ކޮވިޑުން ރައްކާތެރިވުމަށް ކުރެވޭ މަސައްކަތް އިތުރަށް ހަރުދަނާ ކުރުމަށް ބޭނުންވާނޭ ލެބޯރެޓަރީ ސާމާނު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ރާއްޖެއަށް ހަދިޔާކޮށްފިއެވެ.

ޑަބްލިޔުއެޗްއޯއިން ރާއްޖެއަށް ހަދިޔާކުރި ތަކެތީގެ ތެރޭގައި ލެބޯރެޓަރީ އަށް ބޭނުންވާނޭ ސާމާނާއެކު، ކޮވިޑް-19 ވެކްސިން ފިނިކޮށްފައި ބެހެއްޓުމަށް ބޭނުންވާނޭ ކޯލްޑް ޗެއިން ސިސްޓަމެއް ހިމެނެއެވެ.

މިއަދު ހެނދުނުގެ ވަރޗުއަލް ބައްދަލުވުމުގައި ޑަބްލިޔުއެޗްއޯގެ ފަރާތުން މިތަކެތި ހަދިޔާކޮށްދީފައިވަނީ ޑަބްލިޔުއެޗްއޯގެ ދެކުނު އިރުމަތީ އޭޝިޔާގެ ރީޖަނަލް ޑިރެކްޓަރ ޑރ. ޕޫނަމް ސިންގ އެވެ. އަދި ދިވެހިރާއްޖޭގެ ފަރާތުން މިތަކެއްޗާ ހަވާލުވެވަޑައިގެންނެވީ ހެލްތު މިނިސްޓަރ، އަހުމަދު ނަސީމެވެ.

މިވަރޗުއަލް ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، ޑަބްލިޔުއެޗްއޯގެ އެހީތެރިކަމާއެކު ރާއްޖޭގެ ސިއްހީ ދާއިރާއަށް ލިބެމުން އަންނަ ކުރިއެރުންތައް ފާހަގަކުރަށްވައި މިނިސްޓަރ ނަސީމް ވަނީ ޑަބްލިޔުއެޗްއޯއަށް ޝުކުރު އަދާކުރަށްވާފައެވެ.

ރާއްޖެއަކީ ކުޑަ ޖަޒީރާ ގައުމަކަށްވުމުގެ އިތުރަށް، ރާއްޖެއަކީ އިޖުތިމާއި ގޮތުންނާއި އިގްތިސާދީ ގޮތުން އަންނަ ބަދަލުތަކާއި، މޫސުމީ ބަދަލުތަކުން ތިމާވެއްޓަށް ކުރިމަތިވާ ގޮންޖެހުންތައް ތަހައްމަލު ކުރަން ޖެހިފައިވާ ނާޒުކު ގައުމެއް ކަމަށްްވެސް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. މިއާއެކު ވެސް ރާއްޖޭގެ ސިއްހީ ދާއިރާ އިތުރަށް ފުޅާކުރުމަށް އިސްކަމެއް ދެމުންދާކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މިބައްދަލުވުމުގައި ވާހަކަދައްކަވަމުން، ކޮވިޑުން ރައްކާތެރިވުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތައް ފާހަގަކޮށް އެމަސައްކަތްތަކަށް ޑަބްލިޔުއެޗްއޯގެ ދެކުނު އިރުމަތީ އޭޝިޔާގެ ރީޖަނަލް ޑިރެކްޓަރ ޑރ. ޕޫނަމް ސިންގ ވަނީ ރާއްޖެއަށް ތައުރީފް ކުރަށްވާފައެވެ. ހާއްސަގޮތެއްގައި ބަލިފެތުރުން ކޮންޓްރޯލް ކުރުމަށް އެޅިފައިވާ ފިޔަވަޅުތައް ފާހަގަކޮށް ދުނިޔޭގެ ހުރިހާ ގައުމުތަކުގެ އެވަރޭޖް ތަފާސް ހިސާބަށް ބަލައި، މިބަލީގައި މަރުވާ މީހުންގެ އަދަދު ރާއްޖޭގައި ތިންގުނަ ދައްކަމަށް ޑރ. ޕޫނަމް ފާހަގަ ކުރެއްވިއެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުގައި ރާއްޖެއަށް އެންމެ ފުރަތަމަ އެހީތެރިވެދިން ފަރާތްތަކުގެ ތެރޭގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ހިމެނޭއިރު، އެޖަމިއްޔާގެ އެހީތެރިކަން މެދުނުކެނޑި ރާއްޖެއަށް އަދިވެސް ދަނީ ލިބެމުންނެވެ.

ރާއްޖޭގައި މިހާތަނަށް 75 އިންސައްތަ މީހުން ކޮވިޑަށް ޓެސްޓު ކުރެވިފައިވަނީވެސް ޑަބްލިޔުއެޗްއޯއިން ހަދިޔާކޮށްފައިވާ ޕީސީއާރް ޓެސްޓު ކިޓް ބޭނުންކޮށްގެންނެވެ. އަދި މިއަދު ހަދިޔާކޮށްފައިވާ ވެކްސިން ފިނިކޮށްފައި ބެހެއްޓުމަށް ބޭނުންވާނޭ ކޯލްޑް ޗެއިން ސިސްޓަމަކީ ކުރިއަށް އޮތް ދިހަ އަހަރުވެސް ބޭނުން ކުރެވޭނެ ސިސްޓަމެއް ކަމަށް ޑަބްލިޔުއެޗްއޯއިން ހާމަކޮށްފައިވެއެވެ.

ކޮވިޑުގެ ބަލިމަޑުކަމުގެ ކުރިންވެސް ރާއްޖޭގެ ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ބޭނުންވާނޭ އެހީތެރިކަން އެކިފަހަރުމަތިން ޑަބްލިޔުއެޗްއޯއިން ވަނީ ފޯރުކޮށްދީފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން