މާފަންނު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު ޢަބްދުﷲ ރިފާއު (ބޮޗޭ)
މާފަންނު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު ޢަބްދުﷲ ރިފާއު (ބޮޗޭ)
ރައީސް ޔާމީން ވެރިކަމުގައި ހުންނެވިނަމަ ކޯވިޑް-19 ވެކްސިން ގަނެވޭހާ ފުދުންތެރިކަން ދިވެހިންގެ ގައިގައި ހުންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު ޢަބްދުﷲ ރިފާއު (ބޮޗޭ) ވިދާޅުވެއްޖެއެވެ.

ކޯވިޑް-19 ގެ މި ދަތިޙާލުގައި ޕީޕީއެމްގެ ވެރިކަމެއް އޮތްނަމަ ކޮވިޑް ވެކްސިންވެސް ރައްޔިތުންނަށް ވިއްކާނީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ ކުރީގެ މެމްބަރު ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް އިބްރާހިމް މުޙައްމަދު ދީދީ ވަނީ ވިދާޅުވެފައެވެ.

އެކަމަށް ރައްދު ދެއްވައި ބޮޗޭ ވިދާޅުވީ، ރައީސް ޔާމީނުގެ ވެރިކަމުގައިނަމަ ވެކްސިން ގަނެވޭނެ ފުދުންތެރިކަން ދިވެހިންގައިގައި ހުންނާނެ ކަމަށާއި، މިހާރުތިބި ގޮތަށް ބަނޑަށް ޖެހިފަައި ނުތިބޭނެ ކަމަށެވެ.

ކޮވިޑްގެ ވެކްސިން ރާއްޖޭގެ ރައްޔިތުންނަށް ހިލޭ ފޯރުކޮށްދޭނެ ކަމަށް ރައީސް ޞާލިޙް ވިދާޅުވުމާ ގުޅިގެން އެއީ އިތުރުފުޅެއް ކަމަށާއި ކޮވިޑްގެ ވެކްސިން ހުރީ އެކުވެރި ގައުމުތަކާއި ޖަމިއްޔާތަކުން ދިވެހި ރައްޔިތުންނަށްޓަކައި ގަނެދީފައި ކަމަށް މާވަށު ދާއިރާގެ މެމްބަރު މުޙައްމަދު ސަޢީދު ވެސް ވަނީ ވިދާޅުވެފައެވެ.

އެކަމާ ގުޅިގެން މެމްބަރު ސަޢީދަށް ރައްދު ދެއްވަމުން ޖެނެރަލް އިބްރާހިމް ދީދީ ވިދާޅުވީ، މިއީ ޕީޕީއެމްގެ ވެރިކަމެއްނަމަ އެންމެ ޤައުމަކުން ހިލޭ ވެކްސިން ދިން ނަމަވެސް އެ ވެކްސިން ކޮޅުވެސް ރައްޔިތުންނަށް ވިއްކާނީ ކަމަށެވެ. އަދި މިއީ ޕީޕީއެމްގެ ވެރިކަމެއް ނަމަ ހިލޭ ވެކްސިން ދޭނެ ޤައުމެއް އޮންނާނެތޯ ޖެނެރަލް ޑީޑީ ވަނީ ސުވާލު އުފައްދަވާފައެވެ.

ސަރުކާރުން ބުނަނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ވަނީ، ރައީސް ޔާމީންގެ ވެރިކަމުގައި ދުނިޔެއާ އެކަހެރިވެ ރާއްޖެ ބައިނަލްއަޤްވާމީ ދުނިޔެއިން ބާކީ ވެފައި ވަނިކޮށް އަލުން ބައިނަލް އަޤުވާމީ މުޖުތަމަޢު ބަލައިގަންނަ ޤައުމަކަށް ރާއްޖެ ބަދަލުކޮށްފައި ކަމަށެވެ. އަދި ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ ފުރިހަމަ ކަމާއެކު މިއަދު ރާއްޖެ ވެފައިވަނީ ބައިނަލްއަޤްވާމީ ދުނިޔޭގައި ނަންހިނގާ ޤައުމަކަށް ކަމަށާއި ނަތީޖާއެއްގެ ގޮތުން ކޯވިޑް-19 ގެ މި ޙާލަތުގައި ގިނަ ޤައުމުތަކުގެ ދީލަތި އެހީތައް މެދުނުކެނޑި ރާއްޖެއަށް އަންނަނީ ލިބެމުން ކަމަށް ސަރުކާރުން ބުނެއެވެ

ލާމު އަތޮޅަށް ބުރާސްފަތި ދުވަހު ކުރެއްވި ދަތުރުފުޅުގައި އެ އަތޮޅު ގަމަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، ރާއްޖޭގައި ދިރިއުޅޭ ހުރިހާ އެންމެންނަށް ސަރުކާރުން ހިލޭ ވެކްސިން ފޯރުކޮށްދޭނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން