މާލޭ ސިޓީގެ މޭޔަރުކަމަށް ވާދަކުރަށްވާ އަލްހާން ފަހުމީ
މާލޭ ސިޓީގެ މޭޔަރުކަމަށް ވާދަކުރަށްވާ އަލްހާން ފަހުމީ
ވެރިކަމަށް އައުމަށްޓަކައި އެމްޑީޕީން ދިވެހި ރައްޔިތުންނަށް ވަޢުދުވެފައިވާ މިނިމަމް ވޭޖަށް ވީގޮތް އޮޅުންފިލުވައި ދިނުމަށް އަމިއްލަގޮތުން މާލޭ ސިޓީގެ މޭޔަރުކަމަށް ވާދަ ކުރަށްވާ އަލްހާން ފަހުމީ އެދިވަޑައިގެންފިއެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވަޢުދުތަކުގެ ތެރެއިން އެންމެ މުހިންމު އެއް ވަޢުދު ކަމަށްވާ މިނިމަމް ވޭޖް ކަނޑައެޅުމުގެ ވަޢުދު މިއަދާ ހަމައަށްވެސް ފުއްދިފައިނުވާތީ އަލްހާން ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރަށްވާފައެވެ.

އަލްހާން ވިދާޅުވީ، ކޯވިޑް-19 ގެ ޙާލަތާއި ގުޅިގެން ރައްޔިތުންވަނީ ވަޒީފާތައް ގެއްލި، ޢާމްދަނީ ދަށްވެފައި ކަމަށެވެ. އަދި އެކަމުގެ ސަބަބުން ޢާއްމުން ތަޙައްމަލް ކުރަމުންދާ ދަތިތަކުން އަރައިގަތުމަށް "އެޖެންޑާ-19" ގައި އެމްޑީޕީން ވަޢުދުވެފައިވާ އެންމެ ދަށް އުޖޫރަ ވީހާވެސް އަވަހަށް ކަނޑައަޅަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން އެންމެ ދަށް އުޖޫރަ ކަނޑައެޅުމުގައި ރައްޔިތުންގެ ބޭނުންތައް ފުއްދޭ ވަރުގެ އުޖޫރައެއް ކަނޑައަޅައި، މަޖިލީހުގައި ތާށިވެފައިއޮތް މިނިމަމް ވޭޖްގެ ބިލް އަވަހަށް ފާސްކުރުމަށް އަލްހާން ވަނީ ގޮވާލައްވާފައެވެ.

މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ އިގްތިސޯދީ ކޮމެޓީގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، މިނިމަމް ވޭޖް ދެވޭނީ ރާއްޖޭގެ އިޤުތިޞާދީ ހާލަތު 2020 ވަނަ އަހަރުގެ ޖަނަވަރީ މަހު އޮތް ހާލަތުގައި އޮވެގެން ކަމަށާއި އެހާލަތަށް ދެވޭނީ 2022 ވަނަ އަހަރުގައި ކަމަށެވެ.

އަދި މިނިމަމް ވޭޖް ކަނޑައެޅުމަކީ ސަރުކާރުންވެސް ތާއިދު ކުރައްވާ ކަމެއް ކަމަށާއި، ނަމަވެސް އެކަން ކުރެވެން އޮތީ ކޯވިޑް-19 ގެ ޙާލަތުން އަރައިގަނެވިގެން ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. ވަޒީފާއާ ބެހޭ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުގައި އެކި ދާއިރާތަކަަށް އެންމެ ކުޑައުޖޫރަ ތަފާތުވާ ގޮތަށް 4،000ރ-8،000ރ. އަށް ކަނޑައަޅަން ވަނީ ހުށަހަޅައިފަ އެވެ. އެގޮތުން، ފުރަތަމަ ކެޓަގަރީއަށް 8،000ރ އާއި 8،500ރ އާ ދެމެދުގެ އަދަދެއް، ދެވަނަ ކެޓަގަރީއަށް 6،000ރ އާއި 6،500ރ އާ ދެމެދުގެ އަދަދެއް އަދި ތިން ވަނަ ކެޓަގަރީއަށް 4،000ރ އާއި 4،500ރ އާ ދެެމެދުގެ އަދަދެއް ކަނޑައެޅިދާނެ ކަމަށް އެ ބިލްގައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން