ދަޢުލަތުގެ ކުރީގެ ބަންޑާރަނާއިބު ފާތިމަތު ދިޔާނާ ސަޢީދު
ދަޢުލަތުގެ ކުރީގެ ބަންޑާރަނާއިބު ފާތިމަތު ދިޔާނާ ސަޢީދު
ދޭކާއި ދޭއް އެއްކުރުމުން އަންނަ ޢަދަދު ރައްޔިތުންނަށް ނޭނގޭ ކަމަށް ސަރުކާރުން ހީފުޅުކުރެއްވުމަކީ ގޯހެއްކަމަށް ވިދާޅުވެ، ދަޢުލަތުގެ ކުރީގެ ބަންޑާރަނާއިބު ފާތިމަތު ދިޔާނާ ސަޢީދު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ކޯވިޑް-19 އާ ގުޅިގެން ރާއްޖެއަށް ވެންޓިލޭޓަރު ގެނައުމުގައި ހެލްތު މިނިސްޓްރީން ކޮރަޕްޝަން ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދައުވާ ނުކޮށް ގިނަދުވަސް ވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރަށްވައި، ވެންޓިލޭޓަރު މައްސަލައަކީ ކަނޑައެޅިގެން ވައްކަން ފެންނަން އޮތް މައްސަލައެއް ކަމަށާއި، އެކަމުގައި ދައުވާ ނުކޮށް ގިނަދުވަސް ވާތީ ވަރަށް ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދުގެ އެވާހަކަފުޅާ ގުޅިގެން ދިޔާނާ ވިދާޅުވީ، ވެންޓިލޭޓަރުގެ މައްސަލައަށްވުރެ އެމްއެމްޕީއާރުސީގެ މައްސަލައަކީ މާ ދޮށީ މައްސަލައެއް ކަމަށެވެ. އަދި އެ ޚިޔާނާތުގައި ފައިސާ ލިބުނުކަމަށް ތަޙްޤީޤުން ބުނާ 155 މީހުންގެ ތެރެއިން ދަޢުވާ އުފުލި މީހުންގެ ޢަދަދާމެދު ދިޔާނާ ވަނީ ސުވާލު އުފައްދަވާފައެވެ. އޭގެ އިތުރުން އެ ޚިޔާނާތްތެރިން ޙިމާޔަތްކޮށްގެން އުޅެނީ ކީއްވެތޯ އޭނާ ވަނީ ސުވާލު އުފައްދަވާފައެވެ.

"އެމީހުން ޙިމާޔަތް ކޮށްގެން އުޅެނީ ކާކުތޯ އަދި ކީއްވެތޯ؟ އަދީބަށް ޙުކުމް ކުރެވުނުއިރު އަދީބް ބަހައްޓާފައިހުރީ ކޮންތާކުތޯ؟" ދިޔާނާ ސުވާލު އުފެއްދެވިއެވެ.

އޭގެ އިތުރަށް ދިޔާނާ ވިދާޅުވީ، ދޭކާއި ދޭއް އެއްކުރުމުން އަންނަ ޢަދަދު ރައްޔިތުންނަށް ނޭނގޭ ކަމަށް ސަރުކާރުން ހީފުޅުކުރެއްވުމަކީ ގޯހެއްކަމަށެވެ.

ދިޔާނާ މި މޭރުމުން ސުވާލު ކުރަށްވާފައި ވާއިރު، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބުގެ މައްޗަށް އުފުލި ހަތް ދައުވާއަށް އެމަނިކުފާނު އިއުތިރާފުވެ، މި މައްސަލާގައި ހިމެނޭ އެހެންފަރާތްތަކުގެ މައްސަލަތަކުގައި ދަޢުލަތަށް އެއްބާރުލުން ދެއްވުމަށް އެއްބަސްވެ ވަޑައިގަތުމުން 20 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފައިވަނީ މި އަހަރުގެ އޮކްޓޯބަރ މަހުގެ ފަސް ވަނަ ދުވަހުއެވެ.

އޭގެ ފަހުން ނައިބު ރައީސް އަދީބު ގޭބަންދަށް ބަދަލުކޮށްފައިވާއިރު، އެކަމާ ގުޅިގެން ދާޚިލީ ވަޒީރު އިމްރާން ޢަބްދުﷲ ވިދާޅުވެފައިވަނީ، ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބުގެ ސިއްހީ މައްސަލަތަކެއް ހުރި ކަމަށް ޑޮކްޓަރުން ލިޔުން ދީފައިވާ ކަމަށާއި، އެގޮތުން އެމަނިކުފާނު ނިދުމުގައި މައްސަލަތައް ދިމާވާ ކަމަށާއި ފުއްޕާމޭގެ މައްސަލަވެސް ދިމާވެފައިވާ ކަމަށެވެ. އަދި އަދީބު ގެއަށް ބަދަލުކުރީ އެހެންވެގެން ކަމަށް އިމްރާން ވިދާޅުވިއެވެ.

ވެންޓިލޭޓަރުގެ މައްސަލައިގައި ކުރީގެ ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ހިމެނޭހެން 11 ފަރާތެއްގެ މައްޗަށް ދައުވާކުރުމަށް އެދި އޭސީސީން މައްސަލަ ޕީޖީއަށް ފޮނުވި އެވެ. އެކަމުގައި ޕީޖީން އެފަރާތްތަކުގެ މައްޗަށް ދައުވާ ނުކުރުމަށް ނިންމުމުން ކޮމިޓީގެ ޖުޑިޝަރީ ކޮމިޓީން އެކަން ބެލުމަށްފަހު ނިންމާފައިވަނީ ތިން ހުށަހެޅުމެއް ޕީޖީއަށް ހުށަހެޅުމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ވެންޓިލޭޓަރު މައްސަލައިގައި ދައުވާ ނުކޮށް ލަސްވުމަކީ މަޖިލިސް ކަންބޮޑުވާނޭ ކަމެއްކަން ޕީޖީ އަށް އެނގިވަޑައިގަންނަވަން ވާނޭ ކަމަށާއި، ނަމަވެސް ދައުވާ ކުރެއްވުމާއި ނުކުރެއްވުން ނިންމަވަން އޮންނަނީ ޕްރޮސިކިއުޓާ ޖެނެރަލް އަމިއްލަފުޅަށް ކަން ޤަބޫލު ކުރަށްވާ ކަމަށެވެ.

މިސަރުކާރުން ފެންމަތިކޮށްފައިވާ މިފަދަ ކޮރަޕްޝަންގެ މައްސަލަ ތަކުގައި ކަމާބެހޭ ފަރާތްތަކުގެ ޚިޔާލު ތަފާތުވެ އެކި ބޭފުޅުން އެކި ދުވަހު އެކި ވާހަކަ ދައްކަވާތީ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. އެމްއެމްޕީއާރްސީގެ މައްސަލައިގައި ދައުވާތައް އުފުލެމުން ދަނީ އެއްބައެއްގެ މައްޗަށް ކަމަށް ބުނެ ގިނަ ބަޔަކު ފާޑުކިޔަމުންދާއިރު ބޮޑު ޚިޔާނާތުން މަންފާ ލިބުނު މީހުންގެ ލިސްޓުގައި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި ކުރިއާއި މިހާރުގެ މަޖިލިސް މެންބަރުންނާއި ސަލާމަތީ ބާރުތަކާއި ޖުޑިޝަރީގެ އިސް ބޭފުޅުން ހިމެނޭކަން ފާހަގަކޮށްލެވެ.


ކިޔުންތެރިންގެ ހިޔާލު


-10

އިޒުރޭލް

05-Dec-2020

ދިޔާނާ އެކަމުގަ ކަންބޮޑުވަނީ އެކަމުގެ ކޮންމެވެސް އިންވޯލްވުމެއްއުޅޭތީކަންނޭގެ އެހެންކަމަށް ވެދީނޭ


0

ޣާޒީ

05-Dec-2020

ދިޔަނާއަށް ބޮޑުއެއްޗެއްލިބޭތީ ތިހެން ބުނެގެން ހުރޭ. ނިކަމެތި ރައްޔިތުން މި ބުނަނީބރައްޔިތުންގެ ތެކްސް ފައިސާއިން އިންޑިޔާ ސިފައިންނަށް ކާންދިނުން ހަރާމޭ. އަހަރެމެން އެއްޗެހި އަހަރެމެން މިހަރާމްކުރީ.ޑިޔާނާއަށް އިންޑިޔާއިންނދޭ ރިޝްވަތުވެސް ހަރާމް



ޓްރެންޑިން