ސަރުކާރު އޮތީ ޚިޔާނާތްތެރިންގެ ދަށުވެފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

މި އަހަރުގެ އެންޓި ކޮރަޕްޝަން ދުވަހާ ގުޅިގެން އޭސީސީ ގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވެފައި ވަނީ، ގައުމު މިއަދު އޮތް ހާލަތަކީ ކޮރަޕްޝަންގެ އަމަލުތަކުން ގެއްލިފައިވާ ފައިސާއަށް ބޭނުންޖެހި، އެންމެން ގުޅިގެން ކޮރަޕްޝަން ނައްތާލަން ވިސްނަންޖެހޭ ހާލަތެއްގައި ކަމަށެވެ. އަދި ކޮރަޕްޝަންގެ އަމަލުތަކުގެ ސަބަބުން ގައުމީ ތަރައްގީ އާއި ރައްޔިތުންގެ އަސާސީ ޚިދުމަތްތަކަށް ހުރަސްއެޅެނީ އެތައް ފައިސާއެއް ގެއްލިގެންދާތީ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭސީސީގެ ރައީސްގެ މިވާހަކަ ތަކާއި ގުޅިގެން މެންބަރު އާދަމް ޝަރީފް ވިދާޅުވީ، މި ސަރުކާރަށް ޚިޔާނާތުގެ ފައިސާ ހޯދޭނެ ގޮތެއް ނެތް ކަމަށެވެ. މި ސަރުކާރު އޮތީ ޚިޔާނާތްތެރިންގެ ދަށުވެފައި ކަމަށާއި، ހަދަނީ ސިޔާސީ ޑީލް ކަމަށް އޭނާ ވިދާޅުވިއެވެ.

"ޓާގެޓަކީ ރައީސް ޔާމީނަށް އަނިޔާދިނުން. ކޮރަޕްޝަންގެ ވާހަކަ ދައްކަނީ ސިޔާސީ ބޭނުމުގައި." އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް އިތުރަށް ވިދާޅުވީ، އޭސީސީ އަކީ ފުހޭރަބަރަކަށް ވެގެން އެއްކަމެއްވެސް ނުވާނެ ކަމަށެވެ. މިއަދުގެ ޚިތާބުގައި ޝިއުނާ ވިދާޅުވީ، ބަލިމަޑުކަމުގެ ތެރެއިން ލިބިގެންދިޔަ އެންމެ ބޮޑު ފިލާވަޅަކީ ކިތަންމެ ބޮޑު ނުރައްކާތެރި ބަލިމަޑުކަމެއްގައިވެސް ކޮރަޕްޝަންގެ އަމަލުތައް ހިންގާ މީހުން އެއްވެސް އިންސާނިއްޔަތުކަމެއް ނެތި ރައްޔިތުންގެ ފައިސާ އާއި މުދާ ނަހަމަ ގޮތުގައި ބޭނުން ކުރުމަށް ފަސް ނުޖެހޭކަން ކަމަށެވެ.

އެގޮތުން ކޯވިޑް-19ގެ ބަލިމަޑުކަމުގެ ދުވަސްވަރާ ގުޅިގެން ދައުލަތުގެ އެކި އިދާރާތްތަކުން ހިދުމަތާއި ތަކެތި ހޯދުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އަމަލުކޮށްފައިވާ ކަމުގެ 34 ޝަކުވާއެއް ހުށަހަޅާފައިވާ ކަމަށް އޭނާ ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން