ރައީސް ނަޝީދު (ކ) އާއި ޝުޢައިބު (ވ)
ރައީސް ނަޝީދު (ކ) އާއި ޝުޢައިބު (ވ)
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ޖަލަށްލުމުން ރައީސް މުޙައްމަދު ނަޝީދު ޕާޓީ ބާއްވައި އުފާފާޅުކުރެއްވި ކަމަށް އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީގެ ކުރީގެ ނާއިބު މުޤައްރިރު ޝުޢައިބު ޢަލީ (ފުރަހަނި ޝުޢައިބު) ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން ޖަލަށްލީ ދުވަހު ވީދެރައިން ރޮވުނު ކަމަށާއި، އެއީ އެމަނިކުފާނު އެދޭގޮތެއް ނޫން ކަމަށް މިދިޔަ ހުކުރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް މުޙައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ. ރައީސް ނަޝީދުގެ ވާހަކަތަކަށް ރައްދުދެއްވަމުން ރައީސް ނަޝީދުގެ ވެރިކަމުގައި ރައީސް އޮފީހުގެ ޑެޕިއުޓީ އަންޑަރ ސެކްރެޓަރީގެ މަޤާމު ވެސް އަދާކުރެއްވި ޝުޢައިބް ޢަލީ ވިދާޅުވީ، ރައީސް ޔާމީން ޖަލަށްލީ ދުވަހު ރައީސް ނަޝީދު ޕާޓީ ބާއްވައި އުފާފާޅުކުރެއްވި ކަމަށެވެ.

ރައީސް ނަޝީދު އެ ވިދާޅުވަނީ އުފަލުންގޮސް ރޮވުނު ކަމުގެ ވާހަކަ ކަމަށާއި، އެހެންކަމުން އެކަމުގައި އިތުރުފުޅު ނުހެއްދެވުމަށް ޝުޢައިބު ވަނީ ރައީސް ނަޝީދަށް އިލްތިމާސް ކުރަށްވާފައެވެ.

"ދޮގު ނުހަދާ. ގާތް އިޚުލާސްތެރި މީހުންނަށް މަކަރާ ޙީލަތް ހެދޭނީވެސް ވަކި ވަރަކަށް." ޝުޢައިބު ވިދާޅުވިއެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ނަޝީދު ވަނީ، އެމަނިކުފާނު ޖަލަށް ލާފައި ހަވާއެރުވުމާއި، ލަނގިރިޖެހުމާ، ލަވަކިއުމާ، މާބެހުން ރައީސް ޔާމީންގެ ސަރުކާރުން ކުރިއަށް ގެންދިޔަ ކަމަށާއި، ނަމަވެސް ރައީސް ޔާމީން ޖަލުގައި އޮންނެވުމަށް އެއްގޮތަކަށްވެސް އެދިވަޑައި ނުގަންނަވާ ކަމަށް ވިދާޅުވެފައެވެ. މީގެ ކުރިން ޝުޢައިބު ވަނީ ރައީސް ނަޝީދަކީ ވަރަށް ފިނޑި ބޭފުޅެއް ކަމަށާއި، ވިދާޅުވާ ބަހުގައި އިތުބާރެއް ނެތް ބޭފުޅެއް ކަމަށްވެސް ވިދާޅުވެފައެވެ.

އެމްޑީޕީގެ އިސްމަޤާމުތަކެއް މީގެ ކުރިން އަދާކުރަށްވައި ރައީސް ނަޝީދުގެ އަރިސް ބޭފުޅެއްގެ ގޮތުގައި ފާހަގަ ކުރެވުނު ޝުޢައިބު ފަހަކަށްއައިސް ފާހަގަ ކުރެވިފައިވަނީ، ރައީސް ނަޝީދާއި އެމްޑީޕީއަށް ފާޅުގައި ފާޑުވިދާޅުވާ ބޭފުޅެއްގެ ގޮތުގައެވެ. އަދި އެފަދަ މައްސަލަތަކާ ގުޅިގެން އެމްޑީޕީން ވަނީ ޝުޢައިބަށް ފިޔަވަޅުއަޅައި ޕާޓީގައި އޭނާ އަދާކުރަމުން ދިޔަ މަޤާމުންވެސް ވަކިކޮށްފައެވެ.

މާލޭ ރައްޔިތުންނަށް ގުޅީފަޅުން ގޯތި ދޫކުރާނެ ކަމަށް އެމްޑީޕީން ވެފައިވާ ވަޢުދު ފުއްދަމުން ނުދާކަމަށް ބުނެ ޝުޢައިބު އިސްކޮށް ހުންނަވައިގެން "ނޯގޯތި-ނޯވޯޓް" ގެ ނަމުގައި މަދަނީ ޙަރަކާތެއްވެސް މިހާރު ވަނީ ފައްޓަވާފައެވެ.

ޝުޢައިބު އިއްޔެ ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވެފައިވަނީ މާލޭ ރައްޔިތުންނަށް އެންމެ ބޮޑު އަނިޔާއެއް ދިނީ އެމްޑީޕީން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


-2

މޯ

21-Dec-2020

ތީ ތިބޭފުުންގެ ފެންވަރު , މިހާރު ަ އެމްޑީޕީ ކަމަމަކު ނުދޭ / އަމިއްލަ އެދުމާއިގެން ތެޅިފޮޅެނީ , ކޮބާ ތިމާނެމްގެ އިޙްލާސްތެރިކަން , ކޮމެހެން އައްނިއަށް ރައްދެ ދީގެނެނުން , ރާއްޖޭގެ ސިޔާސީ މަސްރަހު ރައްއިތުން ލިބޭނެ ލާބަ އެއް ޝުވެބު ފަދަ ބޭފުޅުން ތިއްބަވައިގެން ކުރިޔަށް ނުގެންދެވޭނެކަން މި އާޓިކަލް ކިޔާލުމުންވެސް ފުދޭ !!



ޓްރެންޑިން