އައްޑޫ ސިޓީގެ މޭޔަރުކަމަށް ވާދަ ކުރަށްވާ ޢަލީ ނިޒާރު ރައީސް ނަޝީދުގެ އަރިހުގައި
އައްޑޫ ސިޓީގެ މޭޔަރުކަމަށް ވާދަ ކުރަށްވާ ޢަލީ ނިޒާރު ރައީސް ނަޝީދުގެ އަރިހުގައި
އަތޮޅުތަކުގެ ހިންގުން އަތޮޅުތަކުގެ ރައްޔިތުންނަށް ދޫކޮށްލުމަށް އެމްޑީޕީގެ ޓިކެޓްގައި އައްޑޫ ސިޓީގެ މޭޔަރުކަމަށް ވާދަކުރަށްވާ ޢަލީ ނިޒާރު ގޮވާލައްވައިފިއެވެ.

ކޯވިޑް-19 އާ ގުޅިގެން ރާއްޖޭގައި އިޢުލާނުކޮށްފައިވާ އާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އަންނަ މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް އިއްޔެ ވަނީ އިތުރުކޮށްފައެވެ. އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން ބުނެފައިވަނީ، އަންނަ މާޗް މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް މަސައްކަތް ކުރި ލޯކަލް ކައުންސިލް އިންތިހާބު، ޤާނޫނުގައި ބުނާ 28 ދުވަހުގެ މުއްދަތު ކެންޕެއިން ކުރުމަށް ނުލިބޭނެ ގޮތަކަށް ނުބޭއްވޭނެ ކަމަށެވެ. އަދި އިންތިޚާބު ބޭއްވޭނީ އެޗްޕީއޭ އިން އެފުރުސަތު ދެއްވުމުން ކަމަށް އީސީ ޝަރީފް ވަނީ ވިދާޅުވެފައެވެ.

އާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގެ ސަބަބުން ލޯކަލް ކައުންސިލް އިންތިޚާބު ނޫބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވީ ނަމަވެސް، އަންނަ އާދިއްތަ ދުވަހު ސްކޫލުތަކުގެ ދެވަނަ ޓާރމްގެ ކިޔެވުން ދަރިވަރުން ސްކޫލަށް ޙާޟިރުވެ ފެށޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ވަނީ ބުނެފައެވެ.

އެކަމާގުޅިގެން ޢަލީ ނިޒާރު ވިދާޅުވީ، ރައްޔިތުން ރުހޭގޮތް ރައްޔިތުން ހާމަކޮށްފައިވާ ކަމަށާއި، އިންތިޚާބު އަވަސްކޮށް އަތޮޅުތަކުގެ ހިންގުން ރައްޔިތުންނަށް ދޫކޮށްލަން ޖެހޭ ކަމަށެވެ. އަދި ލޯކަލް ކައުންސިލް އިންތިޚާބު ލަސްވުމަކީ ޤާނޫނު އަސާސީގެ ރޫޙު ގެއްލިދާނެ ކަމެއްކަމަށް ޢަލީ ނިޒާރު ވިދާޅުވިއެވެ.

"އިންތިޚާބީ މަޤާމުތަކުގެ މުއްދަތު ޤާނޫނުން އިތުރުކޮށްދިނުމާއި، ބޭތިއްބުމަކީ ޚުދުމުހުތާރު ސިފައެއް. އިންތިޚާބު އަވަސްކޮށް އަތޮޅުތަކުގެ ހިންގުން ރައްޔިތުންނަށް ދޫކޮށްލަން ގޮވާލަން." ޢަލީ ނިޒާރު ވިދާޅުވިއެވެ.



ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމަށް ކަނޑައެޅި ތާރީޚުގައި ދެން ނުބޭއްވޭނެ ކަމަށާއި، އިންތިޚާބު ބޭއްވޭނީ ޤާނޫނު އިސްލާޙު ކޮށްގެން ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިޚާބު ވީހާވެސް އަވަހަށް ބޭއްވުން ވަރަށް މުހިއްމު ކަމަށާއި، އެކަމަށްޓަކައި ޤާނޫނަށް ބަދަލު ގެންނަން ޖެހޭ ނަމަ އެކަންވެސް ކުރުން މުހިއްމު ކަމަށެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ، ކެނޑިޑޭޓުންގެ ޙައްޤުތަކަށް އުނިކަން ލިބޭ ގޮތަށް އިންތިޚާބު ނުބޭއްވޭނެކަމަށާއި، އެހެންކަމުން އެކަމަށް ހައްލެއް ހޯދައި ދިނުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް މިހާރު ނެތްކަމަށެވެ. ޝަރީފް އިތުރަށް ވިދާޅުވެފައި ވަނީ ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ސިިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ކަމަށާއި، މައްސަލައަކީ އީސީ އަށް އޮތް ބާރެއް ޤާނޫނަކުން އެހެން ފަރާތަކަށް ޙަވާލުކޮށްފައިވުން ކަމަށެވެ.

ކައުންސިލް އިންތިޚާބު ބޭއްވުމަށް އެންމެ ފުރަތަަމަ ތާވަލު ކޮށްފައިވަނީ މިދިޔަ އަހަރުގެ އޭޕްރިލްމަހުގެ ތެރޭގައެވެ. ނަމަވެސް ކޯވިޑް-19ގެ ބަލިމަޑުކަމާއެކު ރާއްޖެ އެއްކޮށް ލޮކްޑައުން ކުރުމާގުޅިގެން އިންތިޚާބު ވަނީ މުއްދަތެއް ނެތްގޮތަށް ފަސްކޮށްފައެވެ. އަދި އިންތިޚާބާބެހޭ ޚާއްސަ ޤާނޫނެއް އެކުލަވާލައި އައު އިންތިޚާބެއް ބާއްވައި އައު ކައުންސިލަރުން ހުވާކުރުމާ ހަމައަށް މިހާރު ތިބި ކައުންސިލަރުން ދެމިތިބޭގޮތަށް ޤާނޫނަށްވަނީ ބަދަލު ގެނެސްފައެވެ.

ކައުންސިލް އިންތިޚާބު އިތުރަށް ފަސްކުރަން ޖެހޭކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކުރުމާގުޅިގެން އިންތިޚާބުގައި ވާދަކުރައްވާ ސަރުކާރަށް ތާޢީދު ކުރާ ކެނޑިޑޭޓުންނާއި، އިދިކޮޅު ކެނޑިޑޭޓުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން