ޢުމަރު ނަސީރު
ޢުމަރު ނަސީރު
ޑީއެންއޭ އަކީ 2023 ގެ ރިޔާސީ އިންތިޚާބަށް އުފެއްދި ކެމްޕޭން ޙަރަކާތެއް ނޫން ކަމަށް 2023ގެ ރިޔާސީ އިންތިޚާބުގައި ވާދަކުރަށްވާނެކަން އިޢުލާނުކުރަށްވާފައިވާ ޢުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ޑީއެންއޭ ލޯންޗް ކުރުމަށް މިރޭ ބޭއްވި ޙަފްލާގައި ވާހަކަ ދައްކަވަމުން ޢުމަރު ނަސީރު ވިދާޅުވީ ޑީއެންއޭ އަކީ ދިވެހި ވަޠަން ދިވެހިންނަށް އަނބުރާ ހޯދައިދިނުމަށް ފަށާ ޙަރަކާތެއް ކަމަށެވެ. އަދި މިއީ ކޮރަޕްޓް ޕޮލިޓީޝަނުންގެ އަތުން ޤައުމު އަނބުރާ އަތުލައި ޤައުމުގައި ހުރި ބޮޑެތި މައްސަލަތައް ޙައްލުކޮށް ރާއްޖެ އަމިއްލަ ފައިމައްޗަށް ނެގުމަށް ފަށާ ޤައުމީ މަސައްކަތެއް ކަމަށެވެ.

ޢުމަރު ވިދާޅުވީ ރާއްޖެ އަމިއްލަ ފައިމައްޗަށް އަލުން ނެގެން އޮތީ ސިޔާސީ ރޭހަކުން ކުރި ހޯދައިގެން ކަމަށެވެ. އަދި ޤައުމުގައި ހުރި ގޯސް ކަންކަމުގެ ވާހަކަ ގޯޅިގޯޅި ކަންމަތީގައާއި މީސް މީޑިއާގައި ދައްކައިގެން ނެރެވޭނެ ނަތީޖާއެއް ނޯންނާނެ ކަމަށް ޢުމަރު ވިދާޅުވިއެވެ. އަދި ޤައުމު ބަދަލު ކުރެވޭނީ ޢަމަލީ ގޮތުން މަސައްކަތުގައި ބައިވެރިވެގެން ކަމަށް ޢުމަރު ވިދާޅުވިއެވެ.

"މިއީ އަންނަ ރިޔާސީ އިންތިޚާބަށް އުފެއްދި ޙަރަކާތެއް ނޫން. އަދި މީ އަޅުގަނޑުގެ ކެމްޕޭން ޙަރަކާތެއްވެސް ނޫން. ޑީއެންއޭ އަކީ ރާއްޖެ ބަދަލުކުރުމަށް އުފައްދާ ޙަރަކާތެއް. ނަމަވެސް އަންނަ ރިޔާސީ އިންތިޚާބުވާނީ މިޤައުމު ޓްރާންސްފޯމް ކުރުމަށް ލިބޭ ފުރުސަތުތަކުގެ ތެރެއިން އެއް ފުރުސަތަށް." މިރޭގެ ޙަފްލާގައި ޢުމަރު ވިދާޅުވެފައިވެއެވެ.

އުމަރު ވިދާޅުވީ ޑީއެންއޭ އުފައްދަނީ މިނިވަން އިސްލާމީ އަމިއްލަ ދަޢުލަތެއް ކަށަވަރު ކުރުމަށް ކަމަށެވެ. އަދި އިސްލާމްދީނާ ދިވެހި ވަޠަންދެކެ ލޯބިވާ އެންމެން ޑީއެންއޭގެ ޙަރަކާތާ ގުޅުމަށް ޢުމަރު ވަނީ ދަޢުވަތު އަރުވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން