ޢަދާލަތު ޕާޓީގެ ރައީސް އިމްރާން ޢަބްދުﷲ
ޢަދާލަތު ޕާޓީގެ ރައީސް އިމްރާން ޢަބްދުﷲ
އަދާލަތު ޕާޓީގެ ރައީސްކަމަށް އަންހެނުންނަށް ކުރިމަތި ލެވޭގޮތަށް އިންތިޚާބަށް އަލުން ހުޅުވާލައިފިއެވެ.

އަދާލަތު ޕާޓީގެ ދުސްތޫރަށް ޑިމޮކްރަސީއާއި ބީރަށްޓެހި ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް ބުނެ އެޕާޓީގެ ބައެއް ޢާއްމު މެމްބަރުން ވަނީ އިލެކްޝަންސް ކޮމިޝަނަށް މައްސަލަތަކެއް ހުށައަޅާފައެވެ. އެގޮތުން ޕާޓީގެ ރައީސް ކަމާއި ނައިބު ރައީސް ކަމަށް ކުރިމަތިލެވޭނީ، ކުރިމަތިލުމާ ހަމައަށް ޕާޓީގެ މަޖިލިސްތަކުގެ ތެރެއިން މަޖިލީހެއްގައި މެދުނުކެނޑި ދެ އަހަރު އުޅެމުން އަންނަ މީހަކަށް ކަމަށް ހަމަޖެއްސުމަށް މަސައްކަތް ކުރާ ކަމަށް އެ މެމްބަރުން ވަނީ ތުހުމަތު ކޮށްފައެވެ. އަދި ޕާޓީގެ ރައީސް ކަމަށާއި، ނައިބު ރައީސް ކަމަށް އަންހެނުންނަށް ކުރިމަތިލެވޭ ގޮތަށް ޕާޓީގެ ދުސްތޫރަށް ދާދިފަހުން ވަނީ އިސްލާހުކޮށްފަ އެވެ.

އަދާލަތު ޕާޓީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ޢަދާލަތު ޕާޓީގެ ދުސްތޫރުގެ 41.1 ވަނަ މާއްދާގެ (ށ) އަދި 41.3 ވަނަ މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރުގެ ދަށުން، ޕާޓީގެ 3 ވަނަ ދައުރަށް ޕާޓީގެ ރައީސާއި ނައިބު ރައީސް ހޮވުމަށްޓަކައި ބާއްވާ ޢަދާލަތު ޕާޓީގެ ރިޔާސީ އިންތިޚާބު ބާއްވާނެ ތާރީޚު 30 ޖަނަވަރީ 2021 ވާ ހޮނިހިރު ދުވަހަށް ބަދަލުކުރުމަށް ނިންމާފަައިވާކަމަށެވެ. ކުރިން އިންތިހާބު ބާއްވަން ނިންމާފައިވަނީ ޖެނުއަރީ މަހުގެ 23 ގައެވެ.

އިއުލާންގައި އިތުރަށް ބުނެފައިވަނީ ޢަދާލަތު ޕާޓީގެ ދުސްތޫރުގެ 42.1 ވަނަ މާއްދާގެ ދަށުން ޕާޓީގެ ރައީސްގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކަށް، 08 ޖެނުއަރީ 2021 ވަނަ ދުވަހު ބޭއްވުނު މަޝްވަރާ މަޖިލީހުން ބަދަލު ގެނެސްފައިވާތީ، އިންތިޚާބަށް ކުރިމަތިލުމަށް 01 ޖެނުއަރީ 2021 ގައި ކޮށްފައިވާ އިޢުލާން ބާޠިލުކޮށް، އެ މަޤާމަށް ކުރިމަތިލުމަށް އަލުން ހުޅުވައިލާކަމަށެވެ.



ޕާޓީގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ބޭނުންވާ ފަރާތްތަކުން އެކަމަށް އެދޭ ފޯމާއި، ފޯމާއެކު ހުށައަޅަންޖެހޭ ލިޔެކިޔުން 17 ޖަނަވަރީ 2021 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން އަދާލަތު ޕާޓީގެ މައި އޮފީހަށް ހުށަހަޅަންވާނެކަމަށް އިއުލާންގައި ބުނެފައިވެއެވެ. މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިގެންވަނީ 13 ޖަނަވަރީ 2021 ވާ ބުދަ ދުވަހުގެ ނިޔަލަށް ޕާޓީގެ މެންބަރެއްގެ ގޮތުގައި ރަޖިސްޓްރާ ބަލައިގަނެފައިވާ، ޕާޓީގެ ކޮންމެ މެންބަރަކަށެވެ.

އަދާލަތު ޕާޓީގެ ރައީސް ކަމަށް އަންހެނުންނަށް ވާދަކުރެވޭ ގޮތަށް އިސްލާހް ހުށަހެޅީ ޕާޓީގެ މިހާރުގެ ރައީސް އިމްރާން އަބްދުﷲ އެވެ. އެގޮތުން މިވަގުތު ޕާޓީ ކުރިއަށް ގޮސްފައިވާ މިންވަރަށް ބަލައި ޕާޓީ އިތުރަށް ހުޅުވާލައި ޕާޓީގެ އެންމެ އިސް ސަފުގައި އަންހެނުންނަށް ހަރަކާތްތެރި ވުމަށް އޮތް ފުރުސަތު އިތުރަށް ފަހިކުރުމަށް ފެންނާތީ، އަދާލަތު ޕާޓީގެ ރައީސްގެ ކިބައިގައި ހުރުން ލާޒިމްކުރާ ޝަރުތުގެ ތެރެއިން ފިރިހެނަކަށްވުން އުނިކުރަން މަޝްވަރާ މަޖިލީހުން ވަނީ ފާސްކޮށްފައެވެ.

18 އޯގަސްޓް 2005 ގައި ރަޖިސްޓްރީ ކޮށްފައިވާ، ޢަދާލަތުޕާޓީގެ ފުރަތަމަ ރައީސް އަކީ ޝެއިޚް ޙުސައިން ރަޝީދު އަޙްމަދެވެ. އަދި މިހާރު ރައީސްގެ މަޤާމުގައި ހުންނެވި ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ އެ މަޤާމުގައި ހުންނަވާތާ މިހާރު ވަނީ 12 އަހަރުވެފައެވެ. އެ ޕާޓީގައި މިވަގުތު 6436 މެމްބަރުން އެބަތިބިކަމަށް އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުން ދައްކަޢެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން