ރައްޔިތުންގެ ނަމުގައި ލޯނު ނަގައިގެން އަޅާ ފްލެޓްތަކުގެ މެޑަލް ވަކިބަޔަކު ޖަހާތީ ރީކޯ މޫސަ ރަތަށް އަރައިފިއެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭ ސިޓީ ކައުންސިލްގެ މޭޔަރުކަމަށް ވާދަކުރަށްވާ ކެނޑިޑޭޓުންގެ މެދުގައި ވަނީ ފްލެޓްތަކުގެ މެޑަލް ޖެހުމުގައި ވާދަވެރިކަމެއް އުފެދިފައެވެ. އެގޮތުން ރައީސް ޔާމީންގެ ސަރުކާރުން ހުޅުމާލޭގައި އަޅާފައިވާ 7000 ފްލެޓް ތަކުގެ ފައިދާ ޕީޕީއެމްގެ ފަރާތުން އިންތިޚާބުގައި ވާދަ ކުރަށްވާ ޑރ. މުޢިއްޒު ވަރަށް ބޮޑަށް ނަންގަވާކަން ގިނަ ބަޔަކު ފާހަގަ ކުރެއެވެ. އަދި ޑރ. މުޢިއްޒު އަކީ ފްލެޓް ބައްޕަ ކަމަށް ޕީޕީއެމްގެ އިސްބޭފުޅުން ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން އެމްޑީޕީގެ ޓިކެޓްގައި މާލޭ މޭޔަރު ކަމަށް ވާދަކުރަށްވާ އަނަސް އަބްދުއްސައްތާރަކީ ފްލެޓް ދޮންބެ ކައިރީގައި އުޅެ ބޮޑުވި ކުއްޖެއް ކަމަށް ވިދާޅުވެ ރައީސް ނަޝީދުގެ ވެރިކަމުގައި ޢިމާރާތް ކުރަންފެށި ފްލެޓްތަކުގެ މެޑަލް އަނަސްގެ މޭމަތީގައި ޖެހުމަށް އެމްޑީޕީންވެސް ދަނީ ވަރުގަދަ ކެމްޕޭނެއް ކުރަމުންނެވެ.

އެކަމާ ގުޅިގެން، ރައީސް ނަޝީދު ފްލެޓްގެ މަސައްކަތް ފެއްޓެވިއިރު އެމްޑީޕީގެ ޕީޖީ ލީޑަރުކަމުގައި ހުންނެވި، އަދި ފަހުން ރައީސް ޔާމީން ހިޔާ ފްލެޓްތަކުގެ މަޝްރޫޢު ފެއްޓެވިއިރު ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް ކަމުގައި ހުންނެވި ރީކޯ މޫސާ މަނިކު ވިދާޅުވީ، ރައްޔިތުންގެ ނަމުގައި ލޯނުނަގާފައި ފަސް އަހަރުގެ ސަރުކާރެއް ނިމުމުގެ ކުރިން އެމީހަކު އެޅި ފުލެޓަކަށް ރައްޔިތަކު ވެއްދުމަށްފަހު މެޑަލް ޖެހުން އެންމެ ރަނގަޅުކަމަށެވެ.

"އިންތިޚާބު ބޯމަތިވީމަ ފުލެޓް ބައްޕަޔާ ފްލެޓް މަންމަޔާ ފްލެޓް ދޮންބެޔާ، ފްލެޓު ބަފާބެއާ ފްލެޓް މައިދައިތަޔާ، ހީވަނީ އެހެންކަމެއްހެން؟" ރައްޔިތުންގެ ބޯހިޔާވަހިކަން ސިޔާސީ ހަތިޔާރަކަށް ހެދުމާމެދު ނުރުހުން ފާޅުކުރަށްވަމުން ރީކޯ މޫސަ ވިދާޅުވެފައިވެއެވެ.



ރައީސް ޔާމީންގެ ސަރުކާރުގައި އިމާރާތްކުރި 7000 ހައުސިންގ ޔުނިޓްގެ ބޯހިޔާވަހިކަން، ނުވަތަ ހިޔާ މަޝްރޫޢުގެ ދަށުން ފްލެޓް ދިން ގޮތާއިމެދު ގިނަ ބަޔަކު ޝަކުވާ ކުރަމުންދަނިކޮށް، ހައުސިންގ މިނިސްޓަރ މުހައްމަދު އަސްލަމާއި ފްލެޓް ކޮމިޓީގެ މެމްބަރު ތޯހާ މުހައްމަދު ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރަން މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން ވަނީ ނިންމާފައެވެ. އަސްލަމާއި ތޯހާގެ އިތުރުން އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތާއި މާލޭގެ މޭޔަރު ޝިފާ މުހައްމަދުވެސް ކޮމިޓީއަށް ހާޒިރުކުރުމަށް ވަނީ ފާސްކޮށްފައެވެ.

ސަރުކާރުގެ ކަމާބެހޭ ފަރާތްތައް ކޮމިޓީއަށް ހާޒިރުކުރަން ނިންމާފައިވާއިރު، އެ ކޮމިޓީން އަންނަނީ ފްލެޓްތަކުގެ މައްސަލައިގައި ދިރާސާއެއްވެސް ކުރަމުންނެވެ. ހިޔާ ފްލެޓްތައް ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓް އާއްމުކޮށްފައިވާއިރު، ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު އަންނަނީ ފްލެޓް ދިން ގޮތާއިމެދު ޝަކުވާ ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު