ފޭދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނިހާދު
ފޭދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނިހާދު
ރައީސް ޢަބްދުﷲ ޔާމީން ޖަލުން މިނިވަން ކުރުމަށް ޕީޕީއެމް، ޕީއެންސީގެ ތެދު ނިޔަތެއް ނެތް ކަމަށް އައްޑޫ ފޭދޫ ދާއިރާގެ މެމްބަރު ޙުސެއިން ނިހާދު ވިދާޅުވެއްޖެއެވެ.

ވައްކަމުގެ ބޮޑެތި ތުހުމަތުތަކެއް ކުރެވިފައިވާ އިދިކޮޅު ކޯލިޝަންގެ ލީޑަރު، ކުރީގެ ރައީސް، ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ. މިއަދަކީ ރައީސް ޔާމީން ޖަލަށް ލީ ފަހުން އަހަރެއްވާ ދުވަހެވެ. އެކަމާ ގުޅިގެން ޕީޕީއެމުން ވަނީ މިއަދު މުޅިރާއްޖޭގައި މުޒާހަރާ ކުރުމަށް ނިންމާފައެވެ.

ޕީޕީއެމްގެ މުޒާހަރާއަށް ފާޑުވިދާޅުވަމުން މެމްބަރު ނިހާދު ވިދާޅުވީ، ރައީސް ޔާމީން ޖަލުން މިނިވަން ކުރަން ޕީޕީއެމްގެ ލީޑަރޝިޕާއި، އެޑްވައިޒަރުންގެ އެކަކުވެސް ނޫޅޭކަން ރައީސް ޔާމީނަށް ވަރަށް ސާފު ކަމަށެވެ. އަދި ޕީޕީއެމްގެ ލީޑަރޝިޕުން ރައީސް ޔާމީން ޖަލުގައި ބާއްވައިގެން އެމަނިކުފާން މިނިވަން ކުރުމުގެ ނަމުގައި މަގުމަތީގައި މިއަދު ކުރާކަމަކީ އުފާފާޅުކުރުން ކަމަށް ނިހާދު ވިދާޅުވިއެވެ.

ނިހާދު ވިދާޅުވީ، "ޖަލުގައި ބާއްވައިގެން ޙަރަކާތް ހިންގަނީ ރިޔާސީ ޓިކެޓް ހޯދަން ތާޢީދު ބޮޑު ކުރަން" ކަމަށާއި، ރައީސް ޔާމީން ނުކުންނަވައިފިނަމަ ޓިކެޓް ނުލިބޭނެކަން އެންމެން ޤަބޫލް ކުރާ ކަމަށެވެ.



އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީ ކޯލިޝަނުން ރައީސް ޔާމީން ޖަލަށްލިތާ އަހަރުފުރުމާ ދިމާކޮށް ބޭއްވުމަށް ހަމަޖެހިފައިވާ މުޒާހަރާ އާއި ގުޅިގެން އިދިކޮޅު ލީޑާޝިޕްގެ ބައެއް ބޭފުޅުން އިއްޔެ ފުލުހަށް ހާޒިރުކޮށް އެޗްޕީއޭގެ ގައިޑްލައިނާ ޚިލާފަށް މުޒާހަރާ ކުރިއަށް ނުގެންދަން ވަނީ އަންގާފައެވެ. ނަމަވެސް އެ ހަރަކާތް ކުރިއަށް ގެންދާނެ ކަމަށް ފުލުހުންނަށް އަންގައިފައިވާނެ ކަމަށް ޕީޕިއެމްގެ ނާއިބް ރައީސް އަހުމަދު ޝިޔާމް ވަނީ ވިދާޅުވެފައެވެ.

ކުރީގެ ރައީސް ޔާމީންގެ މައްޗަށް އިތުރު ދެ ދައުވާއެއް ވެސް މިހާރު އުފުލާފައިވާއިރު މި ދައުވާތަކުގެ ޝަރީއަތް ވެސް ކްރިމިނަލް ކޯޓުގައި ވަނީ ފަށާފައެވެ. ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅިގެން ޕީޖީން ދައުވާ ކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށާއި، ކ. މާލެ، މއ. ކުރިކީލަހިޔާ، އަހުމަދު ކްރިކް ރިޟާގެ މައްޗަށާއި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށެވެ.

ރައީސް ޔާމީންގެ މައްޗަށް މި މައްސަލައިގައި ކުރަނީ ރިޝްވަތު ޤަބޫލު ކުރުމުގެ ދައުވާ އާއި މަނީލޯންޑްރިންގެ ކުށުގެ ދައުވާއެވެ. އަހުމަދު ކްރިކް ރިޟާގެ މައްޗަށް ކުރަނީ ރިޝްވަތު ދިނުމުގައި މެދުވެރިއަކަށްވުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ކުށުގެ ދައުވާއެވެ. ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ކުރަނީ މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ އެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން