ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީއިން މިނިސްޓަރ އޮފް ހޯމް އެފެރާޒްއާ ބައްދަލުކުރުން
ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީއިން މިނިސްޓަރ އޮފް ހޯމް އެފެރާޒްއާ ބައްދަލުކުރުން
އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރގެ މަޤާމުގައި ހުންނެވި ޑރ. އަބްދުﷲ ފައިރޫޝް ރިޓަޔަރ ކުރެއްވިއިރު، ތައުދީބީ މައްސަލައެއް ހުށަހެޅިފައިވާ ފަރާތަކަށް ޝަރަފުވެރިކަމާއެކު ރިޓަޔާނުކުރެވޭނެ ކަމަށް ފުލުހުންގެ ގާނޫނުގައި އޮތް ނަމަވެސް ދެކެވޭ ވާހަކައަކުން މީހެއްގެ ރިޓަޔަރމަންޓް ހިފެހެއްޓޭނެ ކަމަށް ޤަބޫލު ނުކުރަށްވާ ކަމަށް ވިދާޅުވެ އެމްޑީޕީ މެންބަރުންގެ ޝަކުވާތަކަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ރައްދު ދެއްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީއަށް އިމްރާން ހާޒިރުކޮށް މިއަދު ސުވާލުކޮށްފައިވަނީ، ފުލުހުންގެ ޚިދުމަތުގައި 20 އަހަރު އުޅުއްވުމަށް ފަހު ޖެނުއަރީ 2، 2021 ގައި ފައިރޫޝް ރިޓަޔާކުރެއްވީ ފުލުހުންނާ މެދު ފިޔަވަޅު އެޅޭގޮތަށް އަލަށް އެކުލަވާލި ގާނޫނުން ރެކިވަޑައިގަތުމަށް ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައެވެ. ފައިރޫޝް ފުލުހުންގެ ޚިދުމަތުން ޝަރަފްވެރިކަމާއެކު ރިޓަޔަރ ކުރެއްވީ ފުލުހުންގެ ޚިދުމަތުގެ ޤާނޫނު ތަސްދީގުކުރެއްވިތާ ހަ ދުވަސް ފަހުންނެވެ.

މިއަދުގެ ކޮމިޓީގައި އިމްރާން ވިދާޅުވީ ފައިރޫޝް ރިޓަޔަކުރެއްވިއިރު ރިކޯޑް ސާފުކުރާ ފޯމް ހުށަހެޅުން ފަދަ ހުރިހާ އިޖުރާއަތުތަކެއް ފުރިހަމަ ކޮށްފައިވާ ކަމަށެވެ. އަދި ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑް ކޮމާންޑާއި ހޯމް މިނިސްޓްރީއަށް ވެސް އޭނާއާ ގުޅޭ މައްސަލައެއް ހުށަހަޅާފައި ނުވާ ކަމަށް ވެސް ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ، ފައިރޫޝް ރިޓަޔާކުރެއްވަން އެދިވަޑައިގަތީ ފުލުހުންގެ ޚިދުމަތުގެ ޤާނޫނު ތަޞްދީޤުކުރުމުގެ ކުރިން ކަމަށެވެ. އަދި ތައުދީބީ މައްސަލައެއް ހުށަހެޅިފައިވާ ފަރާތަކަށް ޝަރަފުވެރިކަމާއެކު ރިޓަޔާނުކުރެވޭނެ ކަމަށް ޤާނޫނުގައި ލިޔާނެކަން އެނގިވަޑައިގެންފައިނުވާ ކަމުގައިވެސް ޢިމްރާން ފާހަގަކުރެއްވިއެވެ. ފައިރޫޝް އަކީ ފެބްރުއަރީ 7 ގައި ރައީސް ނަޝީދުގެ ވެރިކަން ބަދަލުވުމުގެ މަރުޙަލާގައި އަމިއްލައަށް ފުލުހުންގެ ކޮމިޝަނަރުކަމާ ޙަވާލުވެގެން އުޅުއްވި ފަރާތެވެ.

ފައިރޫޝްއާ ބެހޭގޮތުންވެސް ތަފާތު ވާހަކަ ދެކެވޭކަން ފާހަގަކުރަށްވައި އިމްރާން ވިދާޅުވީ، ދެކެވޭ ވާހަކައަކުން މީހެއްގެ ރިޓަޔަރމަންޓް ހިފެހެއްޓޭނެ ކަމަށް ޤަބޫލު ނުކުރަށްވާ ކަމަށާއި، ލިޔެކިޔުމުން މައްސަލައެއް ހުށައަޅާފައި އޮންނަން ވާނެ ކަމަށެވެ. މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި އެމްޑީޕީގެ މަޖިލީސް މެމްބަރުން ވަނީ، ފައިރޫޝް ރިޓަޔަރ ކުރުމުގެ ފުރުސަތު ދީފައިވާތީ އެކަމާ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރަށްވާފައެވެ.

އަލަށް އެކުލަވާލާފައިވާ ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގައި ބުނެފައިވަނީ ތައުދީބީ ފިޔަވަޅެއް އެޅުމުގެ ފުރުޞަތު ނުވަތަ އެފަދަ ފިޔަވަޅެއް އަޅަންޖެހޭ ޙާލަތެއްގައި ހުރި މީހަކަށް ޝަރަފުވެރިކަމާއެކު ރިޓަޔާނުކުރެވޭނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން