ކުރީގެ ޕީޖީ އަހުމަދު މުއިއްޒު | ފޮޓޯ: މިހާރު
ކުރީގެ ޕީޖީ އަހުމަދު މުއިއްޒު | ފޮޓޯ: މިހާރު
ކޮރަޕްޝަނުގެ އެންމެ ބޮޑެތި ކުށް ސާބިތުވެފައި ތިބި ދެ މީހުން ގޭގައި ތިއްބަވަނީ އިއްތިފާގުންތޯ ވިދާޅުވެ ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަހުމަދު މުއިއްޒު ސުވާލު އުފައްދަވައިފި އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތާ ގުޅިގެން އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު 11 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން އިއްޔެ ވަނީ ހުކުމްކޮށްފަ އެވެ. ނަމަވެސް، އޭނާ އަދިވެސް ހުންނެވީ ގޭގައެވެ. އެމްއެމްޕީއާރުސީ މެދުވެރިކޮށް، 1.3 ބިލިއަން ރުފިޔާ އަށް ޚިޔާނާތްތެރިވި މައްސަލައިގައި 20 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވެސް ހުންނެވީ ގެބަންދުގައެވެ.



ބެލެވޭ ގޮތުގައި ކޮރަޕްޝަނުގެ އެންމެ ބޮޑު ދެ މީހުންނޭ ވިދާޅުވެ، މުއިއްޒު އެ އިޝާރާތްކުރައްވަނީ މި ދެ ބޭފުޅުންނަށެވެ.

"ސަޅި. އެންމެ ބޮޑެތި ކޮރަޕްޝަންގެ ކުށް ސާބިތުވި ދެ މީހުން ޖަލުގައި ނުތިބެ ގޭގައި މި ތިބެނީ އިއްތިފާގުންތޯ.؟ ނޫނީ ރައީސްގެ ހެޔޮފުޅު ކަމުންތޯ؟" ރައީސް އޮފީހާއި ކަރެކްޝަންސް އާއި ޕީޖީ ފަދަ ކަމާ ގުޅޭ މުއައްސަސާތައް ޓެގް ކުރައްވައި، ކުރީގެ ޕީޖީ ކުރެއްވި ޓްވީޓްގައި ވިދާޅުވި އެވެ.

އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގެ މައްސަލައިގައި އެތައް ބަޔަކު ހިމެނޭ ކަމަށް ކަމާބެހޭ މުއައްސަސާ ތަކުން ބުނި ނަމަވެސް މިހާތަނަށް ޝަރީއަތް ހިންގައި ހުކުމް އިންވާފައި ވަނީ ރައީސް ޔާމީނާއި ކުރީގެ ނާއިބް ރައީސް އަހުމަދު އަދީބާއި ކުންފުނީގެ އެމްޑީ ޒިޔަތުގެ މައްޗަށެވެ. މީގެތެރެއިން ވެސް ފެށުނީއްސުރެ ޖަލުގައި ހުންނެވީ ހަމައެކަނި ރައީސް ޔާމީނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން