ރާއްޖޭގެ ތަޢުލީމީ ނިޒާމު ލާމަރްކަޒު ކުރަމުން ދިޔައިރު ޞިއްހީ ނިޒާމު ލާމަރުކަޒު ކުރުމުގެ މަސައްކަތް ކުރިއަށް ނުދިޔައީ ބައެއްގެ ނުފޫޒުން އެކަމަށް ހުރަސް އެޅުމުން ކަމުގައި މާލޭ މޭޔަރ ޝިފާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެއްޖެއެވެ.

މާލޭގެ މޭޔަރު ޝިފާ މި ގޮތަށް ވިދާޅުވީ ލ.ގަމުގައި ސަރުާރުން ހިންގި ތިން ޕްރޮޖެކްޓެއް އިފްތިތާޙު ކުރުމަށްަތި ދުވަހު ބޭއްވި ރަސްމިއްޔާތުގައި، ސަރުކާރުގެ އަމާޒަކީ ޕަބްލިކް ހެލްތު ނިޒާމު ވަރުގަދަކޮށް ލާމަރުކަޒު ކުރުން ކަމަށް ވިދާޅުވެ ހެލްތް މިނިސްޓަރ އަހުމަދު ނަސީމް ދެއްކެވި ވާހަކައަށް އިޝާރާތް ކުރަށްވައެވެ.

"އެޑިއުކޭޝަން ލާމަރްކަޒީ ކުރި ވަގުތު ހެލްތު ސިސްޓަމް ކުރުމަށް ކުރި މަސައްކަތް އޭރު ވަނީ ކުރިއަށް ނުގޮސް. ތަނުގައި ތިބި ބައެއްގެ ނުފޫޒުގެ ސަބަބުން. މިއަދު ބާރަށް ގެންގޮސް ސަރަހައްދުތަކުގައި ޤާއިމުވުން މުހިއްމު. ޝުކުރިއްޔާ ރައީސުލްޖުމްހޫރިއްޔާ އަދި މިނިސްޓަރ އޮފް ހެލްތް." ޝިފާ ވިދާޅުވެފައިވެއެވެ.

މޭޔަރ ޝިފާގެ ޓްވީޓްގައި އެކަމަށް ހުރަސް އެޅީ ސީދާ ކޮންބައެއްގެ ނުފޫޒުން ކަމެއް ވިދާޅެއް ނުވެއެވެ. ނަމަވެސް މޭޔަރ ޝިފާއާއި މާލޭސިޓީގެ ގިނަ މެންބަރުންނާއި ދެމެދު ޚިޔާލު ތަފާތުވުންތައް ހިނގާތާ ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ. މީގެ ނަތީޖާއެއްގެ ގޮތުން ޝިފާގެ އިތުބާރު ނެތް ކަމަށް ކަނޑައެޅުމަށް ވޯޓެއް ނެގުމަށް ވެސް ކައުންސިލަށް ވަނީ ހުށައަޅާފައެވެ. ނަމަވެސް ލޯކަލް ގަވަރންމެންޓް އޮތޯރިޓީގެ ނުފޫޒުން އެކަން ވަނީ ކުރިއަށް ގެންދިޔަ ނުދީ ހުއްޓުވާފައެވެ.

ބުރާސްފަތި ދުވަހު ހައްދުންމަތީގައި ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވީ ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް ލާމަރުކަޒު ކުރުމަށް، މީގެ ދެ އަހަރު ކުރިން ފެށިގެން ކުރަމުން އަންނަ މަސައްކަތްތަކަށް ރައްޔިތުންގެ އިތުބާރު ލިބި، އަތޮޅުތަކުގެ ހޮސްޕިޓަލްތަކުން ޚިދުމަތް ހޯދާ މީހުންގެ ޢަދަދު މިހާރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. އަދި ކޯވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން، މާލެ ފުރަބަންދުކުރަން ޖެހުމުން، ޚިދުމަތްތައް ލާމަރުކަޒު ކުރުމުގެ މުހިންމުކަން ފެނިއްޖެކަމަށާއި އަދި މިއީ ކޮންމެހެން ކުރަންޖެހިފައި އޮތް ކަމެއްކަމަށް ގަބޫލުކުރެވިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"ސަރުކާރުގެ އަމާޒަކީ، ރައްޔިތުންނަށް ތަކުލީފަކަށްނުވެ، ރައްޔިތުންނާ ވީހާވެސް ގާތުން ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތް ލިބޭނެގޮތްތައް ހޯދައިދިނުން. ގަމު ހޮސްޕިޓަލް ތަރައްޤީކުރުމުގެ މަޝްރޫޢުގައި ހިމެނޭ، އައު ޢިމާރާތުގެ މަސައްކަތް، އިރާދަކުރެއްވިއްޔާ އަންނަ އަހަރުގެ ތެރޭގައި ފެށޭނެ. އެ ޢިމާރާތް ނިމި، ޓާޝަރީ ފެންވަރަށް ޚިދުމަތް ދޭން ފެށުމާއެކު، މި ޞަރަޙައްދުގެ ޞިއްޙީ ޚިދުމަތަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ." ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން