ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބު (ކ) އާއި ކުރީގެ މެމްބަރު މުސްތަފާ (ވ)
ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބު (ކ) އާއި ކުރީގެ މެމްބަރު މުސްތަފާ (ވ)
"ބްރޯ" އަށް ސާބަސް ދެއްވަމުން ކުރީގެ ނާއިބުރައީސް އަޙްމަދު އަދީބު ވަރުގެ ކެރޭ ހިތްވަރުހުރި މީހެއް މި ޤައުމުގައި ފެންނަން ނެތްކަމަށް ވިދާޅުވެ، ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު މުސްތަފާ، އަދީބަށް ވަރަށް ބޮޑަށް ތަޢުރީފް ކުރަށްވައިފިއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި މުޅި ދަޢުލަތް ގުޅިގެން ރައްޔިތުންގެ "ބައިތުލްމާލް ދަވާލި" ކަމަށް ތުހުމަތުކުރާ އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތާއި ގުޅިގެން ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ތަޙުޤީޤަށް ދީފައިވާ ކަމަށް ބުނާ ބަޔާނެއް ނިމިގެން ދިޔަ ހަފުތާގައި ވަނީ ލީކު ކޮށްލާފައެވެ. އެ ބަޔާނުގައި ޚިޔާނާތްތެރިވި ފައިސާއިން މަންފާ ލިބުނު މީސްމީހުންގެ މަޢުލޫމާތު ވަރަށް ތަފްސީލުކޮށް ނައިބު ރައީސް އަދީބު ވަނީ ކިޔައި ދެއްވާފައެވެ.

އެކަމާ ގުޅިގެން، "ބްރޯ" ނުވަތަ އަދީބުގެ ރަން ދުވަސްވަރު އަދީބާއި ވަރަށް އަރިސްކޮށް އުޅުއްވާތަން ފެނިފައިވާ ކުރީގެ މަޖިލިސް މެމްބަރު މުސްތަފާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އަދީބް ވަރުގެ ކެރުމާއި ހިތްވަރުހުރި މީހަކު މިޤައުމުގައި ނެތް ކަމަށެވެ. މުސްތަފާ އަދީބަށް ނިސްބަތްކޮށް "ކެރުން" މާނަ ކުރެއްވީ ކުރެއްވި ވައްކަމަށް ކަމެއް، ނުވަތަ ފަހުން ހާމަކުރެއްވި މަޢުލޫމާތަށް ކަމެއް ކަނޑައެޅިގެން ހާމަ ކުރަށްވާފައެއް ނުވެއެވެ.

"މޫނަކަށް ކަނދުރާއަކަށް ސައިޒަކަށް ބަލާކަށް ނުޖެހޭ. ބްރޯގެ އަތުން ފައިސާ ނުހޯދާ ހަމަ އެކަކުވެސް ޤައުމުގަ ނެތް." އަދީބަށް ސާބަސް ދެއްވަމުން މުސްތަފާބެ ވިދާޅުވިއެވެ.



މުސްތަފާބެ އިތުރަށް ވިދާޅުވީ، ޙަޤީޤަތް ހާމަކުރުމުގައި ރުޅިއަންނަ މީހުންގެ މޫނަކަށް ކަނދުރާއަކަށް ބަލާކަށް ނުޖެހޭނެ ކަމަށެވެ.

ސުޕްރީމް ކޯޓަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް މަޖިލިހަށް ބިލެއް ހުށަހަޅަން މަރަދޫ ދާއިރާ މެންބަރު އިބްރާހީމް ޝަރީފަށް 20 މިލިއަން ރުފިޔާ ދީފައިވާނެ ކަމަށް ކުރީގެ ނާއިބުރައީސް އަޙްމަދު އަދީބުގެ އެބަޔާނުގައި ވަނީ ވިދާޅުވެފައެވެ. އަދި ކުރީގެ ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަޙްމަދަށް 30 މިލިއަން ރުފިޔާ ދިން ކަމަށްވެސް އަދީބް ވިދާޅުވެފައިވެއެވެ. އޭގެ އިތުރުން ޝަރުޢީ ދާއިރާއަށް ވެސް 60 މިލިއަނާއި ގާތަށް ޚަރަދު ކުރެއްވި ކަމަށް އަދީބް ވިދާޅުވިއެވެ.

އަދީބްގެ ތުހުމަތަށް މެމްބަރު ޝަރީފް އިންކާރު ކުރައްވައި ވިދާޅުވީ އެ އިސްލާޙަކީ އެމްޑީޕީގެ ރައީސް، ރައީސް ނަޝީދު ވިދާޅުވެގެން ހުށައެޅުއްވި އިސްލާހެއް ކަމަށެވެ. ނަމަވެސް، ޝަރީފްގެ މައްސަލަ ހުށައެޅި މަޖިލީހުގެ ޖަލްސާގައި އޭރު އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެފައިވަނީ، އެ އިސްލާހަށް ތާއީދު ނުކުރުމަށް އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީން ނިންމާފައިވާ ކަމަށާއި، އެ އިސްލާހާ މެދު އެމްޑީޕީގެ ސްޓޭންޑަކީ އެއީ ކަމަށެވެ. ޝަރީފު ވިދާޅުވެފައިވަނީ އޭނާ އިސްލާހު މަޖިލީހަށް ހުށައެޅުއްވި ނަމަވެސް އެ އިސްލާހަށް އޭނާ ވޯޓު ނުދެއްވާ ކަމަށެވެ.

ޝަރީފުގެ އެ އިސްލާހު ފާސްކޮށް، ސުޕްރީމް ކޯޓުގެ ބެންޗު ކުޑަކުރުމާ ދެކޮޅު ހެއްދެވި ބޭފުޅުންގެ ތެރޭގައި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް އާއި، މިހާރުގެ ނާއިބު ރައީސް އަދި އޭރު ކާށިދޫ ދާއިރާގެ މެންބަރު ފައިސަލް ނަސީމާއި، މިހާރު ކެބިނެޓްގައި ތިއްބަވާ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދާއި، ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ ހިމެނިވަޑައިގަންނަވައެވެ. އަދި މަޖިލީހުގެ މިހާރުގެ ނާއިބު ރައީސް އީވާ ޢަބްދުﷲ އާއި، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމްވެސް ވަނީ އެ އިސްލާޙަށް ދެކޮޅު ހައްދަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން