލް
ޓެލެކޮމިއުނިކޭޝަން މިނިސްޓަރ މުޙައްމަދު މަލީޙް ޖަމާލްގެ އިތުބާރު ނެތްކަމަށް އެމްޑީޕީގެ ޕީޖީ ގްރޫޕުން ނިންމައިފިއެވެ.

އެމްޑީޕީ ޕީޖީ ގްރޫޕުން މިގޮތަށް ނިންމާފައިވަނީ މިއަދު ބޭއްވި ޕީޖީ ބައްދަލުވުމުގައެވެ. އެމްޑީޕީ ޕީޖީން މިއަދު ބޭއްވި ބައްދަލުވުމުގައި މަލީހުގެ އިތުބާރު ނެތްކަމަށް ފާސްވެފައިވަނީ މިއަދުގެ ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުންނެވެ.

މަލީހްގެ އިތުބާރު ނެތްކަމަށްބުނެ އެމްޑީޕީ ޕީޖީއަށް މައްސަލަ ހުށަހަޅާފައިވަނީ ޖުމްލަ 10 މެމްބަރުންގެ ސޮޔާއިއެކު، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމެވެ.

އެމްޑިީޕީގެ ޕާލަމެންޓްރީ ގްރޫޕަށް މީކާއީލް ހުށައެޅުއްވި މައްސަލާގައި ބުނެފައިވަނީ، ޓެލެކޮމިއުނިކޭޝަން ގާނޫނުގެ ދަށުން ކޮމިއުނިކޭޝަން އޮތޯރިޓީން ހަދަންޖެހޭ އެއްވެސް ގަވާއިދެއް ދެ އަހަރު ވެގެންދިޔައިރު ވެސް ހަދާފައި ނުވާ ކަމަށެވެ. އަދި އެ ގާނޫނުން ހަދަން ލާޒިމްކޮށްފައިވާ ގަވައިދުތައް ނުހެދި ލަސްވެގެންދާ ކޮންމެ ދުވަހަކީ ދިވެހި ދައުލަތަށާއި ރައްޔިތުންނަށް އެތައް ގެއްލުންތަކެއް ކުރިމަތިކުރުވާ ކަމެއް ކަމަށާއި، އެ ގަވައިދުތަކަކީ ރާއްޖޭގެ ޓެލެކޮމް ސިނާއަތް ފުރިހަމައަށް ރެގިއުލޭޓްކޮށް ހިންގުމަށް ކޮންމެހެން ބޭނުންވާ ގަވައިދު ތަކެއް ކަމަށެވެ.

ހަމައެއާއެކު އެ ގަވައިދުތައް ހެދުމަށް މިނިސްޓްރީގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި މުވައްޒަފުން ކުރެއްވި މަސައްކަތަށް މިނިސްޓަރުގެ ފަރާތުން އެއްވެސް އެއްބާރުލުމެއް ލިބިފައިނުވާ ކަމަށާއި އަދި އެކަމަށް ހުރަސް އަޅާފައިވާކަން ސާބިތުވާތީ މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީގެ މަޤާމުން މުޙައްމަދު މަލީޙް ޖަމާލް ވަކިކުރުމަށް ހުށައަޅާކަމަށެވެ.

ރާއްޖޭގެ ޓީވީ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި މިނިސްޓަރުކަމުގެ މަޤާމަށް ވަޑައިގެންނެވި މަލީހު ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ ޤާނޫނު ހަދާ ބާރުކަމަށާއި ޤާނޫނު ހައްދަވާ ބޭފުޅުން ހައްދަވާނީ ޤާނޫނުކަމަށެވެ. އަދި އެބޭފުޅުން ސަރުކާރު ހިންގެވުމުގެ ކަންކަމުގައި އުޅުއްވާކަށް ނުޖެހޭނެކަމަށްވެސް މަލީހް ވިދާޅުވިއެވެ. ނަމަވެސް މިއަދު މަޖިލީހުގެ ބައެއް ބޭފުޅުން އަމަލުކުރައްވަނީ އެއާ މުޅިން ހިލާފަށްކަމަށާއި، ސަރުކާރު ހިންގަންވީ ގޮތް މަޖިލީހަށް ކަނޑަނޭޅޭނެކަމަށް މަލީހް ވިދާޅުވިއެވެ.

މިމައްސަލައިގައި މަލީހުގެ އިތުބާރު ނެތް ކަމަށް މީކާއިލް ހުށައެޅުއްވުމުން މަލީހު ވިދާޅުވީ އޭނާ ބޭނުން ކުރެއްވީ ގާނޫނު އަސާސީން ލިބިދޭ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްގު ކަމަށެވެ. އަދި އޭނާއަށް މިފަހަރު އަދަބު ލިބުނީ ޤާނޫނު އަސާސީން ލިބިދޭ ހައްގެއްގެ ބޭނުން ކުރަށްވައިގެން ކަމަށް މަލީހު ވަނީ ވިދާޅުވެފައެވެ. މަލީހު ވިދާޅުވެފައި ވަނީ އޭނާއާ ދެކޮޅަށް މިކަމުގައި ތެދުވެވަޑައިގެންނެވި މެންބަރު ގޮވައިގެން ސްޕްރީމް ކޯޓަށް ވަންނަނަވާނެ ކަމަށެވެ. އަދި އޭނާގެ އިތުބާރު ނެތް މައްސަލަ އެމްޑީޕީގެ ޕީޖީއަށް ހުށައެޅި ލިއުމުގައި ސޮއި ކުރެއްވި މެންބަރުންގެ ސޮއި އަނބުރާ ގެންދިއުމަށް ވެސް މަލީހުވަނީ ގޮވާލައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން