ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއިން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ޤާނޫނު 2020 އަށް އިޞްލާޙު ގެނައުމުގެ ބިލު ދިރާސާކުރުން
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއިން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ޤާނޫނު 2020 އަށް އިޞްލާޙު ގެނައުމުގެ ބިލު ދިރާސާކުރުން
އިލެކްޝަންސް ކޮމިޝަނުން ބޭނުންވާ ތާރީޚެއްގައި އިންތިޚާބު ބޭއްވުމަށް އެ ކޮމިޝަނުން މަޖިލީހުގެ ކޮމިޓީއަށް ހުށައަޅައިފިއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ޤާނޫނު 2020 އަށް އިޞްލާޙު ގެނައުމުގެ ބިލު ދިރާސާ ކުރުމަށް މިއަދު ބޭއްވި މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ، ކައުންސިލް އިންތިޚާބުގެ ޚާއްސަ ޤާނޫނަށް އިސްލާހުގެނައުމަށް ސަރުކާރުން ހުށައަޅާފައިވާ ބިލުގެ އިބްތިދާއީ ބަހުސް ނިންމައި ކޮމިޓީ މަސައްކަތް މިއަދު ފެށުމަކީ އެކަމަށް މަރުޙަބާ ކިޔާ ކަމެއް ކަމަށެވެ. އަދި އިންތިޚާބު އަވަހަށް ބޭއްވުމަކީ އިލެކްޝަންސް ކޮމިޝަނުންވެސް ބޭނުންވާ ކަމެއްކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވަނީ ބިލަށް ހުށައަޅާފައިވާ އިސްލާޙްތަކުގެ ތެރޭގައި ހުރި ކޮމިޝަނުން ކަންބޮޑުވާ ނުކުތާތައް ކޮމިޓީއަށް ޙިއްސާކޮށްފައެވެ. އެގޮތުން ބިލުގެ ދެވަނަ މާއްދާއަށް އިސްލާޙެއް ހުށައަޅާފައި ނުވާތީ ޝަރީފް ވަނީ ކަންބޮޑުވުން ފާޅުކުރަށްވާފައެވެ. ޝަރީފް ވިދާޅުވީ، އިލެކްޝަންސް ކޮމިޝަނުން ބޭނުންވާ ތާރީޚެއްގައި އިންތިޚާބު ބޭއްވުމުގެ ފުރުސަތު އޮތުމަކީ އެ ކޮމިޝަނުން ބޭނުންވާ ގޮތް ކަމަށެވެ. އަދި އިންތިޚާބު ބޭއްވުމަށް އިތުރުފަރާތެއް ބަސްބުނުމުގެ ފުރުސަތު އޮތުމަކީ ކަންބޮޑުވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އޮތީ މައިގަނޑު ތިން ކަންބޮޑުވުމެއް. އެއީ އިލެކްޝަން ބޭއްވުމުގެ ޤާނޫނީ ޒިންމާ އިލެކްޝަންސް ކޮމިޝަނަށް އޮންނަ އިރުގައި، އެ އިންތިޚާބު ބޭއްވުމަށް އިތުރު ފަރާތެއް ބަސްބުނުމުގެ ފުރުސަތު އޮތުމަކީ އަޅުގަނޑުމެން ވަރަށް ކަންބޮޑުވާ ކަމެއް. އިންތިޚާބު ބާއްވަންވީ ގޮތުގެ އިރުޝާދު އެއްވެސް ފަރާތަކުން އަޅުގަނޑުމެން ކޮމިޝަނަށް ދީގެން ނުވާނެ." ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، ރައްކާތެރިކަމުގެ މިންގަނޑެއް އެޗްޕީޢޭއަށް ކަނޑައެޅިދާނެ ކަމަށާއި، ނަމަވެސް އެ މިންގަނޑާ އެއްގޮތަށް އިލެކްޝަންސް ބާއްވާނެ ގޮތް ކަނޑައަޅާނީ އިލެކްޝަންސް ކޮމިޝަނުން ކަމަށެވެ. ދެވަނަ ކަމަކަށް ޝަރީފް ފާހަގަކުރެއްވީ އިންތިޚާބު ބާއްވާނެ ތާރީޚް ކަނޑައަޅާނީ އިލެކްޝަންސް ކޮމިޝަނުން ކަމަށެވެ. އަދި ވަކި ތާރީޚެއް ޤާނޫނުގައި ނުހިމެނުމަށް ޝަރީފް އެދިވަޑައިގެންނެވިއެވެ. ތިންވަނަ ކަމަކަށް ޝަރީފް ފާހަގަކުރެއްވީ އިންތިޚާބުގެ އެކި ކަންކަމަށް ޤާނޫނުގައި ދީފައިވާ މުއްދަތުތައް ކުރު ކުރުމާ މެދުގައެވެ. ކޮމިޝަނުން ވަނީ އެފަދަ މުއްދަތު ތައް ކުރުކުރަން ދެކޮޅު ހަދާ ކަމަށެވެ.

ކޯވިޑް-19 އާ ގުޅިގެން ރާއްޖޭގައި އިޢުލާނުކޮށްފައިވާ އާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އަންނަ މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް ވަނީ އިތުރުކޮށްފައެވެ. އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން ބުނެފައިވަނީ، އަންނަ މާޗް މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް މަސައްކަތް ކުރި ލޯކަލް ކައުންސިލް އިންތިހާބު، ޤާނޫނުގައި ބުނާ 28 ދުވަހުގެ މުއްދަތު ކެންޕެއިން ކުރުމަށް ނުލިބޭނެ ގޮތަކަށް ނުބޭއްވޭނެ ކަމަށެވެ. އަދި އިންތިޚާބު ބޭއްވޭނީ އެޗްޕީއޭ އިން އެފުރުސަތު ދެއްވުމުން ކަމަށް އެކޮމިޝަނުން ވަނީ ބުނެފައެވެ.

ކައުންސިލް އިންތިޚާބު ބޭއްވުމަށް އެންމެ ފުރަތަަމަ ތާވަލު ކޮށްފައިވަނީ މިދިޔަ އަހަރުގެ އޭޕްރިލްމަހުގެ ތެރޭގައެވެ. ނަމަވެސް ކޯވިޑް-19ގެ ބަލިމަޑުކަމާއެކު ރާއްޖެ އެއްކޮށް ލޮކްޑައުން ކުރުމާގުޅިގެން އިންތިޚާބު ވަނީ މުއްދަތެއް ނެތްގޮތަށް ފަސްކޮށްފައެވެ. އަދި އިންތިޚާބާބެހޭ ޚާއްސަ ޤާނޫނެއް އެކުލަވާލައި އައު އިންތިޚާބެއް ބާއްވައި އައު ކައުންސިލަރުން ހުވާކުރުމާ ހަމައަށް މިހާރު ތިބި ކައުންސިލަރުން ދެމިތިބޭގޮތަށް ޤާނޫނަށްވަނީ ބަދަލު ގެނެސްފައެވެ.

ކޯވިޑް-19 ގެ ސަބަބުން ފަސްކޮށްފައިވާ ލޯކަލް ކައުންސިލް އިންތިޚާބު، މިއަންނަ އޭޕްރީލް މަހުގެ ތެރޭގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ތައްޔާރުވަމުން އަންނައިރު އެކަމަށް ވާންޖެހޭ ތައްޔާރީތައް ވުމަށް ޤާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން މިހާރު މިވަނީ ފަށާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން