ކުރީގެ ނާއިބުރައީސް އަޙްމަދު އަދީބު (ވ) އާއި، މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (ކ)
ކުރީގެ ނާއިބުރައީސް އަޙްމަދު އަދީބު (ވ) އާއި، މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (ކ)
ސުޕްރީމް ކޯޓަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް މަޖިލިހަށް ބިލެއް ހުށަހަޅަން މަރަދޫ ދާއިރާ މެންބަރު އިބްރާހީމް ޝަރީފަށް 20 މިލިއަން ރުފިޔާ ދީފައިވާނެ ކަމަށް ކުރީގެ ނާއިބުރައީސް އަޙްމަދު އަދީބު ބުނެފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އެމްޑީޕީގެ އެކްޓިވިސްޓަކު ލީކްކޮށްލާފައިވާ ބަޔާނަކީ ފުލުހުންގެ ބިލުގެ އިސްލާހުތަކާއި ދެކޮޅު ހައްދަވާތީ ބަޔަކު ހަދައިގެން އުޅޭ ބަޔާނެއް ކަމަށް ޝަރީފު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓް "ނައުޓީ" ލީކް ކޮށްލާފައިވާ ބަޔާނުގައި ވަނީ، ސްޕްރީމްކޯޓުގެ ފަނޑިޔާރުންގެ ޢަދަދު މަދުކުރުމުގެ އިސްލާޙް މަޖިލިހަށް ހުށަހެޅުމަށް 20 މިލިއަން ރުފިޔާ ޝަރީފަށް ދިނުމަށް އަދީބު ހަމަޖެއްސެވި ކަމަށެވެ. އަދި ވޯޓު ދޭނެ މެންބަރުންގެ ޕެކޭޖެއް ޝަރީފު އެކުލަވައިލެއްވި ކަމަށާއި، އެ އިސްލާހު ހުށަހެޅުއްވުމުގެ ކުރިން އޭނާއަށް 5 މިލިއަން ރުފިޔާ ދިން ކަމަށާއި، އެ މައްސަލަ ޝަރީފު ހުށަހެޅުއްވުމުން 15 މިލިއަން ރުފިޔާ ދެއްވި ކަމުގައި އަދީބު ވަނީ އެ ބަޔާނުގައި ވިދާޅުވެފައެވެ.

"ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނަށް ގެންނަ ބަދަލު އިބްރާހިމް ޝަރީފް ހުށައަޅާ ބިލެއްގެ ގޮތުގައި މަޖިލީހަށް ހުށައެޅުމަށް އަޅުގަނޑު ވާނީ އިބްރާހީމް ޝަރީފަށް 20،000،000 (ވިހި މިލިއަން ރުފިޔާ) ދިނުމަށް އެއްބަސްވެފައެވެ. ވޯޓްލާނެ މީހުންގެ ޕެކޭޖެއް ތައްޔާރުކުރީ އިބްރާހިމް ޝަރީފެވެ. ޕެކޭޖެކޭ އަޅުގަނޑު މި ބުނީ މި ޢަދަދަށް ފައިސާ ދިނުމަށް އެއްބަސްވުމުން މަޖިލީހުގެ ތެރެއިން ވޯޓް ހޯދަން ޖެހޭ އެހެނިހެން މެމްބަރުންނާއި ވާހަކަ ދައްކާނީ އިބްރާހިމް ޝަރީފް ކަމުން އިބްރާހިމް ޝަރީފާއި އެކު ވޯޓު ލާނެ މީހުންނަށެވެ." ލީކު ކޮށްފައިވާ ބަޔާނުގައިވެއެވެ.



އަދީބްގެ ބަޔާނުގައި ވަނީ މި ފައިސާ ދިނުމުން ޝަރީފް ހުށައަޅާ ބިލެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލެއް ހުށައެޅިގެން ދިޔަ ކަމަށާއި، ޝަރީފް އެކަން ކުރަށްވާފައިވަނީ އެމްޑީޕީގެ މެމްބަރުންނަށްވެސް ނޭނގި ކަމަށެވެ. އަދި އޭގެ ފަހުން ފަނޑިޔާރުން ވަކިކުރުމާއި ނަންތައް ފާސްކުރުމަށް މަޖިލީހަށް މެމްބަރުން ޙާޟިރުކުރުމަށް ޝަރީފާއި ވާހަކަ ދެއްކުމުން އެ މަސައްކަތް ކުރުމަށް 100 މިލިއަންވެސް މަދުވާނެ ކަމަށް ޝަރީފް ވިދާޅުވިކަމަށް އަދީބުގެ ބަޔާނުގައިވެއެވެ.

މި ބަޔާނާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި އިބްރާހީމް ޝަރީފް ވިދާޅުވީ، އަދީބު ދީގެން ޤާނޫނަށް އޭނާ އިސްލާހެއް ހުށައަޅުއްވާފައި ނުވާނެ ކަމަށެވެ. އަދި އޭނާ ހުށަހެޅުއްވި އިސްލާޙަކީ ޕާޓީގެ ރައީސް ބޭނުންފުޅުވެގެން ހުށަހެޅުއްވި އިސްލާޙެއް ކަމަށް ޝަރީފް ވިދާޅުވިއެވެ. ޝަރީފު ވިދާޅުވީ އެނޫން ގޮތަކަށް އެކަން ހިނގިނަމަ، އޭނާއާ ދޭތެރޭ ޕާޓީން މިހާރު އޮންނާނީ ފިޔަވަޅުއަޅާފައި ކަމަށެވެ. އަދި ބިރުދެއްކިޔަސް ފަހަތަށް ނުޖެހޭނެ ކަމަށް ޝަރީފު ވިދާޅުވިއެވެ.



ޝަރީފް އިތުރަށް ވިދާޅުވީ، މި ބަޔާން ލީކް ކޮށްލާފައިވަނީ ފުލުހުންގެ ޤާނޫނަށް ހުށައެޅި އިސްލާޙަށް އޭނާ ތާޢީދު ނުކުރުމުން ކަމަށާއި، އަދި ލީކު ކޮށްލާފައިވަނީ މުޅިން އަލަށް ވުޖޫދުވެގެން އުޅޭ ފޭކު ރިޕޯޓެއް ކަމަށެވެ.

މި ބަޔާނުގެ ސައްޙަކަން ކަށަވަރުކުރެވިފައި ނުވާއިރު، މި ބަޔާން ސޯޝަލް މީޑިއާ އެކްޓިވިސްޓަކަށް ލިބުނު ގޮތްވެސް އަދި ވަނީ ސާފްވާގޮތް ނުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު


8

ކިނބޫ

04-Dec-2020

ރީނދޫ ބާގައަކު އަދީބުގެ ވަގު ފައިސާ ނުކާ އެއްވެސް ވަގެއް ނެތް. ހޭރޭ އަށް ދިން 32 މިލިއަންގެ ވާހަކަވެސް ދައްކަން ކެރިބަލަ އެކްޓިވިސްޓު!



ޓްރެންޑިން