ޔޫތު މިނިސްޓަރ އަޙްމަދު މަޙުލޫފް (ކ) އަލީ އިޙްސާން (ވ)
ޔޫތު މިނިސްޓަރ އަޙްމަދު މަޙުލޫފް (ކ) އަލީ އިޙްސާން (ވ)
ބ. ހިބަޅިދޫ ފަޅުތެރެއިން ހަތިޔާރު ފެނުނު މައްސަލައިގެ ޙަޤީޤަތް ކަމަށްބުނެ އެމްއެންޑީއެފްގެ ވަޒީފާއިން މިހާރު ރިޓަޔަރ ކުރަށްވާފައިވާ ކެޕްޓަން އަލީ އިހުސާން ހާމަކުރެއްވި މަޢުލޫމާތު ތަކާއެކު، ގިނަ ބައެއްގެ ފާޑުކިއުން އޭނާއަށް އަމާޒުވެ ސޯޝަލް މީޑިއާގައި ހޫނުފެނަށް ވެއްޓިއްޖެއެވެ.

އިއްޔެ އޮތް ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި އައްޑޫ މީދޫ ދާއިރާ މެންބަރު ރޮޒައިނާ އާދަމްވަނީ ހިބަޅިދޫއިން ފެނުނު ހަތިޔާރަކީ ކުރީ ސަރުކާރުން ކުޅުނު ބޮޑު ޑުރާމާއެއް ކަމުގައި ވިދާޅުވެފައެވެ. އެކަމާ ގުޅިގެން އިޙްސާން ރޭ ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ ހިބަޅިދޫއަށް ލޯންޗެއްގައި ހަތިޔާރު ގެންގޮސް އެތާނގައި ތިބި މީހުންނަށް ހަވާލުކުރީ މ. ސެސްނާ މުހައްމަދު އައްލާމް ލަތީފާއި މ. ލޭންޑް އޮފް ގާޑަން، އަހުމަދު އިޝްފާހު އަލީ ކަމަށެވެ. އަދި އެ މީހުން ހޯދަން ކުރިން ނެރެފައިވާ އިންޓަޕޯލްގެ ނޯޓިސް މިހާރު ކެންސަލް ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ، އޭގެ އިތުރުން އިހުސާން ވަނީ ފޮޓޯއެއް ޢާއްމު ކުރަށްވައި އެ ފޮޓޯގައިވަނީ ހިބަޅިދޫގައި ހަތިޔާރު ގެންގުޅުނު މީހާ ކަމަށް ވިދާޅުވެފައެވެ. އަދި ސަލާމަތީ ޚިދުމަތްތަކުގެ އިންޓެގްރިޓީއާމެދު ސުވާލު ނުއުފެއްދުމަށް އިޙްސާން ވަނީ ގޮވާލައްވާފައެވެ.

އެކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އިޙުސާނަށް އަމާޒުކޮށް ފާޑުކިޔަމުން އަންނައިރު، މީގެ ކުރިން އިޙުސާނު ކުރަށްވާފައިވާކަމަށް ބުނާ ބައެއް ކަންތައްތަކުގެ ވާހަކަތައްވެސް ވަނީ ތިލަ ކޮށްފައެވެ. އެގޮތުން، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު މިހާރުގެ ޔޫތު މިނިސްޓަރ އަޙްމަދު މަޙްލޫފް ކުރަށްވާފައިވާ ޓްވީޓެއް ގިނަ ބަޔަކު ދަނީ ޓްވިޓަރގައި ޙިއްސާ ކުރަމުންނެވެ.

މަޙްލޫފްގެ ޓްވީޓްގައި ވަނީ، އައްޑޫ ކެމްޕެއިން ޓީމާ ވެސްޓްޕާކްގައި ކެޕްޓަން އިޙްސާން ބައްދަލުކޮށްފައިވާ ކަމަށާއި، އަދި އިންތިޚާބުގެ ފަހު ހަފުތާގައި މީހުންގެ އަތުން އައިޑީކާޑު ގަތުމަށް އޯޑަރ ދީފައިވާ ކަމަށެވެ. އަދި އިޙުސާނަކީ ދަޢުލަތުގެ ޚަރަދުގައި ތަމްރީން ހަދައިގެން އައިސް ރައްޔިތުންގެ ވޯޓު ގަތުމަށް މަސައްކަތްކުރާ ފަރާތެއް ކަމަށާއި، އެކަން ފެއިލް ކޮށްލާނެ ކަމަށް މަޙްލޫފް ވިދާޅުވެފައިވެއެވެ.

ހަމައެއާއެކު، މަޙްލޫފް ވިދާޅުވެފައި ވަނީ މަޙްލޫފްގެ އެ ޓްވީޓަށް ފަހު، ވެސްޓްޕާކްގައި އިޙްސާން އާއި ބައްދަލުކުރި މީހުންނާ އަލުން ބައްދަލުކުރުމަށް އިޙްސާން ގުޅުއްވަމުން ގެންދަވާ ކަމަށެވެ.



ހިބަޅިދޫ ހަތިޔާރުގެ މައްސަލާގައި އިޙްސާން ދެއްކެވި ވާހަކަތަކާ ގުޅިގެން ބައެއް މީހުން ފާޅުކޮށްފައިވާ ޚިޔާލުތަކުގައި ވަނީ 1988 ވަނަ އަހަރުގެ ނޮވެމްބަރު 3 ގައިވެސް ހަތިޔާރާއެކު އައި ބާޣީންނަށް ސިފައިންގެއަށް ނުވަދެވުނު ކަމަށާއި، ނަމަވެސް ސިފައިންގެ އާމަރީގައި ހުރި ހަތިޔާރުތަކެއް ލޯންޗަކަށް ލައިގެން ހިބަޅިދޫއަށް ޒުވާނުންތަކަކަށް ގެންދެވުމަކީ ބުއްދިޤަބޫލުކުރާ ކަމެއް ނޫން ކަމަށެވެ.

އަދި އިޙްސާން އިސްކޮށްހުރެ މާލޭގައި ކުޅުނު ބޮމުގެ ޑްރާމާތައް މަތިންވެސް ރައްޔިތުން އަދި ހަނދާން ނުނެތޭކަމަށް މިފަދަ ބައެއް ރައްދުތަކުގައި ވެއެވެ.



އާއްމުންގެ ރައްދުތަކާ ގުޅިގެން އިޙްސާން ފަހުން ވިދާޅުވެފައިވަނީ، އޭނާ އަކީ ޙަޤީޤަތާ ޚިލާފު ވާހަކަތައް ދައްކަން ފެށުމުން ކުރިމަތިލާން ނުކެރި ފިލާނެ މީހެއް ނޫން ކަމަށެވެ. އަދި ދިވެހިރާއްޖޭގެ ޙައްޤުގައި ބުނަންޖެހޭ ކޮންމެ އެއްޗެއް ބުނާނެ ކަމަށާއި، އެކަން ހުއްޓުވުމަށް އުޅުމަކީ މޮޔަކަމެއް ކަމަށް އިޙްސާން ވިދާޅުވިއެވެ.

އެމްއެންޑީއެފް އާމަރީގައި ހުރި ހަތިޔާރުތަކެއް ބ. ހިބަޅިދޫ ކައިރީ ކަނޑުގެ އަޑިން ހޯދީ 2015 ވަނަ އަހަރު އެވެ. "ފިނިފެންމާ" ގައި ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ދިންކަމަށް ބުނާ ހަމަލާއާ ހިބަޅިދޫން ފެނުނު ހަތިޔާރާ ގުޅުމެއް ވާކަމަށް ތުހުމަތު ކުރެވޭތީ ގިނަ ބައެއްގެ މައްޗަށް ކުރީ ސަރުކާރުގެ ދުވަސްވަރު ދައުވާ އުފުލިއެވެ. އެއީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ސިފައިންގޭގެ ބަޑި ގުދަނުގެ ކުރީގެ ވެރިޔާ ކާނަލް އަހުމަދު ފަޔާޒު (ޕާޕާ) އާއި އެފްއޭއެމްގެ ނޯމިލައިޒޭޝަން ކޮމެޓީގެ ކުރީގެ މެމްބަރު މުހައްމަދު ހުސައިން (އޮއިއްޓޭ) އާއި މ. ސެސްނާ މުހައްމަދު އައްލާމް ލަތީފް (މޮހޯ) އަދި މ. ލޭންޑް އޮފް ގާޑަން، އަހުމަދު އިޝްފާހު އަލީ އެވެ.

މި މީހުންގެ ތެރެއިން އޮއިއްޓޭ އާއި، މޮހޯ އާއި އިޝްފާހު ތިބީ ފިލައިގެން ގޮސް ރާއްޖެއިން ބޭރުގައެވެ. އެއިން އެއްވެސް މީހަކު ޝަރީއަތަށް ޙާޟިރުކޮށްފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު