ޑރ. މުޙައްމަދު ޖަމީލް އަޙްމަދު (ކ) އާއި ޢަލީ ނިޒާރު (ވ)
ޑރ. މުޙައްމަދު ޖަމީލް އަޙްމަދު (ކ) އާއި ޢަލީ ނިޒާރު (ވ)
ކުރީގެ ނާއިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދުގެ ފިކުރުން އައްޑޫގައި ހަދައި ނިއްމި އެއްމެ މަގެއްގެ ނަން ވިދާޅުވެއްޖެނަމަ ސިޔާސީ މަސައްކަތް ހުއްޓަވައިލައްވާނެ ކަމަށް ވިދާޅުވެ އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރު ކަމަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރަށްވާ ޢަލީ ނިޒާރު ޑރ. ޖަމީލަށް ޗެލެންޖް ކުރަށްވައިފިއެވެ.

އެމްޑީޕީއިން އައްޑޫ ލިންކްރޯޑް ތަރައްޤީ ކުރާނީ މޮނޯރެއިލް ލޭނަކާއެކު ކަމަށް އައްޑޫ ސިޓީގެ މޭޔަރ ޢަބްދުﷲ ޞާދިޤް ވިދާޅުވުމާ ގުޅިގެން އެކަމަށް ހަޖޫ ޖައްސަވައި ޑރ. ޖަމީލް ވިދާޅުވީ، ހަމައެކަނި ހުސްވައުދުން އައްޑޫ ތަރައްޤީވާނަމަ އެމްޑީޕީއަށް މިހާރު އެކަން ކުރެވޭނެ ކަމަށާއި، އައްޑޫގެ ތަރައްޤީއަށް ސަރުކާރުން ގެންގުޅޭ ޕްލޭނަކީ ކާށިދޫއިން ނުވަތަ ފިލިޕީންސުން ކޮޕީ ކޮށްފައިވާ އެއްޗެއްތޯ ސުވާލު އުފެދޭ ކަމަށެވެ.

އެކަމާ ގުޅިގެން ޑރ. ޖަމީލަށް ރައްދު ދެއްވަމުން ޢަލީ ނިޒާރު ވިދާޅުވީ، އައްޑޫއަށް މިވީހާތަނަށް ކަމެއް ކޮށްދިނިއްޔާ ކޮށްދީފައި އޮތީ އެމް.ޑީ.ޕީ އިން ކަމަށާއި، އަދި އައްޑޫއަށް ވައުދުވެ އެ ފުއްދާނީވެސް އެމް.ޑީ.ޕީ އިން ކަމަށެވެ.

އަދި "މަނިކުފާނުގެ ފިކުރުން ރާއްޖޭގެ ވެރިކަމުގައި ހަތް އަހަރު ވީއިރު އައްޑޫގައި ހަދައި ނިންމި އެއްމެ މަގެއްގެ ނަން ވިދާޅުވެއްޖެނަމަ އަޅުގަނޑު މިސިޔާސީ މަސައްކަތް ހުއްޓާލާނަން" ކަމަށް ވިދާޅުވެ ޢަލީ ނިޒާރުވަނީ ޑރ. ޖަމީލަށް ޗެލެންޖް ކުރަށްވާފައެވެ.



އައްޑޫ މަގުހެދުމަށް ސަރުކާރުން އިޢުލާނުކޮށްފައިވާ އެއް ބިލިއަން ރުފިޔާގެ މަޝްރޫޢާއި ގުޅިގެން ޑރ. ޖަމީލް ވަނީ އައްޑޫ ރައްޔިތުންގެ ވިސްނުން އެހާ ކޮށިކަމަށް އެމްޑީޕީން ދެކެނީތޯ ވިދާޅުވެ ސުވާލު އުފައްދަވާފައެވެ. އަދި ދިވެހި އެއްވެސް ރައްޔިތަކު އެހާ ނިކަމެތި ކޮށްލަން ނުވާނެ ކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.

"އިންތިޚާބު ބޯމަތިވުމުން ރަންގަނޑަކަށް، އިންތިޚާބު ނިމުނުހާ އަވަހަކަށް ހިލަގަނޑަކަށް. މި ފަލްސަފާ ރައްޔިތުންނަށް މިހާރު މާ ބޮޑަށްވެސް އެނގޭ!" ޑރ. ޖަމީލް ވިދާޅުވެފައިވެއެވެ.

އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ޑރ. ސުބުރަހްމަންޔަން ޖައިޝަންކަރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި އައްޑޫ ސިޓީގެ ފެންހިންދާ ނިޒާމާއިއެކު، އައު ދެވަނަ ލިންކް ރޯޑެއް ޤާއިމުކުރުމާއި، 40 ކިލޯމީޓަރުގެ މަގުހެދުމުގެ މަޝްރޫއު ވަނީ 1.19 ބިލިޔަން ރުފިޔާއަށް އިންޑިއާގެ ކުންފުންޏަކާއި ހަވާލު ކޮށްފައެވެ. އަދި މިމަސައްކަތް 730 ދުވަހުން ނިންމުމަށް އެ އެއްބަސްވުމުގައި ވަނީ ކަނޑައަޅާފައެވެ.

މި ސަރުކާރު އައިފަހުން އައްޑޫގައި ތަރައްޤީގެ ގިނަ ޕްރޮޖެކްޓްތަކެއް ހިންގަމުންދާއިރު، އިންޑިއާ ސަރުކާރުގެ ހައި އިމްޕެކްޓް ކޮމިޔުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސްގެ ދަށުން އައްޑޫގައި ގޭދޮށު މަސް ޕްލާންޓް ޤާއިމްކުރުމުގެ މަސައްކަތްވެސް މިހާރު ވަނީ ފަށާފައެވެ. އެގޮތުން އައްޑޫސިޓީގެ ހިތަދޫ، ހުޅުދޫމީދޫ އަދި މަރަދޫގައި ގޭދޮށު މަސްޕްލާންޓްތައް ޤާޢިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.

ނަމަވެސް އިދިކޮޅު ފަރާތްތަކުން ބުނަމުންދަނީ މިއީ އިންތިޚާބާ ދިމާކޮށް ސަރުކާރުން އައްޑޫ ރައްޔިތުންނަށް ދައްކާ ހުވަފެން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


10

ޙަސަން ސޮބްރީ

02-Mar-2021

އެންމެ 5000މީހުންގެ ދާއިރާއަކުން މަޖިލިހަށް ކުރިމަތިލައިގެން 160ވޯޓު ލިބުނު މީހަކު ރައްޔިތުންގެ ނަމުގަ ވާހަކަ ނުދައްކާ! ތިޔައީ ރައްޔިތަކު ބަލައިގަންނަ މީހެއްނޫން.


12

އމމ

02-Mar-2021

ބަލަ ދަރިންނޭ މަގުހަދަނީ ދިވެހި ރައްޔިތުންގެ ފަިސާއިން ޚަރަދުކޮށްގެންނޭ ކޮންތާކު އޮތް ފިކުރެއްތޯ


11

މޭޔަރ

02-Mar-2021

ނިޒާރުކާރިން ނިކަންއަހާބަލަ ކަލޭ އައްޑޫސިޓީގެ މެމްބަރަކަށް ހުރިދުއަސްވަރު މީހުނަށް މަގުގައި ހިނގޭވަރުނުވެގެން އުޅުނުއިރުވެސް އައްޑޫގެ މަގުތައް ހެދުމާމެދު ދެއްކި ވާހަކައަކީ ކޯބާހޭ. އެ ފަސްއަހުރުވެސް ދުއްވާލީ ރައްޔިތުންގެ ޓެކްސް ފައިސާއިން މުސާރަނަގައިގެން ބޭކާރުގޮތުގަ. ރަށަކަށް ރައްޔިތަކަށް ކޮންކަމެއްހޭ ކޮށްދިނީ.



ޓްރެންޑިން