މަޝްހޫރު ވިޔަފާރިވެރިޔާ އަޙްމަދު އާރިފް (އާއްޓޭ)
މަޝްހޫރު ވިޔަފާރިވެރިޔާ އަޙްމަދު އާރިފް (އާއްޓޭ)
އަދިވެސް ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ހިންގުންތެރިކަމަށް ގޮންޖަހާލެވޭ ވަރުގެ ވެރިކަމެއް އެމަނިކުފާނަށް ފަހު 4 ރައީސުން ވެރިކަން ކުރެއްވި އިރުވެސް އުފެދިފައި ނެތްކަމަށް މަޝްހޫރު ވިޔަފާރި ވެރިޔާ އަޙްމަދު އާރިފް، އާއްޓޭ ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އިސްލާމީ ވަންތަކަމާއި ހައިބަތު ދައްކުވައިދޭ އިސްލާމީ މަރުކަޒުގެ އާބާތުރަ ނުފިލުވައި އެ މިސްކިތް ވަރަށް ބޮޑަށް ބާ ވެފައިވާތީ އެ ކަމުގެ ކަންބޮޑުވުން އެމްޑީޕީއަށް ނިސްބަތްވާ އުނގޫފާރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މުޙައްމަދު ވަޙީދު (ފައިނު ވައްޑޭ) ވަނީ ފާޅު ކުރަށްވާފައެވެ. ވައްޑޭ ވިދާޅުވީ، އިސްލާމީ މަރުކަޒަކީ ރައީސްމައުމޫނުގެ ވެރިކަމުގެ ކުރީކޮޅުއްސުރެ ވަރަށްލޯބިން ފަރުވާތެރިކަމާއެކު ބަލަހައްޓަމުން އަންނަ ރާއްޖޭގެ މުހިންމު ރަމްޒީ ބިނާއެއް ކަމަށެވެ.

އަދި އެ ޢިމާރާތް ވީރާނާވަމުން އަންނަތަން ފެނުމަކީ ވަރަށް ހިތާމަވެރިކަމެއް ކަމަށާއި، އެއިމާރާތް އާބާތުރަ ފިލުވައި ރަނގަޅަށް ބަލަހައްޓައި ދިނުމަށް މެމްބަރު ވައްޑޭ ވަނީ އިސްލާމިކް މިނިސްޓްރީގެ އިސް ބޭފުޅުންނަށް ގޮވާލައްވާފައެވެ.

އެކަމާ ގުޅިގެން ވިޔަފާރިވެރިޔާ އަދި އެމްޑީޕީގެ ފަރާތުން ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އޭދަފުށީ ދާއިރާއަށް ވާދަކުރެއްވި އާއްޓޭ ވިދާޅުވީ، ޙަޤީޤަތް ވާނީ ޙަޤީޤަތަށް ކަމަށެވެ. އަދި އެމްޑީޕީގެ މެމްބަރަކަށްވެސް ރައީސް މައުމޫނަށް ނިސްބަތްކޮށް އެ ބުނެވުނީ ތަޢުރީފުގެ ބަހެއް ކަމަށް އާއްޓޭ ވިދާޅުވިއެވެ.

"ތިޔަ ކަހަލަ ކަންކަމުގައި ރައީސް މައުމޫންގެ އެޑްމިނިސްޓްރޭޝަނަށް ގޮންޖަހާލާ ތަން އަދި ނުފެނޭ. ތިޔަ ބުނެވުނީވެސް ތަޢުރީފްގެ ބަސްކޮޅެއް." އާއްޓޭ ވިދާޅުވިއެވެ.



މެމްބަރު ވަހީދު އިސްލާމީ މަރުކަޒުގެ އާބާތުރަ ފިލުވުމާ ގުޅޭގޮތުން ކުރަށްވާފައިވާ ޓްވީޓްގައި އެ މަރުކަޒު ވީރާނާވަމުންދާކަން ދައްކުވައިދޭ ފޮޓޯތަކެއްވެސް ވަނީ ހިމަނުއްވާފައެވެ. އިސްލާމީ މަރުކަޒާއި ރާއްޖޭގެ އެހެނިހެން މިސްކިތްތައް ބެލެހެއްޓުމަކީ އިސްލާމިކް މިނިސްޓްރީގެ މޭންޑޭޓްގައި ހިމެނޭ ކަމެއް ކަމަށް އެ މިނިސްޓްރީގެ ވެބްސައިޓްގައި ވެއެވެ.

ރައީސް މައުމޫން ވަނީ ރާއްޖޭގެ ވެރިކަން 30 އަހަރު ކުރަށްވާފައެވެ. ނަމަވެސް އެމަނިކުފާނުގެ ވެރިކަމަށްފަހު ރާއްޖޭގައި ވެރިކަން ކުރެއްވި އެއްވެސް ބޭފުޅަކަށް ރައީސް މައުމޫނާއި އެއް ހަމައެއްގައި ފައިތިލަ ސާބިތު ނުކުރެވޭކަމަށް ރާއްޖޭގެ ސިޔާސީ ދާއިރާގައި ޙަރަކާތްތެރިވާ ގިނަ ބޭފުޅުންވެސް ވިދާޅުވެއެވެ. ރައީސް މައުމޫނަކީ މިހާރު ވެރިކަން ހިންގާ ކޯލިޝަންގެ އެއް ހިއްސާދާރެވެ. އެމަނިކުފާނަކީ އެމްއާރުއެމްގެ ރައީސެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން