ޑރ. މުޙައްމަދު އިޔާޒް (ވ) އާއި، އަލްހާން ފަހުމީ (ވ)
ޑރ. މުޙައްމަދު އިޔާޒް (ވ) އާއި، އަލްހާން ފަހުމީ (ވ)
އިސްލާމް ދީނުގެ ޢިލްމުވެރިޔާ ޑރ އިޔާޒް ރަނގަޅުވާނީ ޤުރުއާން ތަފްސީރު ކުރައްވަން މަޑުމަޑުން ހުންނެވުން ކަމަށް މާލޭ ސިޓީ މޭޔަރުކަމަށް އަމިއްލަގޮތުން ވާދަކުރަށްވާ އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ފެބްރުއަރީ 1 ވަނަ ދުވަހު ނެރުނު އަމުރާ ގުޅިގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އުޅުއްވީ ގޮނޑި ހިމާޔަތް ކުރެއްވުމަށް ކަމަށާއި، އެހެންކަމުން އެބޭފުޅުން ރައްޔިތުންގެ ކިބައިން މައާފަށް އެދިވަޑައިގެން އަވަހަށް ތައުބާވެ ވަޑައިގެންނެވުމަށް އިސްލާމް ދީނުގެ ޢިލްމުވެރިޔާ ޑރ. މުޙައްމަދު ޢިޔާޒް ވަނީ ސްޕްރީމް ކޯޓުން އެ އަމުރު ނެރުނު ބެންޗުގައި ހިމެނިވަޑައިގެންނެވި، އަދި ފަހުން އެއަމުރު ބަދަލު ކުރެއްވި ސްޕްރީމްކޯޓުގެ ބެންޗުގައިވެސް ހިމެނިވަޑައިގެންނެވި އޭރުގެ ސުޕްރީމްކޯޓުގެ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ އަށް ގޮވާލަށްވާފައެވެ.

ޑރ. އިޔާޒް ވިދާޅުވެފައިވަނީ ފުރާޅުން ޓިނު ނަގައިގެން ނޫން ނަމަވެސް ދެ ފަނޑިޔާރުން ހައްޔަރުކޮށްފައިވަނީ ޤާނޫނާއި ޤަވާއިދާ ޚިލާފަށް ކަމަށެވެ. އަދި ދެ ފަނޑިޔާރުން ކުށެއް ކުރެއްވިނަމަ ބާކީ ތިއްބެވި ތިން ފަނޑިޔާރުންވެސް އެ ކުށުގައި ބައިވެރިވާކަމަށް ޑރ. އިޔާޒް ވިދާޅުވިއެވެ. ޑރ. ޢިޔާޒް ވިދާޅުވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އުޅުއްވީ އެބޭފުޅުންގެ ގޮނޑި ގެއްލުނަ ނުދިނުމަށް ކަމަށެވެ. އަދި އެކަމުގެ ހިތި ނަތީޖާ މުޅި ޤައުމަށް ކޮށްފައިވާ ކަމަށް ޑރ. އިޔާޒް ވިދާޅުވިއެވެ.

"ދެމީހުން ހައްޔަރުކޮށް ތިމާއަށް ޗީފް ޖަސްޓިސްކަން ލިބުމަކީ ޙައްލެއް ނޫން." ޑރ. އިޔާޒް ވިދާޅުވެފައިވެއެވެ.

އެކަމާގުޅިގެން ޑރ. އިޔާޒަށް ރައްދު ދެއްވަމުން އަލްހާން ފަހުމީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ތަނެއް ދޮރެއް ނޭނގުނަސް ސިޔާސީ ކަންކަމަށް “އަނގަ ބާނަންޖެހޭ” ކަމަށާއި، ހުރިހާކަމެއް ތިމާއަށް އެނގޭކަމަށް ހެދިގެން އުޅުމަކީ ނިކަން ޖާހިލު ސިފައެއް ކަމަށެވެ.

އަދި "ސިޔާސީ ވެރިން ގާތުން މެޑަލް ޖަހަން ފަތުވާ ނެރުން ހުއްޓާލިއްޔާ މާ ރަނގަޅުވާނެ! ގުރުއާން ތަފްސީރު ކުރައްވާ!" އަލްހާން ފަހުމީ ޑރ. އިޔާޒުގެ ވާހަކަތަކަށް ރައްދު ދެއްވައި މިއަދު ވިދާޅުވިއެވެ.



އަލްހާން އިތުރަށް ވިދާޅުވީ، ފަނޑިޔާރުންގެ ތެރެއިން، އުއްތަމަ ފަނޑިޔާރު ހިމެނިގެން، ހިންގި މިފަދަ ޢަމަލެއްގެ ތަހުގީގުކުރުމަކީ ކޮންމެ މީހަކު ޒިންމާވާން ޖެހުނަސް ނުކޮށް ދޫކޮށްލެވެން އޮތް ކަމެއް ނޫން ކަމަށެވެ. އަދި ސިޔާސީ ނުފޫޒަށް ތަބާވެ ހުކުން ކުރި ބަޔަކާ، ސިޔާސީ ނުފޫޒު ފޯރުވި މީހުން ހޯދާ އިންސާފު ގާއިމުކުރަންޖެހޭ ކަމަށް އަލްހާން ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުން 1 ފެބްރުއަރީގައި ނެރުނު އަމުރު އަލުން މުރާޖަޢާ ކުރި ބެންޗުގައި ތިއްބެވި ބޭފުޅުންވެސް އަމުރުގެ ޒިންމާ އުފުލަން ޖެހޭނެކަމަށް ކުރީގެ ޕީޖީ އަޙްމަދު މުއިއްޒު ވިދާޅުވެފައިވާތީ އެކަމަށް ރައްދު ދެއްވައި ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ވިދާޅުވެފައިވަނީ، ސުޕްރީމް ކޯޓުން އަމުރެއް ނެރުމަކީ އޭގެޒާތުގައި މައްސަލައެއް ނޫން ކަމަށާއި، ސުޕްރީމް ކޯޓުން ނެރޭ އަމުރެއްގައި އިންކޮންސިސްޓެންސީ އެއް ވާނަމަ، އެކަން ޗެލެންޖު ކުރެވުމުން އެ އަމުރު މުރާޖަޢާކުރުމުގެ ބާރުލިބިގެންވަނީ ހަމަ އެކޯޓަށް ކަމަށެވެ. އެގޮތުގެ މަތިން އެ އަމުރު ވާނީ މުރާޖަޢާ ކޮށްފައި ކަމަށް ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ވިދާޅުވިއެވެ.

"ނަމަވެސް، އެ އަމުރުނެރުމުގައި ބައެއް ފަނޑިޔާރުން ޖިނާއީ ޒިންމާ އުފުލަންޖެހޭ ފަދަ ކަމަކަށް އަރައިގެންފައިވާނަމަ، އޭގެ ޒިންމާ އުފުލަންޖެހޭނީ ހަމަ އެ ފަނޑިޔާރުން." ޑރ. އަޙްމަދު ވިދާޅުވިއެވެ.

އެކަމާ ގުޅޭގޮތުން ޑރ. އިޔާޒް ވިދާޅުވެފައިވަނީ ޑރ. އަޙްމަދުވެސް އެ ޢަމަލު ހިންގެވުމުގައި ބައިވެރިވެފައިވާ ކަމަށާއި، ފަނޑިޔާރުންނާއި ގުޅިގެން ސަރުކާރު ވައްޓާލަން ރޭވި ކަމަށް ވިދާޅުވުމަކީ އެކަމުގެ އިޢުތިރާފެއް ކަަމަށެވެ. އަދި މިއީ ފަނޑިޔާރުން އެމީހުން އުފުއްލަން ޖެހިފައިވާ ޒިންމާގެ މަތިން ހަނދާން ނައްތާލާ، ދުނިޔޭގެ އެދުމާއި ދިމާލަށް ދާންވީމާ ޖެހޭ ދަންތޫރަތައް ކަމަށާއި، މިކަމުން ޢިބުރަތް ޙާސިލް ކުރުމަށް ޑރ. އިޔާޒް ވަނީ ފަނޑިޔާރުންނަށް ގޮވާލައްވާފައެވެ.

ސުޕްރީމް ކޯޓުގެ އޭރުގެ ފަސް ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުން، ފެބްރުއަރީ 1 ގައި އެ އަމުރު ނެރެފައި ވަނިިކޮށް، އެ އަމުރު ތަންފީޒު ނުކުރާނެކަމަށް ސަރުކާރުން ބުނެ، ފެބްރުއަރީ 5 ވަނަ ދުވަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރު ކުރިއެވެ. އޭގެ ފަހުން އުއްތަމަ ފަނޑިޔާރުކަމަށް ޢައްޔަން ކުރެއްވީ ޑރ. އަޙްމަދު ޢަބްދުﷲ ދީދީ އެވެ. އަދި އެ ދުވަހުގެ އަމުރު ނެރުނު ބެންޗުގައި ތިއްބެވި އަނެއް ތިން ފަނޑިޔާރުން ފަހުން ވަނީ ކުރިން ނެރުނު އަމުރުގެ ބައެއް ބައިތައް ބާތިލް ކޮށް އެހެން އަމުރެއް ނެރެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން