ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ޤާޟީ އަޙްމަދު ޙައިލަމް
ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ޤާޟީ އަޙްމަދު ޙައިލަމް
ފެބްރުއަރީ 1، 2018 ގައި ސުޕްރީމްކޯޓުން ނެރުނު ބޮޑު ޙުކުމާމެދު ސުވާލު އުފެދުނީ އެޙުކުމް ނެރުމުގައި ބައިވެރިވި ފަނޑިޔާރުން ތަކެއް މާލީ މަންފާއެއް ހޯދުމުން ކަމަށް ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ޤާޟީ އަޙްމަދު ޙައިލަމް ވިދާޅުވެއްޖެއެވެ.

2018 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުން ވަނީ ކުއްލި ޙުކުމެއްކޮށް އޭރު އިދިކޮޅު ސިޔާސީ ލީޑަރުން ހިމެނޭ ގޮތަށް ބަންދުގައި ތިބި ނުވަ ގައިދީއަކު ދޫކޮށްލުމަށް އަމުރުކޮށްފައެވެ. އޭގެ އިތުރުން، ފްލޯ ކްރޮސް ކުރިކަމަށްބުނެ، ރައްޔިތުންގެ މަޖިލީހުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ 12 މެމްބަރުން އެ މަގާމުން ވަކި ނުވާކަމަށް ވެސް ސުޕްރީމް ކޯޓުން ކަނޑައަޅާފައި ވެއެވެ. މިހުކުމް ތަކުގެ ތެރޭގައި ސްޕްރީމް ކޯޓުން ފަހުބަސް ބުނެފައިވާ ހުކުމްތައް ވެސް ހިމެނެއެވެ.

ސުޕްރީމް ކޯޓުން ނެރުނު ބޮޑު އަމުރާ ގުޅިގެން އޭރު އެ އަމުރު ނެރުނު ބެންޗްގެ ހުރިހާ ފަނޑިޔާރުން އެކަމަށް ޒިންމާވާން ޖެހޭނެ ކަމަށް ބާ ކައުންސިލްގެ މެމްބަރު އަދި މަޝްހޫރު ޤާނޫނީ ވަކީލް އަހުމަދު މުއިއްޒު ވިދާޅުވުމުން އެކަމަށް ރައްދު ދެއްވައި ޙައިލަމް ވިދާޅުވީ، އެ ޙުކުމާމެދު ސުވާލު އުފެދުނީ ޙުކުމްގައި ބައިވެރިވި 2 ފަނޑިޔާރަކާއި ޖުޑިޝަލް އެޑްމިނިސްޓްރޭޓަރަށް މާލީ މަންފާއެއް ލިބުނުކަން އެނގުނު ހިސާބުން ކަމަށެވެ.

"ޙުކުމާމެދު ސުވާލު އުފެދުނީ، ޙުކުމްގައި ބައިވެރިވި 2 ފަނޑިޔާރަކާއި ޖުޑިޝަލް އެޑްމިނިސްޓްރޭޓަރަށް 2.4 މިލިއަން ޑޮލަރު، ޙުކުމްގެ މަންފާ ސީދާގޮތުން ލިބޭ ފަރާތަކުން ދޭން ނިންމިކަން ފުލުހުންނަށް އެނގުނު ހިސާބުން." ޙައިލަމް ވިދާޅުވިއެވެ.



އެ އަމުރާ ގުޅިގެން، 13 ފެބްރުއަރީ 2018 ގައި ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމެއްގައި ފުލުހުންގެ ތަރުޖަމާނު ސުޕްރިންޑެންޓް އޮފް ޕޮލިސް އަހްމަދު ޝިފާން ވިދާޅުވީ ރާއްޖޭގެ ބޮޑު ކުންފުންޏަކުން އަލީ ހަމީދަށް ދީފައިވާ 2.4 މިލިއަން ޑޮލަރުގެ މަންފާ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދަށް ލިބިފައިވާ ކަމަށާއި އެކަމުގެ ކިތާބީ ހެކި ވެސް ލިބިފައިވާ ކަމަށެވެ.

އަދި އެ ފައިސާ ބޭނުންކޮށްގެން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ރާއްޖެއިން ބޭރުން އަގުބޮޑެތި މުދަލާއި ގެދޮރު ގަންނަން މަސައްކަތް ކޮށްފައިވާ ކަމުގެ ކިތާބީ ހެކި ވެސް ފުލުހުންނަށް ލިބިފައިވާ ކަމަށް ޝިފާން ވިދާޅުވިއެވެ. މީގެއިތުރުން އަލީ ހަމީދަށް ނިސްބަތްވާ ދަބަހަކުން 215،000 ޑޮލަރު ފެނިފައިވާ ކަމަށާއި ރިޝްވަތުގެ ފައިސާއިން އަލީ ހަމީދު ފްލެޓް ބައްލަވައިގެންފައިވާ ކަމުގެ ކިތާބީ ހެކި ވެސް ލިބިފައިވާ ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.

ރައީސް ޔާމީންގެ ވެރިކަން ގާނޫނާ ހިލާފަށް ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާއި އޭނާގެ އަނބިކަނބަލުން ފާތިމަތު ނާސިރާ ވެސް ފުލުހުން ހައްޔަރުކޮށްފައިވެއެވެ. އަދި ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރ ޙަސަން ސަޢީދުވެސް ފުލުހުން ހައްޔަރު ކުރިއެވެ.

ސުޕްރީމް ކޯޓުގެ އޭރުގެ ފަސް ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުން ފެބްރުއަރީ 1 ގައި އަމުރު ނެރެފައި ވަނިިކޮށް، ސަރުކާރުން އެ އަމުރު ތަންފީޒު ނުކުރާނެކަމަށް ބުނެ، ފެބްރުއަރީ 5 ވަނަ ދުވަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރު ކުރިއެވެ. އޭގެ ފަހުން އުއްތަމަ ފަނޑިޔާރުކަމަށް ޢައްޔަން ކުރެއްވީ ޑރ. އަޙްމަދު ޢަބްދުﷲ ދީދީ އެވެ. އަދި އެ ދުވަހުގެ އަމުރު ނެރުނު ބެންޗުގައި ތިއްބެވި އަނެއް ތިން ފަނޑިޔާރުން ފަހުން ވަނީ ކުރިން ނެރުނު އަމުރުގެ ބައެއް ބައިތައް ބާތިލް ކޮށް އެހެން އަމުރެއް ނެރެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން