ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް
ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް
ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީއަށް ލިބިފައިވާ ސުޕަރ މެޖޯރިޓީ، ސުޕަރ މައިނޯރިޓީއަށްވެސް ބަދަލުވެދާނެ ކަމަށް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ މަލީހްގެ އިތުބާރު ނެތްކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ދަންނަވަން އެމްޑީޕީ ޕީޖީ ގްރޫޕުން މިއަދު ވަނީ ނިންމާފައެވެ.

އެކަމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި މަލީޙް ވިދާޅުވީ، އޭނާގެ ދޫ މޯގޭޖްކޮށްފައި އޭގެ ސެޓްފިކެޓް އެމްޑީޕީއާ ޙަވާލުކޮށްފައި ނުވާނެ ކަމަށެވެ. އަދި އެމްޑީޕީން ކުރިއަށް ގެންދަނީ ކޯލިޝަން ރޫޅާލުމުގެ މަކަރުވެރި ޕްލޭނެއްކަމަށް މަލީހު ވިދާޅުވިއެވެ. މީގެއިތުރުން ސުޕަރ މެޖޯރިޓީ، ސުޕަރ މައިނޯރިޓީއަށް ބަދަލުވެދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މަލީޙް ވިދާޅުވީ، މިއަދު އެމްޑީޕީގެ ޕީޖީން ފާސްކުރީ، އެމްޑީޕީގެ ވެރިކަމެއްގައި ގާނޫނު އަސާސީގެ 27 ވަނަ މާއްދާއަށް އިތުބާރު ނެތްކަން ކަމަށެވެ.



އެމްޑީޕީ ޕީޖީން މިއަދު ބޭއްވި ބައްދަލުވުމުގައި މަލީހުގެ އިތުބާރު ނެތްކަމަށް ފާސްވެފައިވަނީ މިއަދުގެ ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުންނެވެ.

މަލީހްގެ އިތުބާރު ނެތްކަމަށްބުނެ އެމްޑީޕީ ޕީޖީއަށް މައްސަލަ ހުށަހަޅާފައިވަނީ ޖުމްލަ 10 މެމްބަރުންގެ ސޮޔާއިއެކު، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމެވެ.

އެމްޑިީޕީގެ ޕާލަމެންޓްރީ ގްރޫޕަށް މީކާއީލް ހުށައެޅުއްވި މައްސަލާގައި ބުނެފައިވަނީ، ޓެލެކޮމިއުނިކޭޝަން ގާނޫނުގެ ދަށުން ކޮމިއުނިކޭޝަން އޮތޯރިޓީން ހަދަންޖެހޭ އެއްވެސް ގަވާއިދެއް ދެ އަހަރު ވެގެންދިޔައިރު ވެސް ހަދާފައި ނުވާ ކަމަށެވެ. އަދި އެ ގާނޫނުން ހަދަން ލާޒިމްކޮށްފައިވާ ގަވައިދުތައް ނުހެދި ލަސްވެގެންދާ ކޮންމެ ދުވަހަކީ ދިވެހި ދައުލަތަށާއި ރައްޔިތުންނަށް އެތައް ގެއްލުންތަކެއް ކުރިމަތިކުރުވާ ކަމެއް ކަމަށާއި، އެ ގަވައިދުތަކަކީ ރާއްޖޭގެ ޓެލެކޮމް ސިނާއަތް ފުރިހަމައަށް ރެގިއުލޭޓްކޮށް ހިންގުމަށް ކޮންމެހެން ބޭނުންވާ ގަވައިދު ތަކެއް ކަމަށެވެ.

މަލީހަކީ އެމްޑީޕީ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ވަޒީރު ކަމުގައި ހުންނެވި ބޭފުޅެކެވެ. މަލީހާއި ކުރީގެ ހެލްތު މިނިސްޓަރ އަބްދުﷲ އަމީނާއި ކުރީގެ ނާއިބް ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދަކީ ސިޔާސީ ގޮތުން އަބަދުވެސް އެއް ފިކުރެއްގައި ވަރަށް އެކުގައި މަސައްކަތް ކުރަށްވާ ތިން ބޭފުޅުންނެވެ. އެހެންކަމުން ސިޔާސީ މައިދާނުގައި އެ ތިން ބޭފުޅުން އަބަދުވެސް ދަތުރު ކުރަށްވަނީ ވެސް އެކު އެކީގައެވެ. ބުނެވޭ ގޮތުގައި މަލީހާއި އަމީންގެ ވަޒީރު ކަމަކީވެސް ޑރ. ޖަމީލަށްޓަކާ ދީފައިވާ ދެ މަގާމެވެ. ރައީސް ޔާމީންގެ ވެރިކަން ވައްޓާލުމަށް އިދިކޮޅު ފަރާތްތަކާއި ގުޅިގެން މަސައްކަތް ކުރެއްވީވެސް ތިން ބޭފުޅުން އެކުގައެވެ. އިދިކޮޅުގައި ތިއްބަވައިގެން މަސައްކަތް ކުރެއްވި އިރު ތިން ބޭފުޅުން ފުރަތަމަ ގުޅިވަޑައިގަތީވެސް ޖުމްހޫރީ ޕާޓީއާއެވެ.

ނަމަވެސް ނިމިގެން ދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ފަހު ލިބިވަޑައިގެންނެވި ބޮޑު ނާކާމިޔާބާއެކު ޖަމީލުގެ ފިކުރު މުޅިން ބަދަލުވެ ސަރުކާރަށް ފާޑުވިދާޅުވާން ފެއްޓެވިއެވެ. އަދި އޭގެ ފަހުން ޖަމީލު ފެނިގެން ދިޔައީ މަނީ ލޯންޑަރިންގ ގެ ކުށް ސާބިތުވެ ފަސް އަހަރަށް ޖަލަށް ހުކުމް ކޮށްފައިވާ ރައީސް ޔާމިންގެ ދިފާއީ ވަކީލެއްގެ ގޮތުގައެވެ. އެތައް ބަދުނާމު ތަކެއް ބޮލުގައި އެޅުވުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އިތުބާރު ނެތްކަމަށް ވޯޓެއް ނަގައި މަގާމުން ވަކި ކުރި ރައީސް ޔާމީންގެ ފުރަތަމަ ނާއިބް ރައީސް ޑރ. ޖަމީލް ރައީސް ޔާމީންގެ ދިފާއީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމަށްފަހު އިދިކޮޅު ކޯލިޝަނާއި ގުޅިވަޑައިގެންނެވުމުން ގިނަބައެއްގެ ފާޑުކިޔުންވެސް އޭނާއަށް އަމާޒު ވިއެވެ.

ކުއްލިއަކަށް މަލީހު ވެސް ސަރުކާރަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަން ފެއްޓެވުމުން ގިނަ ބަޔަކު ގަބޫލުކުރަނީ މަލީހު މިހާރު އެ މަސައްކަތް ކުރަށްވަނީ ޑރ. ޖަމީލުގެ ފިކުރާއި ޚިޔާލާއި އެއްގޮތަށް ކަމަށެވެ. މީގެއިތުރުން ހެލްތު މިނިސްޓަރ އަމީން މަގާމުން ވަކި ކުރުމުން ދެން އެލިސްޓުގައި އޮންނާނީ މަލީހު ކަމަށް ޔަގީން ކުރެވޭތީއާއި އަދި އޭނާ ދާދި އަވަހަށް މަގާމުން ވަކިކުރާނެ ކަން ޔަގީންވާތީ ސަރުކާރަށާއި އެމްޑީޕީއަށް ފަޑުވިދާޅުވާން ފެށްޓެވީ މަންޒަރު ހުތުކޮށްލަންވަން ވެގެން ކަމަށް ވެސް ބައެއް ފަރާތްތަކުން ބުނެއެވެ.

ރާއްޖޭގެ ޓީވީ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި މިނިސްޓަރުކަމުގެ މަޤާމަށް ވަޑައިގެންނެވި މަލީހު ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ ޤާނޫނު ހަދާ ބާރުކަމަށާއި ޤާނޫނު ހައްދަވާ ބޭފުޅުން ހައްދަވާނީ ޤާނޫނުކަމަށެވެ. އަދި އެބޭފުޅުން ސަރުކާރު ހިންގެވުމުގެ ކަންކަމުގައި އުޅުއްވާކަށް ނުޖެހޭނެކަމަށްވެސް މަލީހް ވިދާޅުވިއެވެ. ނަމަވެސް މިއަދު މަޖިލީހުގެ ބައެއް ބޭފުޅުން އަމަލުކުރައްވަނީ އެއާ މުޅިން ހިލާފަށްކަމަށާއި، ސަރުކާރު ހިންގަންވީ ގޮތް މަޖިލީހަށް ކަނޑަނޭޅޭނެކަމަށް މަލީހް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން