ޢަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ
ޢަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ
އަދާލަތު ޕާޓީގެ ރައީސްގެ މަޤާމަށް އަންހެނުންނަށް ވާދަކުރެވޭ ގޮތަށް ބަދަލުކުރަން އެޕާޓީގެ ރައީސް އިމްރާން އަބްދުﷲ ޕާޓީގެ ދުސްތޫރަށް އިސްލާހު ހުށަހަޅުއްވައިފިއެވެ.

އަދާލަތު ޕާޓީގެ ދުސްތޫރަށް ޑިމޮކްރަސީއާއި ބީރަށްޓެހި ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް ބުނެ އެޕާޓީގެ ބައެއް ޢާއްމު މެމްބަރުން ވަނީ އިލެކްޝަންސް ކޮމިޝަނަށް މައްސަލަތަކެއް ހުށައަޅާފައެވެ. އެގޮތުން ޕާޓީގެ ރައީސް ކަމާއި ނައިބު ރައީސް ކަމަށް ކުރިމަތިލެވޭނީ، ކުރިމަތިލުމާ ހަމައަށް ޕާޓީގެ މަޖިލިސްތަކުގެ ތެރެއިން މަޖިލީހެއްގައި މެދުނުކެނޑި ދެ އަހަރު އުޅެމުން އަންނަ މީހަކަށް ކަމަށް ހަމަޖެއްސުމަށް މަސައްކަތް ކުރާ ކަމަށް އެ މެމްބަރުން ވަނީ ތުހުމަތު ކޮށްފައެވެ. އަދި ޕާޓީގެ ނައިބު ރައީސް ކަމަށް އަންހެނުންނަށް ކުރިމަތިލެވޭ ގޮތަށް ޕާޓީގެ ދުސްތޫރަށް ދާދިފަހުން ވަނީ އިސްލާހުކޮށްފަ އެވެ.

ޢަދާލަތު ޕާޓީގެ ދުސްތޫރަށް ގެންނަމުންދާ ބަދަލުތަކާ ގުޅޭގޮތުން ޕާޓީގެ ރައީސް އިމްރާން ވިދާޅުވީ ޕާޓީގެ ރައީސްކަމަށްވެސް އަންހެނުންނަށް ވާދަކުރުމުގެ ފުރުސަތު ލިބޭގޮތަށް ދުސްތޫރު ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން އަދާލަތު ޕާޓީގެ ރައީސްގެ ކިބައިގައި ހުރުން ލާޒިމް ކުރާ ޝަރުތުތަކުގެ ތެރޭގައި ފިރިހެނަކަށްވުން ހިމެނިފައި އޮތީ ދީނީ ގޮތުން ލާޒިމްކުރާ ކަމަކަށް ނުވިޔަސް ޕާޓީ އުފެދުނުއިރު ޕާޓީގެ މެމްބަރުން ބޭނުންވީ އެގޮތް ކަމަށް އޭރުގެ ޕާޓީގެ ލީޑަރޝިޕްގައި ތިއްބެވި ބޭފުޅުންނަށް ފެނިވަޑައިގަތުމުން ކަމަށް ޢިމްރާން ވިދާޅުވިއެވެ.

ނަމަވެސް މިވަގުތު ޕާޓީ ކުރިއަށް ގޮސްފައިވާ މިންވަރަށް ބަލައި ޕާޓީ އިތުރަށް ހުޅުވާލައި ޕާޓީގެ އެންމެ އިސް ސަފުގައި އަންހެނުންނަށް ހަރަކާތްތެރި ވުމަށް އޮތް ފުރުސަތު އިތުރަށް ފަހިކުރުމަށް ފެންނާތީ، އަދާލަތު ޕާޓީގެ ރައީސްގެ ކަބައިގައި ހުރުން ލާޒިމްކުރަ ޝަރުތުގެ ތެރެއިން ފިރިހެނަކަށްވުން އުނިކުރަން އިސްލާހު ހުށަހަޅައިފައިވާކަމަށް އިމްރާން ވިދާޅުވިއެވެ.

"މިގޮތަށް އަޅުގަނޑު އިސްވެ އިސްލާހު ހުށަހެޅީ ޕާޓީގެ އިސްސަފުގައި ހަރަކާތްތެރިވާ ފަރާތްތަކާއި، ޕާޓީގައި ހިމެނޭ ދީނީ އިލްމުވެރިންނާއިވެސް މަޝްވަރާ ކުރުމަށްފަހު މަޝްވަރާ މަޖިލީހުގެ 7 މެމްބަރުންގެ ސޮޔާއި އެކު." އިމްރާން ވިދާޅުވިއެވެ.



ދީނީ ޢިލްމުވެރިންތަކެއް އިސްވެ އުފައްދާފައިވާ އަދާލަތު ޕާޓީގެ ޤައުމީ މަޖިލިސް މިއަހަރުގެ ފެބުރުއަރީ މަހުގެ 26 އަދި 27 ގައި ބާއްވާގޮތަށް އެޕާޓީން ވަނީ ނިންމާފައެވެ. ޤައުމީ މަޖިލީހަކީ ކޮންމެ ދައުރެއް ނިމުމުން ބޭއްވުމަށް ޢަދާލަތު ޕާޓީގެ ދުސްތޫރު ބަޔާންކޮށްފައިވާ ޕާޓީގެ އެންމެ އިސް ރުކުނެވެ.

އެގޮތުން ޤައުމީ މަޖިލީހުގައި ޢިލްމުވެރިންގެ މަޖިލީހުގެ ހުރިހާ މެންބަރުންނާއި މަޝްވަރާ މަޖިލީހުގެ ހުރިހާ މެންބަރުންނާއި ފަނޑިޔާރުންގެ މަޖިލީހުގެ ހުރިހާ މެންބަރުންނާއި އިދާރީ މަޖިލީހާއި އަންހެނުންގެ މަޖިލީހާއި ޒުވާނުންގެ މަޖިލީހުގެ އިތުރުން ދާއިރާތަކާއި ގޮފި ތަކުގެ މަންދޫބުން ބައިވެރިވެ ވަޑައިގަންނަވާނެއެވެ. ޢަދާލަތު ޕާޓީން ޢާއްމުކޮށްފައިވާ ބަޔާނެއްގައިވަނީ، ޕާޓީގެ 3 ވަނަ ދައުރަށް ޕާޓީގެ ރައީސާއި ނައިބު ރައީސް ހޮވުމަށްޓަކައި ބާއްވާ ޢަދާލަތު ޕާޓީގެ ރިޔާސީ އިންތިޚާބު 23 ޖަނަވަރީ 2021 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

18 އޯގަސްޓް 2005 ގައި ރަޖިސްޓްރީ ކޮށްފައިވާ، ޢަދާލަތުޕާޓީގެ ފުރަތަމަ ރައީސް އަކީ ޝެއިޚް ޙުސައިން ރަޝީދު އަޙްމަދެވެ. އަދި މިހާރު ރައީސްގެ މަޤާމުގައި ހުންނެވި ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ އެ މަޤާމުގައި ހުންނަވާތާ މިހާރު ވަނީ 12 އަހަރުވެފައެވެ. އެ ޕާޓީގައި މިވަގުތު 6436 މެމްބަރުން އެބަތިއްބެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން