ރައީސް މުހައްމަދު ނަޝީދު އަދި ރައީސް އިބްރާޙިމް މުހައްމަދު ޞާލިޙް
ރައީސް މުހައްމަދު ނަޝީދު އަދި ރައީސް އިބްރާޙިމް މުހައްމަދު ޞާލިޙް
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމުގެ އެންމެ ރަނގަޅު ވަގުތަކީ ކޮބައިތޯ ބަލައި، އެކަން ކުރުމުގެ މަޝްވަރާތައް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާ ކުރައްވާނެ ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެއެވެ.

"އާސްކް ސްޕީކާ"ގެ ދެވަނަ ޕްރޮގުރާމުގައި 2023 ވަނަ އަހަރުގެ އިންތިޚާބު ކާމިޔާބުކުރެއްވޭނެތޯއާއި، 2023 ވަނަ އަހަރުގެ ކުރިން ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ރައީސް ނަޝީދު ހުށަހަޅުއްވާނަންތޯ ބޭފުލަކު ސުވާލުކުރެއްވިއެވެ.

އެ ސުވާލުތަކަށް ޖަވާބުދެއްވަމުން ފުރަތަމަ ރައީސް ނަޝީދު ވިދާޅުވެފައިވަނީ ﷲ އިރާދަކުރެއްވިއްޔާ 2023 ވަނަ އަހަރުގެ އިންތިޚާބު ސަތޭކައިން ސަތޭކަ ކާމިޔާބު ކުރެވޭނެ ކަމުގައެވެ.

ރައީސް ނަޟީދު ވިދާޅުވީ އެއްވެސް ޝައްކެތް ނެތް ގޮތުގައި ރާއްޖޭގައި އޮންނަން އެންމެ ރަނގަޅު ނިޒާމަކީ ބަރުލަމާނީ ނިޒާމުކަމަށާއި ރާއްޖޭގައި ޒަމާނުއްސުރެ ކުރަމުން އައީ ބަރުލަމާނީ ނިޒާމެއްގެ ވެރިކަން ކަމަށެވެ. ރިޔާސީ ނިޒާމަށް ރާއްޖޭގެ ވެރިކަން ބަދަލުވީ ފާއިތުވެދިޔަ ވިއްސަކަށް އަހަރުގެ ތެރޭގައިކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި މިހާރު އޮތް ނިޒާމު ބަދަލުކޮށް ބަރުލަމާނީ ނިޒާމެއްގެ ތެރެއިން ނޫނީ ރައްޔިތުންނަށް ހެޔޮ ގޮތްތަކެއް ނުލިބޭނެކަމަށް، ބަރުލަމާނީ ނިޒާމު ގެނައުމަށް މަސައްކަތް ކުރައްވާ ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު އިތުރަށް ވިދާޅުވީ ބަރުލަމާނީ ނިޒާމަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރަން އެންމެ ރަނގަޅު ވަގުތަކީ ކޮބައިތޯ ކަނޑައެޅުމަށް މަޝްވަރާކުރައްވާނީ ސިޔާސީ ކަންކަމުގައި އެމަނިކުފާނުގެ އެންމެ ފުރަތަމަ މަޝްވަރާކުރަށްވާ ބޭފުޅާއާ ކަމުގައެެވެ. އެއީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ކަމުގައި ނަޝީދު ވިދާޅުވިއެވެ.

އަދި މިބަދަލު ގެނައުމަށް އެންމެ ރަނގަޅު ވަގުތަކީ ރިޔާސީ އިންތިޚާބުގެ ކުރިންތޯ ނޫންނަމަ މިހާރު ހިނގަމުންދާ ދައުރުގެ ތެރެއިންތޯ ނިންމުމަށް ރައީސް ޞާލިޙާ މަޝްވަރާ ކުރައްވައި މިކަން އެންމެ ރަނގަޅު ގޮތަކަށް ގެންދަވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދަކީ އަބަދުވެސް ރާއްޖޭގައި ބަރުލަމާނީ ނިޒާމުގެ ވެރިކަމެއް އޮތުމަށް ވަކާލާތު ކުރަށްވާ އަދި މިހާރުވެސް ރައްޔިތުންގެ މަޖިލީހުގައި ވެސް އެކަމަށް ވަކާލާތުކުރަށްވާ ބޭފުޅެކެވެ.

މިކަމާގުޅިގެން ރައީސް ސޯލިޙް ކުރިން ވިދާޅުވެފައި ވަނީ އެފަދަ ކަމަކަށް އެމަނިކުފާނަކަށް ވަގުތު ހުސްކުރެވެން ނެތްކަމަށެވެ. އޭގޭއިތުރުން ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަކީ ރައްޔިތުން ގާތަށް ގޮސްގެން ނިންމަންޖެހޭ ކަމެއް ކަމަށާއި ރާއްޖޭގެ ރައްޔިތުން އޮތީ ވޯޓަކުން އެގޮތަށް ނިންމާފައި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން