ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
ޗައިނާއިން ރާއްޖޭގެ ދަރަނިތައް އަދާކުރުމުގައި ލުއި ގޮތްތަކެއް ހޯދައިދިނުމަށް އަނގަބަހުން ވެފައިވާ ވައުދު ފުއްދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އައު އަހަރުގެ ތަހުނިޔާ ފޮނުއްވާ ރައީސް ނަޝީދު މިރޭ ވިދާޅުވީ، 2020 ވަނަ އަހަރަކީ އެހެން އަހަރުތަކާ ތަފާތު އަހަރެއް ކަމަށާއި، ކޯވިޑް-19ގެ ބަލިމަޑުކަން ހުރިހާކަމެއް ހުއްޓުމަކަށް ގެނެސްފައިވާ ކަމަށެވެ. އެގޮތުން ފަތުރުވެރިކަމަށް ކުރިމަތިވި ހީނަރުކަމާއި ގުޅިގެން އެތައްހާސް ބައެއްގެ ވަޒީފާ ގެއްލިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ދަރިވަރުންނަށް ސްކޫލްތަކަށް ޙާޟިރުނުވެވި އެތައްބައެއްގެ ލޯބިވާ ކިތަންމެ ބައެއް ދުނިޔެއާ އަލްވަދާޢު ކިޔާފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ 2021 ވަނަ އަހަރު ރަނގަޅުވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި، ނަމަވެސް ފަތުރުވެރިކަމާއި މަސްވެރިކަން ރަނގަޅުވީ ނަމަވެސް ރާއްޖޭގެ މާލީ ހާލަތު ރަނގަޅު ނޫން ކަމަށެވެ. އަދި ކުރީ ސަރުކާރުން ނަގާފައިވާ ލޯނުތަކުގެ ސަބަބުން ރާއްޖޭގެ މާލީ ޙާލަތު އަދިވެސް އޮތީ ބޮޑު އޮޅުންބޮޅުން ގަނޑެއްގެ ތެރޭގައި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މި މޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސް ނަޝީދު ވިދާޅުވީ، "އަޅުގަނޑުމެންގެ އުންމީދަކީ ޗައިނާއިން އަނގަބަހުން ވެފައިވާ ވައުދުތައް ފުއްދައި ދަރަނިތައް އަދާ ކުރުމުގައި ލުއި ގޮތެއް ހޯދައި ދިނުން" ކަމަށެވެ.



ރައީސް ނަޝީދު ވިދާޅުވީ، މި ގޮންޖެހުންތައް މިހެން ހުރިކަމުގައި ވީނަމަވެސް، ކުރިއަށް އޮތް އަހަރާ ދޭތެރޭ އުންމީދުތައް ބޮޑު ކަމަށެވެ. އަދި ދިވެހިންނަކީ އަބަދުވެސް ދަތި އުނދަގޫތަކުން އަރައިގަނެ ކާމިޔާބު ހޯދާ ބައެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ކުރިއަށްއޮތް އަހަރަކީ ބައިބައިވުމަށް ޖާގަނުދީ ހިޔާލު ފާޅުކުރުމާއި ތަފާތު ހިޔާލުތަކުގެ ފަރާތްތަކާއެކުވެސް މަޝްވަރާކޮށް ކަންކަން ނިންމުމުގެ ވިސްނުން އިސްކުރާނެ އަހަރަކަށް ވާނެ ކަަމަށް އުންމީދު ކުރަށްވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކާ ގުޅޭ ގޮތުން ރައީސް ނަޝީދު ވިދާޅުވީ، މަޖިލީހުގެ ސްޕީޑާއި މަސައްކަތުގެ ފުރިހަމަކަމާމެދު ހިތްޕުޅު ހަމަޖެހިވަޑައިގަންނަވާ ކަމަށެވެ. ހާއްސަކޮށް ޖުލައި މަހު ރާއްޖޭގެ ބޯޑަރު ފަތުރުވެރިކަމަށް އަލުން ހުޅުވުމަށް ރައްޔިތުންގެ މަޖިލީހުން ސަރުކާރާއެކު ކުރި މަސައްކަތާ މެދު ވަރަށް ހިތްޕުޅު ހަމަޖެހިވަޑައިގަންނަވާ ކަމަށާއި، ފަތުރުވެރިކަމުގެ ދާއިރާއިން މިހާރު އަޅުގަނޑުމެންނަށް ފެންނަމުން މިދާ ކުރިއެރުމަކީ އޭގެ ނަތީޖާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖެއަށް މިހާރު އެތެރެކުރަމުންދާ ތިމާވެއްޓަށް ގެއްލުންދޭ އަދި އަގުބޮޑު ތެޔޮ ހުއްޓާލުމަށް އުންމީދު ކުރައްވާ ކަމަށާއި، އޭގެ ބަދަލުގައި ބަރޯސާވާންވީ، އަވީގެ ހަކަތައަށް ކަމަށެވެ. އަދި މިއީ ދިވެހިންގެ މުސްތަގުބަލާ ގުޅިފައިވާ މުހިންމު ކަމަކަށްވާއިރު، ހަކަތައިގެ ވަސީލަތްތަކާއި ހަކަތަ ބޭނުންވާ މިންވަރާ މެދު ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިއަހަރަކީ ގިނަބަޔަކު ހަނދާނުގައި ބަހައްޓަން ބޭނުން ނުވާނެ އަހަރެއްކަން ފާހަގަ ކުރަށްވަމުން ރައީސް ނަޝީދު ވިދާޅުވީ، ކޯވިޑް-19 ގެ ވެކްސިން ލިބުނުހާ އަވަހަކަށް ދިވެހި ހުރިހާ ރައްޔިތުން ވެކްސިން ޖެހުމަށް އިލްތިމާސް ކުރަށްވާ ކަމަށެވެ.

ޗައިނާއިން އަނގަބަހުން ވެފައިވާ ވަޢުދު ފުއްދާނެ ކަމަށް އުންމީދު ކުރަށްވާކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވާއިރު، މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ރާއްޖޭގެ ދަރަނި އަދާކުރުން ފަސްކުރުމާ ގުޅޭ މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންއެއްގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ބައެއް ގައުމުތަކާއެކު ސޮއިކުރައްވާފަ އެވެ.

ޖީ20 ޑެޓް ސާވިސް ސަސްޕެންޝަން އިނީޝިއޭޓިވްގެ ދަށުން ޖަޕާނާއި، އެމެރިކާ އާއި، ފްރާންސުން ވަނީ ރާއްޖޭގެ ލޯނުތައް ފަސްކޮށްދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. އަދި ޗައިނާއިންވެސް ވަނީ ރާއްޖޭގެ ދަރަނިތައް ދައްކަންޖެހޭ މުއްދަތު ފަސްކޮށްދޭނެކަމަށް ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން