ރައީސް ނަޝީދު (ކ) އާއި ޝުޢައިބު (ވ)
ރައީސް ނަޝީދު (ކ) އާއި ޝުޢައިބު (ވ)
ރައީސް ނަޝީދު ކޮމިޝަނަރ އޮފް ޕޮލީސްގެ މަގާމުގައި ހުންނެވިނަމަ ބަޣާވާތުގައި ބައިވެރިވި ފުލުހުންނަށް ދޭނީ ޕްރޮމޯޝަން ކަމަށް ރައީސް ނަޝީދުގެ ވެރިކަމުގައި ރައީސް އޮފީހުގެ ޑެޕިއުޓީ އަންޑަރ ސެކްރެޓަރީގެ މަޤާމު އަދާކުރެއްވި ޝުޢައިބް ޢަލީ، ފުރަހަނި ޝުޢައިބު ވިދާޅުވެއްޖެއެވެ.

ފުލުހުންގެ މަތީ މަގާމުތަކަށް ބަދަލު ގެނެވޭ ގޮތަށް ފުލުހުންގެ ގާނޫނު އަލުން އެކުލަވާލައި އަމަލު ކުރަންފަށާފައި ވަނިކޮށް އޭސީޕީ ޑރ. ފައިރޫޝް ވަނީ ކުއްލި ގޮތަކަށް މަގާމުން އިސްތިއުފާ ދެއްވައި ޝަރަފްވެރިކަމާއެކު ފުލުހުންގެ ޚިދުމަތުން ރިޓަޔަރ ކުރަށްވާފައެވެ. އެކަމާގުޅިގެން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދް ކުރެއްވި ޓްވީޓެއްގައި ވަނީ ޑރ. ފައިރޫޝް ދިވެހި ފުލުހުންގެ މުވައްސަސާގައި ހޭދަކުރެއްވި ދުވަސްތަކުގައި ކޮށްދެއްވި ޚިދުމަތްތަކަށް ޝުކުރު އަދާކުރަށްވާފައެވެ.

އެކަމާ ގުޅިގެން ރައީސް ނަޝީދު ގެންގުޅުއްވާ ކަމަށް ބުނާ ފޭކް ޓުވިޓާ އެކައުންޓް، އެލެކްސް އަޙްމަދުގެ އެކައުންޓުން ސީޕީ ހަމީދު ކުރެއްވި ޓުވީޓަށް ކުރެއްވި ކޮމެންޓެއްގައި އެސިސްޓެންޓް ކަމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް ރިޓަޔާ ކުރެއްވުމުން އޭނާއަށް ފުލުހުން ކުރި ބަޣާވާތުގެ ޝުކުރުވެސް ސީޕީ އަދާކުރެއްވިންތޯ ވަނީ ސުވާލު ކޮށްފައެވެ. ރައީސް ނަޝީދުގެ ވެރިކަން 2012 ވަނަ އަހަރު ނިމުމަކަށް ގެނައުމަށް ޖުމްހޫރީ މައިދާނުގައި ހިންގި ޙަރަކާތްތަކުގައި އޭސީޕީ ފައިރޫޝް ވަނީ އޭނާ އަކީ ވަގުތީ ޕޮލިސް ކަމިޝަނަރ ކަމަށް އަމިއްލައަށް ޢިއުލާނުކުރަށްވައި ފުލުހުންގެ ކޮމާންޑަރެއްގެ ގޮތުގައި ޙަރަކާތްތެރި ވެވަޑައިގެންފައެވެ. އެކަމާ ގުޅިގެން އެމްޑީޕީގެ ގިނަ ބައެއްގެ ނުރުހުން އޭނާއަށް ވަނީ އަމާޒުވެފައެވެ.

ރައީސް ނަޝީދުގެ ޓްވީޓަށް ރައްދު ދެމުން ޝުޢައިބު ވިދާޅުވެފައިވަނީ، އެލެކްސް އަދި ތަންކޮޅެއް އިތުރަށް އެކަމާ އުޅުއްވުމުން ބާޣީންނަށް އަދަބު ދެވިދާނެ ކަމަށެވެ. އެގޮތުން ރައީސް ނަޝީދު ވެރިކަމުގައި ހުންނެވިނަމަ މާލޭ ރައްޔިތުންނަށް ގޯތިވެސް ދޭނެ ކަމަށް ބުނެ ޝުޢައިބު ވަނީ ރައީސް ނަޝީދަށް މަޖާޒީ ގޮތުން ފާޑު ވިދާޅުވެފައެވެ.

"އަސްލު އެލެކްސް ސީޕީ އަކަށް ހުރިނަމަ މިއުޓިނީގެ ހުރިހާ އޮފިސަރުންގެ މުސާރަ ދެގުނަ ކޮށްފަ ޑަބަލް ޕްރޮމޯޝަން ދޭނެ. އެލެކްސް އަށް ރައީސުލްޖުމްހޫރިއްޔާކަން ލިބުނު ނަމަ ގުޅީފަޅާ ހުޅުމާލޭން ކޮންމެ ބޭފުޅަކަށް ގޯތިވެސް ދޭނެ." ޝުޢައިބު ވިދާޅުވިއެވެ.



ފުލުުހުންނަށް ދޭ 9 ކުލައަކާއި 6 މެޑަލް ހާސިލްކުރައްވާފައިވާ ފައިރޫޝް ވަނީ ރާއްޖެއާއި ރާއްޖެއިން ބޭރުން ތަފާތު އެކި ތަމްރީންތައް ފުރިހަމަކުރައްވާފައެވެ. ޑރ. ފައިރޫޝްގެ މި ކުއްލި ވަކިވުމާ ގުޅިގެން ބައެއް ފަރާތްތަކުން ބުނެފައިވަނީ މި ފެންނަނީ ފުލުހުންގެ ގާނޫނަށް ގެނައި ބަދަލު ތަކުގެ އަސަރު ކަމަށެވެ. އަދިވެސް މިފަދަ އިތުރު ބަދަލުތައް ކުރިއަށް އޮތްތާނގައި ފެންނާނެ ކަމަށް އެފަދަ ފަރާތްތަކުން ބުނެއެވެ.

އެމްޑީޕީގެ އިސްމަޤާމުތަކެއް މީގެ ކުރިން އަދާކުރަށްވައި ރައީސް ނަޝީދުގެ އަރިސް ބޭފުޅެއްގެ ގޮތުގައި ފާހަގަ ކުރެވުނު ޝުޢައިބު ފަހަކަށްއައިސް ފާހަގަ ކުރެވިފައިވަނީ، ރައީސް ނަޝީދާއި އެމްޑީޕީއަށް ފާޅުގައި ފާޑުވިދާޅުވާ ބޭފުޅެއްގެ ގޮތުގައެވެ. އަދި އެފަދަ މައްސަލަތަކާ ގުޅިގެން އެމްޑީޕީން ވަނީ ޝުޢައިބަށް ފިޔަވަޅުއަޅައި ޕާޓީގައި އޭނާ އަދާކުރަމުން ދިޔަ މަޤާމުންވެސް ވަކިކޮށްފައެވެ.

މާލޭ ރައްޔިތުންނަށް ގުޅީފަޅުން ގޯތި ދޫކުރާނެ ކަމަށް އެމްޑީޕީން ވެފައިވާ ވަޢުދު ފުއްދަމުން ނުދާކަމަށް ބުނެ ޝުޢައިބު އިސްކޮށް ހުންނަވައިގެން "ނޯގޯތި-ނޯވޯޓް" ގެ ނަމުގައި މަދަނީ ޙަރަކާތެއްވެސް މިހާރު ވަނީ ފަށްޓަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން